Advertisement

ފުޓްބޯލް ޓްރޭނިން ފެސިލިޓީއެއް ހަދަން ހުޅުމާލެއިން އެފްއޭއެމްއަށް ދިން ބޮޑު ބިން އަތުލައިފި

ހުޅުމާލޭ ފޭސް 1 އިން އެފްއޭއެމްއަށް ދިން ބިން


ފުޓްބޯލް ޓްރޭނިން ފެސިލިޓީއެއް ހަދަން ހުޅުމާލެއިން އެފްއޭއެމްއަށް ދިން ބޮޑު ބިން އަތުލައިފި

ފުޓްބޯލް ޓްރޭނިން ފެސިލިޓީއެއް ގާއިމުކުރަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހުޅުމާލެއިން ދީފައި އޮތް ބިން އަތުލައިފި އެވެ.

ހުޅުމާލޭ ފުރަތަމަ ފޭހުގައި ފުޓްބޯލް ޓްރޭނިން ފެސިލިޓީއެއް ގާއިމު ކުރަން 230،000 އަކަފޫޓުގެ ބިމެއް ދޫކުރުމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އާއި އެފްއޭއެމްއިން ސޮއިކުރީ ޖުލައި 11، 2018 ގަ އެވެ.

ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވޭތުވެގެން ދިޔައިރު، އެ ޓްރޭނިން ފިސިލިޓީ ގާއިމު ކުރެވިފައި ނެތުމާއި އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާތީވެ، މި އަހަރުގެ ޖެނުއަރީ މަހު ވެސް އެޗްޑީސީން އެ އެއްބަސްވުން ބާތިލްކުރި އެވެ.

ނަމަވެސް ގިނަ ދުވަހެއް ނުވެ އެ ނިންމުން ބާތިލްކޮށް ބިން އަލުން އެފްއޭއެމް އަށް ދިނެވެ.


އެއްބަސްވުން އިޔާދަކުރީ އެ ބިމުން އަމިއްލަ ފަރާތްތަކަށް ބިންތައް ދޫކޮށްފައިވާތީވެ، އެއްބަސްވުން ބާތިލްކޮށްފި ނަމަ ފޫނުބެއްދޭވަރުގެ ގެއްލުމެއް އެފްއޭއެމް އަށް ކުރިމަތިވާނެ ކަމަށް ބުނެ އެ އެސޯސިއޭޝަނުން އެޗްޑީސީއަށް ހުށަހެޅުމުންނެވެ.

ނަމަވެސް ދެ ވަނަ ފަހަރަށް އެއްބަސްވުން ބާތިލްކޮށް، ބިން އަތުލީ މި ހަފުތާތެރޭގަ އެވެ. އެކަމުގެ ސަބަބެއް އެޗްޑީސީން އަދި ހާމައެއް ނުކުރެ އެވެ.

ފުޓްބޯލް ޓްރޭނިން ފިސިލިޓީގެ އެކޮމަޑޭޝަން ބްލޮކެއް ގާއިމުކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރި މަސައްކަތް ވެސް ފުރިހަމަ ނުކުރެވި އޮތީ ހުއްޓިފަ އެވެ.

އެ ބިމުގައި އެކި ވަސީލަތްތައް ތަރައްގީކުރަން އަމިއްލަ ކުންފުނިތަކަށް ވިޔަފާރި އުސޫލުން ބިންތައް ދޫކޮށްފައިވެ އެވެ.