Advertisement

ފުޓްބޯޅަ އަށް އުންމީދެއް ހޯދައިދޭން މުޅި ރާއްޖެ އަށް ގޯލްޑް ކަޕްގެ ނަމުގައި މުބާރާތެއް

19 ސެޕްޓެންބަރު 2024 - 16:30 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ފުޓްބޯޅަ އަށް އުންމީދެއް ހޯދައިދޭން މުޅި ރާއްޖެ އަށް ގޯލްޑް ކަޕްގެ ނަމުގައި މުބާރާތެއް

19 ސެޕްޓެންބަރު 2024 - 16:30 1

ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އަލުން ވީހާވެސް ބޮޑަށް ގަދަ ކުރުމުގެ ބޭނުމުގައި "ގޯލްޑް ކަޕް"ގެ ނަމުގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ ފުޓްބޯޅަ މުބާރާތެއް ނައިންޓީ ޕްލަސް އާއި ސްޕޯޓްސް މިނިސްޓްރީން ގުޅިގެން ބޭއްވުމަށް ލޯންޗް ކޮށްފި އެވެ.

އެ ގޮތުން، މި ދިޔަ މަހުގެ ތެރޭގައި ނައިންޓީ ޕްލަސް އިން އިސްނަގައިގެން މި ކަމުގައި، މަސައްކަތް ފަށައި، ރާއްޖޭގެ ފުރަތަމަ ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝާޒްލީ (ޝާޒް) އާއި އަރަމުން އަންނަ ކޯޗު، އަލީ ނިސްތާރު މުހައްމަދު ވަނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ)އާ ބައްދަލުކޮށްފަ އެވެ.

ގޯލްޑް ކަޕްގެ ކަންކަން، ސްޕޯޓްސް މިނިސްޓްރީ އަށް އޮޅުންފިލުވައިދިން މި ބައްދަލުވުމުގައި، ނައިންޓީ ޕްލަސްއާ އެކު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަލީ އަޝްފާގު (ދަގަނޑޭ) އާއި އިމްރާން މުހައްމަދު (އިންމަ) ވެސް ބައިވެރިވި އެވެ.

މިހާރު މަޝްވަރާ ކުރެވިފައިވާ ގޮތުގައި، ގޯލްޑް ކަޕް ބާއްވަން މަސައްކަތް ކުރަނީ މި އަހަރުގެ ނޮވެމްބަރު މަަހު ފަހުކޮޅުގަ އެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅޭ މި ފަހަރުގެ ގޯލްޑް ކަޕް މުބާރާތުގައި 24 ޓީމެއް ވާދަކުރާއިރު، ފުޓްބޯޅައިގެ ކާމިޔާބީ އާއި މުބާރާތްތައް ބާއްވާ ނިސްބަތާއި ރާއްޖޭގެ ސިޓީތައް ތަމްސީލްކުރާ ގޮތަށް ޓީމުތަކަށް ދައުވަތުދޭނެ އެވެ. އެ ގޮތުން، ފަސް ސިޓީ އަށް ދައުވަތުދޭއިރު، ދެން ފުރުސަތު އޮންނާނީ ފުޓްބޯޅައިގެ ކާމިޔާބީ އާއި މުބާރާތް ބޭއްވުމުގެ ނިސްބަތާއި ފުޓްބޯޅައިގެ ފޯރިގަދަ ރަށްތަކަށް ދޭ ގޮތަށެވެ.

މީގެ އިތުރުން، ވެސް ފުޓްބޯޅައިގެ ކަންކަމަށް ޝައުގުވެރިކަން .ހުންނަ ރަށްރަށަށް ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލާނެ އެވެ.

ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ އާއި ރަނަރަޕަށް ބައިލައްކަ ރުފިޔާ ދޭ ގޮތަށް މުބާރާތުގެ އިނާމް ފައިސާގެ ކަންކަން ރޭވިފައިވެ އެވެ. އަދި މުބާރާތް ޕްރޮމޯޓްކުރުމުގައި، 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިން ބޭނުންކުރުމަށް ވެސް ގޯލްޑް ކަޕް އިންތިޒާމްކުރާ ފަރާތްތަކުން ވަނީ ނިންމައިފަ އެވެ.

ގޯލްޑް ކަޕްގެ ޕްރޮޖެކްޓްގެ މަގުސަދުގެ ގޮތުގައި ހިމަނާފައިވާ ކަންތައްތައް:


- ކުރިން އޮތް ފުޓްބޯޅަ ފޯރި މިހާރު ފަނޑުވެފައިވާތީވެ، ފުޓްބޯޅަ ފޯރި ގެނައުމަށް އެހީތެރިވުން. - ޒުވާނުންގެ މެދުގައި ކުޅިވަރު އާލާ ކުރުމަކީ މުޖުތަމައުގައި ޒުވާން ޖީލު ބިނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ ކަމަކަށް ވުމާ އެކު، އެކަމަށް އެހީތެރިވުން. - ކުޅުންތެރިންނަށް އޮފިޝަލުންނަށް މި ވަގުތު ފުޓްބޯޅައިގެ ވަޒީފާތައް ގެއްލި އާމްދަނީގެ ގޮތުން ނިކަމެތިކަން ލިބިފައިވާތީވެ، އެކަމަށް އެހީތެރިވުމުގެ ގޮތުން، ފުރުސަތު ތަނަވަސްކޮށްދިނުން. - ހުއްޓިފައިވާ ދިވެހި ލީގު އަލުން ފަށާއިރު، ކްލަބްތަކަށް ކުޅުންތެރިން ހޯދަން އެހީތެރިވެދިނުން. - ފުޓްބޯޅަ ވިޔަފާރިއަކަށް ހެދުމަށްޓަކައި އެކަމަށް އެހީތެރިވުން. - ވިޔަފާރިވެރިންގެ މެދުގައި އޮތް ތާއީދު އަނބުރާ ހޯދައިދިނުމުގެ އިތުރުން އެ ފަރާތްތަކަށް ފުޓްބޯޅައިން ވިޔަފާރިއަށް ފައިދާވާނެ ކަމުގެ އިތުބާރު ހޯދައިދިނުމަށް އެހީތެރިވުން. - ކުޅިބަލާ މީހުން ދަނޑަށް ވަނުމުގެ ރޫހު އާލާކޮށް 80ގެ އަހަރުތަކުގައި ސަޕޯޓަރުންގެ މެދުގައި، ފުޓްބޯޅަ އަށް އޮތް ފޯރި ގެނެސް ގަލޮޅު ދަނޑު ފުރާލުމަށް އެހީތެރިވެދިނުން. - ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި ފުޓްބޯޅައިގެ ފޯރި ދިރުވައި، ކުޅުންތެރިންނާއި އޮފިޝަލުންނަށް އިތުރު ފުރުސަތު ތަަނަވަސްކޮށްދިނުން. - ރާއްޖޭގައި އެއްބައިވަންތަކަން ބިނާކޮށްދިނުމުގައި މި މުބާރާތުގެ ތެރެއިން އެކަން ކުރުމަށް އެހީތެރިވުން

މި ފަހަރު ބާއްވާ މުބާާރާތުގެ ފުރަތަމަ ފޭސް ހާއްސަކުރެވިފައިވަނީ، ރަށްރަށަށް ނިސްބަތްވާ މާލޭގައި ދިރިއުޅޭ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހާއްސަވާ ގޮތަށް ނަމަވެސް އެ ރަށަށް ނިސްބަތްވާ ކޮންމެ ފަރާތަކަށް ވެސް ޓީމަށް ކުޅެވޭނެ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ އަދި ވަޒީފާ އަދާކުރާ ރަށްރަށަށް ނިސްބަތްވާ ކުޅުންތެރިންނަށް ހާއްސަ ކުރުމޭ ބުނާ ބަހުގެ މާނައިގެ ގޮތުގައި، ނައިންޓީ ޕްލަސް އިން ފާހަގަކުރީ، މި ވަގުތަށް ބަލާއިރު، ރަށުގައި ޕްރެކްޓިސްކުރުމަށް ފަހު، މާލެ އައިސް މެޗުތައް ކުޅެން ޖެހިއްޖެނަމަ ހިނގާ ހަރަދުތައް ބޮޑުވާނެތީ އެވެ.

އެ ގޮތުން، މުބާރާތް މި ފަހަރު ބާއްވާއިރު، ގޯލްޑް ކަޕް އިންތިޒާމްކުރާ ފަރާތުން ނިންމާފައިވަނީ، މި އަހަރުގެ ޖެނުއަރީ އެކެއްގެ ފަހުން، ރަޖިސްޓްރީ ބަދަލުނުކުރާ ކުޅުންތެރިންނަށް އެ ކުޅުންތެރިން ރަޖިސްޓްރީގައި ތިބި ރަށަކަށް ކުޅެވޭ ގޮތަށެެވެ. މި ގޮތަށް ނިންމާފައިވަނީ، މި ފަހުން، މުބާރާތްތަކާ ދިމާކޮށް، ރަށްރަށަށް ރަޖިސްޓްރީ ބަދަލުކުރުމުގެ ކަންކަން އާންމުވެފައިވާތީ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ކައުންސިލް ނޫނީ ރަށް ތަމްސީލްކުރާ ކްލަބަކަށެވެ. އެއީ، ކައުންސިލަށް މުބާރާތުގެ ދައުވަތު ފޮނުވައިގެން، ކައުންސިލުން ބައިވެރިނުވާނަމަ އެ ރަށެއްގެ ކްލަބް ޖަމިއްޔާ އަކަށް ފުރުސަތު ދޭ ގޮތަށެވެ.

މީގެ އިތުުރުން، ކުރިއަށް އޮތް އަހަރުތަކުގައި މި މުބާރާތް އިތުރަށް ބޮޑުކޮށް، ކުރިއަށް ގެންދަން ނިންމާފައިވަނީ، އިތުރު ފޭސް އަކަށް މުބާރާތުގެ ކަންކަން ފުޅާކުރާ ގޮތަށެވެ.

ދެ ވަނަ ފޭސް އަށް މުބާރާތް ބޮޑުކުރާއިރު، އަތޮޅު ލެވަލްގައި، ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ގޮތަށް، ސިޓީތަކާއި އަށް ޒޯނުގައި ވެސް ކޮލިފައިން ކުުޅުމަށް ފަހު، ފައިނަލް ރައުންޑް މާލޭގައި ކުޅޭނެ އެވެ. އެއީ، މި ފަހަރުގެ ގޯލްޑް ކަޕް ބާއްވާ ގޮތަށް ފޭސް ވަން އާ ގުޅުވާލައިގެންނެވެ.

އެ ގޮތުން، ފޭސް ދޭއްގައި، ދެ އަހަރު އެއް ރަށަކަށް މުބާރާތް ކުޅެފައި ނޫން ގޮތަކަށް އެހެން ރަށަކަށް ކުޅުންތެރިއަކަށް ބަދަލުނުވެވޭނެ އެވެ.