Advertisement

ހުރިހާ އުޅަނދަކަށް ހިދުމަތް ދިނުމުގެ ބަދަލުގައި އެސްޓީއޯގެ އަމާޒު ހުރީ ލަގްޒަރީ އުޅަނދުކަށް: ޝިމާދު

ބަންކަރިންގެ ހިދުމަތް ފެށުމަށް މިއަދު ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ، ޝިމަދު އިބްރާހިމް ވާހަކަދައްކަވަނީ -- ފޮޓޯ: އެސްޓީއޯ


ހުރިހާ އުޅަނދަކަށް ހިދުމަތް ދިނުމުގެ ބަދަލުގައި އެސްޓީއޯގެ އަމާޒު ހުރީ ލަގްޒަރީ އުޅަނދުކަށް: ޝިމާދު

ހއ. އަތޮޅުގައި މިއަދު ފެށި ބަންކަރިން ހިދުމަތް ދޭއިރު އެންމެ ބޮޑަށް އަމާޒު ހިފާނީ މި ސަރަހައްދު ހުރަސްކުރާ ލަގްޒަރީ އުޅަނދުތަކަށް ހިދުމަތް ދިނުމަށް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބަންކަރިން ހިދުމަތް އިފުތިތާހު ކުރުމަށް ހއ. ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފުރަތަަމަ ފަށައިގަންނާނީ ދެވައްތަރެއްގެ ކާގޯއިން ކަމަށެވެ. އެއީ މެރިން ގޭސް އޮއިލް (ޑީސަލް) އާއި ލޯ ސަލްފާ ފިއުލް އޮއިލް އިން ކަމަށެވެ.

އެ ހިދުމަތް ދެމުންދާއިރު، މި ސަރަހައްދުން ދަތުރު ކުރާ ހުރިހާ އުޅަނދަކަށް ހިދުމަތް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ޝިމާދު ވިދާޅުވި އެވެ.

"ވިޓޯލް އާއި އެސްޓީއޯ ގުޅިގެން އަޅުގަނޑުމެން ބޭނުން ވަނީ ރާއްޖެ ސަރަހައްދުން މިދާ ލަގްޒަރީ ވެސެލްތަކަށާއި ނީޝް މާކެޓު، މާނައަކީ އަޅުގަނޑުމެންނަށް ބޮޑެތި ފައިދާ ލިބޭނެ ވެސެލްތަކަށް ޓާގެޓުކޮށް އެ ވެސެލްތަކަށް ސާވިސް ދިނުން، ހަމަ މިހެންދާ ކޮންމެ ވެސެލްއަކަށް ސާވިސް ދިނުމެއް ނޫން،" ޝިމާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިޓޯލްއިން ރައްޖޭގައި ބަންކަރިންގެ ހިދުމަތް ދޭން ނިންމައި އެކަން އިޝްތިހާރު ކުރަން ފެށުމާއެކު ދުނިޔޭގެ އެކި ކަންކޮޅުން އިންކުއަރީސްތައް އަންނަން ފެށި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މިހާރު ދެމުންދާ ގޮތަށް އޮފްޝޯ ބަންކަރިންގެ ހިދުމަތް އެކަނި ދީގެން ފަރު ޖައްސައި ނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޯފް ޝޯގައި މި މަސައްކަތް ކުރިއަށް ގެންދިޔުމަކީ ދާއިމީ ހައްލެއް ނޫން، އަޅުގަނޑުމެން، ދާއިމީ ހައްލަކީ މި ސަރަހައްދު މި އޮތް ސްޓްރެޖިކް ލޮކޭޝަންގައި ބިން ހިއްކައިގެން މިތަނުގައި ރަނގަޅު ފިއުލް ފާމުތަކަކާއި ރަނގަޅު ޕޯޓެއް ގާއިމުކޮށް މުސްތަގުބަލުގައި ޒަމާނީ ފެންވަރުގެ ވަސީލަތްތައް މިތަނުގައި ގާއިމުކޮށް ހިދުމަތް ދިނުން،" ޝިމާދު ވިދާޅުވި އެވެ.

ބަންކަރިންގެ ހިދުމަތް މިއަދު ފެށިއިރު، އެންމެ ފުރަތަމަ ހިދުމަތް ދީފައި ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އޮޕަރޭޓު ކުރާ ވައިސީ ބެރިއާ އަށެވެ.

އެ ބޯޓު މީގެ ކުރިން ބަންކަރިންގެ ހިދުމަތް ހޯދަމުން ދިޔައީ ކޮލަމްބޯއިންނެވެ. 1100 ކޮންޓޭނަރު އުފުލުމުގެ ގާބިލުކަން ހުންނަ އެ ބޯޓުން މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުން ކުރާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ރާއްޖޭގައި ފްލޯޓިން ބަންކަރިންގެ ހިދުމަތް ދޭން ފެށީ 3258 ޓަނުގެ އެމްޓީ އޭންޖަލް އާއި 3939 ޓަނުގެ އެމްޓީ މެރިން ބެލާ ބޭނުން ކޮށްގެންނެވެ.

ބަންކަރިންގެ ހިދުމަތް ރާއްޖެއިން ފެށި ޗެނަލުން މިހާރު ވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅަށް ދަތުރު ކުރާ ކަމަށް އެސްޓީއޯއިން ބުނެ އެވެ. މީގެ އެއް ޕަސެންޓު އުޅަނދަށް ހިދުމަތް ދެވުނަސް، އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު އިގުތިސޯދަށް ވަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު އެކި ފަހަރު މަތިން ވިދާޅުވެފައިވެ އެވެ.