Advertisement

މާފަންނު ވެލި ދަނޑު ފުލުހުންނަށް ދޫކުރީ މަޖުބޫރީ ހާލަތެއްގައި

18 ސެޕްޓެންބަރު 2024 - 19:03 0

އަތޫފް އާތިފް

އަތޫފް އާތިފް

އެފްއޭއެމްގެ މިނީ ޓާފްގެ މަތީގައި ވެހިކަލްތައް ޓޯ ކޮށްފައި.،---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މާފަންނު ވެލި ދަނޑު ފުލުހުންނަށް ދޫކުރީ މަޖުބޫރީ ހާލަތެއްގައި

18 ސެޕްޓެންބަރު 2024 - 19:03 0

މިނީ ޓާފް ދަނޑު ހިމެނޭ ގޮތަށް މާފަންނު ވެލި ދަނޑު، މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރީ "މަޖުބޫރު" ވެގެން ކަމަށާއި، އެއީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް ފުލުހުންނާއި ސަރުކާރަށް އެންގި ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްޓިން، ޖެނެރަލް ސެކެޓްރީ ޖައުޝަން ޝަރީފް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖައުޝަން ވިދާޅުވީ، މި އަހަރު ދޯދަ މަހުގެ ކުރިން އެފްއޭއެމް އަށް އައި ރިކުއެސްޓަކީ މިނީ ޓާފް ސަރަހައްދު، ފުލުހުންގެ ޓޯ ޔާޑެއްގެ ގޮތުގައި ބޭނުންވާ ކަމަށެވެ. އަދި އެ ރިކުއެސްޓް އައުމާ ގުޅިގެން އެފްއޭއެމް އިން ވަނީ ސަރުކާރާ ފުލުހުންނާ ވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އަންގާފައި ކަމަށް ޖައުޝަން ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޖައުޝަން ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ޖައުޝަން ވިދާޅުވީ، އެފްއޭއެމުން މިނީ ޓާފް ސަރަހައްދު ފުލުހުންނަށް ދިނީ މަޖުބޫރީ ހާލަތުގައި ކަމަށެވެ. އެއީ, އެފްއޭއެމް އިން ފުލުހުންނާ މިނިސްޓްރީ އަށް ދޭން ބޭނުންވާ އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.

"މަޖުބޫރީއޭ އަޅުގަނޑު މި ދެންނެވީ، އަޅުގަނޑުމެން އަށް ވެސް އެ ބޭފުޅުންގެ އެއްބާރުލުން ބޭނުންވޭ, އެ ބޭފުޅުންނަށް ވެސް އަޅުގަނޑުމެންގެ އެއްބާރުލުން ބޭނުންވޭ" ޖައުޝަން ވިދާޅުވި އެވެ.

އެފްއޭއެމް އިން ފުލުހުންނަށް މިނީ ޓާފް ހަވާލުކުރިއިރު, މިނީ ޓާފް ދަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަދި އެ ދަނޑަކީ މީގެ ކުރިން، އެފްއޭއެމް އިން ޔޫތު ލީގާއި ޔޫތު ފުޓްބޯޅަ މުބާރާތްތައް ބޭއްވުމުގެ އިތުރުން، ކުންފުނިތަކަށް މުބާރާތްތައް ބޭއްވުމަށާއި ކްލަބްތަކުގެ އެކެޑަމީ ހަރަކާތްތައް ކުރިއަށްގެންދަން ވެސް އޮތް ދަނޑެވެ. މި ހުރިހާ ކަމަކަށް ބޭނުންކުރަމުން އައި ދަނޑެއް، އެފްއޭއެމް އިން ފުލުހުންނަށް ވެހިކަލްތައް ޓޯ ކުރަން ދޫކުރުމުން، އެ ކަމާ ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ.