Advertisement

މާރާމާރީއަކާ ގުޅޭ ތިން ދިވެހިން ބެންކޮކުން ހައްޔަރުކޮށް ރާއްޖެ ގެނެސްފި

ފުލުހުން މީހަކު ހައްޔަރު ކުރުމުގެ ތެރެއިން: މާރާމާރީއަކާ ގުޅޭ ތިން ދިވެހިން ބެންކޮކުން ހައްޔަރުކޮށް ރާއްޖެ ވަނީ ގެނެސްފައި -- ފޮޓޯ: އަދަދު ފައިލް


މާރާމާރީއަކާ ގުޅޭ ތިން ދިވެހިން ބެންކޮކުން ހައްޔަރުކޮށް ރާއްޖެ ގެނެސްފި

މާރާމާރީއަކާ ގުޅޭ ތިން ދިވެހިން ފިލައިގެން ތައިލެންޑުގައި އުޅެނިކޮށް އަތުލައިގަނެ، ރާއްޖެ ގެނެސްފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެ ތިން މީހުންނަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ޗީބޯ ގޯޅި ގަނޑު ތެރޭގައި ހިނގި މަރާމާރީގައި ތުހުމަތު ކުރެވޭ ތިން މީހުންނެވެ.

އެ ތިން މީހުން ފިލައިގެން ދިޔުމާ ގުޅިގެން ފުލުހުން ވަނީ އިންޓަޕޯލް ރެޑް ނޯޓިސްގެ ދަށުން ތައިލެންޑު ފުލުހުން މެދުވެރިކޮށް އެ މީހުން ހައްޔަރުކޮށްފަ އެވެ. ދިވެހި ފުލުހުން އެ ގައުމަށް ގޮސް އެ މީހުން ގެނައީ މިއަދު ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

"ބެންކޮކަށް ފިލައިގެން ގޮސް ތިއްބާ އިންޓަޕޯލް ރެޑްނޯޓިސް ނެރެގެން މިހާރު ތައިލެންޑް ޕޮލިސް ތުރޫކޮށް އެމީހުން އެކޮޅަށް ގޮސްގެން ގޮވައިގެން އައީ. އެކަކު ގޮވައިގެން ކުރިން އައިސް، މިއަދު އަނެއް ދެ މީހުން ގެނައީ،" އޭނާ ބުންޏެވެ.

އެ ތިން މީހުން ރާއްޖެއިން ފުރައިގެން ދިޔައީ މައްސަލައާ ގުޅިގެން ހައްޔަރުގައި ތިއްބައި، ކްރިމިނަލް ކޯޓުން އެ ތިން މީހުން ދޫކޮށްލުމާ ގުޅިގެންނެވެ.

ނަމަވެސް އެ މީހުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށް، ހައްޔަރުކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ފަހުން ދިން އިރު އެ މީހުން ވަނީ ފިލާފަ އެވެ.