Advertisement

އެމްޑީއޭގެ ލީޑަރު ސިޔާމް 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ

އެމްޑީއޭގެ ލީޑަރު ސިޔާމް: އޭނާ 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު


އެމްޑީއޭގެ ލީޑަރު ސިޔާމް 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ

މީގެ ހަތަރު އަހަރު ފަހުން، 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ވާދަކުރައްވަން ނިންމަވައިފި އެވެ.

އިތުބާރުހުރި މަސްދަރުތަކުން "އަދަދު" އަށް ކަށަވަރުކޮށްދިން ގޮތުގައި ސިޔާމްގެ ނިންމުމާ އެއްގޮތަށް އެމްޑީއޭއިން މިހާރު ދަނީ މެންބަރުން އިތުރުކޮށް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން ކެމްޕޭން ޓީމުތައް އެކުލަވާލުމުގެ މަސައްކަތް ވެސް ފަށާފައިވެ އެވެ.

މި ނޫހާ ވާހަކަދެއްކި އެއް މަސްދަރުން ބުނި ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ސިޔާމް ނިންމެވީ ރާއްޖެ މިހާރު އޮތް އިގުތިސޯދީ ހާލަތުން އަރައިގަނެވޭނީ އޭނާ ފަދަ ލީޑަރަކަށް ކަން ގަބޫލުކުރައްވާތީ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވިއިރު، ސިޔާމް ހުންނެވީ މި ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު މަސައްކަތް ކުރައްވާ ލީޑަރެއްގެ ގޮތުގަ އެވެ. މަޖިލީހުގައި ވެސް އެމްޑީއޭއިން މަސައްކަތް ކުރައްވަނީ ސަރުކާރާ އެއްކޮޅަށެވެ. އަދި، މި ސަރުކާރުގެ ސިޔާސީ ގިނަ މަގާމުތަކުގައިވެސް އެމްޑީއޭގެ އިސް އޮފިޝަލުން އެބަތިއްބެވެ.

މިހާތަނަށް ސިޔާމް އާއި ރައީސް މުއިއްޒު އާ ސިޔާސީ ދެބަސްވުމެއް ހިނގާފައިވާ ކަމަކަށް އަޑުފެތުރިފައެއް ނުވެ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒު 2012 ގައި ފުރަތަމަ ވަޒީރުކަމަށް ވަޑައިގެންނެވީ ވެސް އެމްޑީއޭގެ މެންބަރެއްގެ ގޮތުގަ އެވެ.

ނަމަވެސް، މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ސިޔާމް ބޮޑު ރިސޯޓެއް ތަރައްގީ ކުރަން ޗައިނާގެ ބޭންކަކުން ނަގަން މަސައްކަތްކުރާ 165 މިލިއަން ޑޮލަރުގެ ލޯނަށް ގެރެންޓީ ނުދޭން ސަރުކާރުން މި ފަހުން ނިންމި އެވެ. އެގޮތަށް ނިންމީ ގެރެންޓީ ހޯދުމަށް ސިޔާމް އެދިލައްވާފައިވަނިކޮށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ސިޔާމް އަދި އެމްޑީއޭއިން ރައީސް މުއިއްޒުއަށް ތާއީދުކުރެއްވީ ދެވަނަ ބުރުގަ އެވެ. އޭގެ ކުރިން އެ ޕާޓީ އޮތީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގަ އެވެ.