19 ސެޕްޓެންބަރު 2024 - 15:12 0
މޫސާ ނާޝިއު
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް. އޭނާ ވަނީ އީވާން ނަސީމްގެ ހިތާމަވެރި މަރުގެ ހަނދާން އާކޮށްފައި ---- ފޮޓޯ:މިރާޝް ނާޝިމް/އަދަދު
19 ސެޕްޓެންބަރު 2024 - 15:12 0
މާފުށީގައި ޖަލުގައި ސެޕްޓެމްބަރު 19, 2003 ގައި އަނިޔާކޮށް މަރާލި އީވާން ނަސީމްގެ މަރާއެކު ހިނގައިދިޔަ ހާދިސާތަކަކީ އަދުގެ ޒުވާނުން ދިރާސަކޮށް އިބުރަތް ހާސިލުކުރަން ޖެހޭ ފަދަ ހާދިސާތަކެއް ކަމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ އީވާނަށް ލާއިންސާނީ އަނިޔާކޮށް އޭނާ މަރާލީ މީގެ 21 އަހަރު ކުރިން މިއަދު އެވެ. އީވާންގެ މަރަށް ފަހު ޖަލުގައި ތިބި ގައިދީން ހަޅުތާލު ކުރުމާ އެކު އެ މީހުންގެ ތެރެއަށް ބަޑިޖަހައި ތިން ގައިދީން މަރާލައި 17 ގައިދީން ގަޔަށް ވަޒަން އެެރުމުގެ ސަބަބުން އަނިޔާވި އެވެ.
އެ ދުވަހުގެ ހަނދާން އާކުރައްވަމުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އެއީ ހުދުމުހުތާރު ވެރިކަމެއް ނިންމަން ދިވެހިން ހިތްވަރު ހޯދި ދުވަސް ކަމަށެވެ. އޭރު ރާއްޖޭގެ ރައީސަކަށް ހުންނެވީ 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
"މިއީ ބިރު ފަހަނައަޅައި ނުކުމެ ހުދުމުހުތާރު އަނިޔާވެރި ވެރިކަމެއް ނިންމަން ދިވެހިން ހިތްވަރު ހޯދި ދުވަސް. އެތައް ބަޔެއްގެ ލެޔާއި ދާ އޮހޮރުވައިގެން އަނިޔާގެ ސަގާފަތް ނިމުމަކަށް ގެނައުމަށް ކުރި މަސައްކަތަކީ މިއަދު މި ދެކޭ މިނިވަންކަމާއި އަސާސީ ހައްގުތަކުގެ ކަށަވަރުވުމުގެ އަސްލު," ފައްޔާޒު ވިދާޅުވި އެވެ.
"ސެޕްޓެމްބަރު 2003 ގައި ހިނގައިދިޔަ ހާދިސާތަކަކީ އަދުގެ ޒުވާނުން ތާރީހު ދިރާސާކޮށް އިބުރަތް ހާސިލުކުރަން ޖެހޭ ހާދިސާތަކެއް."
އީވާން ނަސީމު ޖަލުގައި މަރާލުން ވެގެންދިޔައީ އަސާސީ ހައްގުތައް ހޯދުމަށާއި ވެރިންގެ އޯޑަރަށް ހިންގަމުންދިޔަ އަނިޔާވެރިކަމުގެ މުޑުދާރު ސަގާފަތް ރާއްޖޭން ފޮހެލުމަށް ގިނަ ދިވެހިންތަކެއް ހަށިފޮޅައިލައި ނުކުތް ދުވަހަށެވެ.
އޭރު އޮތް ސަރުކާރާ ދެކޮޅަށް ގިނަ ރައްޔިތުންތަކެއް މަގުތަކަށް އެއްވެ އޭރުގެ ރައީސް މައުމޫންގެ އިސްތިއުފާއަށް ވެސް ގޮވާލި އެވެ. އެ އެއްވުންތައް ހަމަނުޖެހުންތަކަށް ބަދަލުވެ ކުއްލި ހާލަތު ވެސް އެ ދުވަހު އިއުލާނުކުރި އެވެ.
ސެޕްޓެމްބަރު 2003, ގެ ފަހުކޮޅު ހިނގައިދިޔަ މި ހާދިސާތައް ވެގެންދިޔައީ ރާއްޖޭގެ އިސްލާހީ ހަރަކާތަށް ލިބިގެންދިޔަ އާ ބާރަކަށެވެ. ޖަލުތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހިނގާ ތަންތަންކަން ކަށަވަރު ކުރުމަށް ގާނޫނުތަކާއި ގަވާއިދުތައް ބަދަލުކޮށް ބަސް ބުނުމުގެ މިނިވަންކަން ހޯދުމަށް ބުރަ މަސައްކަތްތަކެއް އޭގެ އެތައް ބަޔަކު ކުރި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment