Advertisement

ފާނަ އާލާކުރަން ބޭނުންވާ ފަރާތްތަކަށް ފާނަ ކޮށްޓާއި ކުދި ފާނަ ވިއްކަނީ

ފާނަ އާލާ ކުރުމަށް ބޭނުންކުރާ ވައްތަރެއްގެ ފާނަ ކޮށްޓެއް: މިނިސްޓްރީން ކޮށި ސެޓް ވިއްކަނީ ހުރިހާ ސާމާނެއް ހިމެނޭ ގޮތަށް-- ފޮޓޯ/ ޑރ. އަހްމަދު ރިޔާޒު ޖައުހަރީ


ފާނަ އާލާކުރަން ބޭނުންވާ ފަރާތްތަކަށް ފާނަ ކޮށްޓާއި ކުދި ފާނަ ވިއްކަނީ

ވިޔަފާރި އުސޫލުން ފާނަ އާލާކުރަން ބޭނުންވާ ފަރާތްތަކަށް ކުދި ފާނަ އާއި ފާނަ ކޮށި ގަތުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިނިސްޓްރީން ގެޒެޓުގައި އިއްޔެ ކުރި އިއުލާނެއްގައި ބުނީ މެރިކަލްޗާގެ ވިޔަފާރި ކުރުމަށް މަގުފަހިކޮށް ދިނުމަށް ޓަކައި ފާނަ ކޮށްޓާއި ދިރޭ ކުދި ފާނަ ވިއްކުމުގެ ޕްރޮގްރާމެއް ހިންގުމަށް ގަސްދުކޮށް އެތަކެތި ގަތުމަށް އެދި ނަން ނޯޓު ކުރުމުގެ ފުރުސަތު، ޝަގުރުވެރިވާ ފަރާތްތަކަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ނުވަ އަކަމީޓަރުގެ އަށް ގޮޅި ހިމެނޭ (ޖުމްލަ 72 އަކަމީޓަރު) ކޮށި ސެޓެއް، ފްރޭމާއި ދާގަނޑުތަކާއި ވަލާއި ނަގިލި ހިމެނޭ ގޮތަށް، ވިއްކަން ނިންމާފައިވަނީ އެއް ލައްކަ ރުފިޔާ އަށެވެ. ޖުމްލަ 57 ކޮށި ވިއްކާއިރު، އިސްކަންދޭން ނިންމާފައިވަނީ ކޮށީގެ އަގު ދައްކާ ހަލާސްކުރާ ތަރުތީބުންނެވެ.

ފިޝަރީޒް މިނިސްޓްރީން ވިއްކަން ނިންމާފައިވާ ވައްތަރުގެ ކަސް ފާނަ އެއް -- ފައިލް ފޮޓޯ


ކ. މަނިޔަފުށީގައި ހިންގާ ރިސާޗް ހެޗަރީގައި ކުރިއަށްގެންދާ ފާނަ އާލާކުރުމުގެ ރިސާޗް ޕްރޮގްރާމުގެ ތެރެއިން އުފެއްދޭ މިންވަރަކުން، މިނިސްޓްރީން ވިއްކަން ނިންމާފައި ވަނީ، 10 ސެންޓިމީޓަރާއި 14 ސެންޓިމީޓަރާ ދެމެދުގެ (30-50 ގްރާމް ހުންނަވަރު) ކުޑަ ފާނަ އެއް 15ރ. އަށެވެ. އިއުލާނާ އެކު ހިމާނާފައިވާ މައުލޫމާތު ކަރުދާހުގައި ވާގޮތުން މިނިސްޓްރީން ވިއްކަނީ "ކަސް ފާނަ" އެވެ.

ފާނަ އާލާކުރުމާ ބެހޭ ބައެއް ލިޔުންތަކުގައިވާ ގޮތުން، ފާނައެއް ވިއްކާލާ ސައިޒަށް އަންނަނީ ބަރުދަނުގައި މަދުވެގެން 400 ގްރާމް ހަމަވުމުންނެވެ. ކޮށީގައި ގެންގުޅޭ ފާނަ، ފަސް މަހާއި ހަތް މަސް ދުވަހުން އެ ސައިޒަށް ބޮޑުވެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ޖުމްލަ 32،077 ދިރޭ ފާނަ ރާއްޖެ އިން ހޮންކޮން އަށް ބޭރުކޮށްގެން 1.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އެވަރެޖްކޮށް ފާނަ އަކަށް 40ރ. އެވެ. ހޮންކޮންގެ ހޯލްސޭލް ބާޒާރުގައި މިއަދު ދިރޭ ކަސް ފާން ކިލޯ އެއް ހުރީ ގާތްގަނޑަކަށް 40 ޑޮލަރު (616.8ރ.) އަށެވެ.