Advertisement

ރާއްޖެ ޕްރޮމޯޓު ކުރަން ހޮލީވުޑް ފިލްމެއް ހަދަން މަސައްކަތް ކުރަނީ

17 ސެޕްޓެންބަރު 2024 - 20:20 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޑިސެމްބަރު, 2016 ގައި ރިލީޒް ކުރި ރޯގް ވަން: އަ ސްޓާ ވޯޒް ސްޓޯރީގެ މަންޒަރެއް. މި މަންޒަރުތައް ނަގާފައިވަނީ ލ. އަތޮޅުގައި --- ފޮޓޯ: މޯޝަންޕިކްޗާސް.އޯގް


ރާއްޖެ ޕްރޮމޯޓު ކުރަން ހޮލީވުޑް ފިލްމެއް ހަދަން މަސައްކަތް ކުރަނީ

17 ސެޕްޓެންބަރު 2024 - 20:20 2

ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖެއާ ގުޅޭ ފިލްމެއް އުފެއްދޭނެ ގޮތެއް އޮތްތޯ ބަލައި، އެފަދަ ކުންފުންޏަކާ އެކު މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިފަހުން އެމެރިކާގެ ވޮޝިންޓަނަށް ކުރި ދަތުރެއްގައި ހޮލީވުޑުގެ ޕްރޮޑަކްޝަން ހައުސްއަކުން ރާއްޖެއާ ގުޅޭގޮތުން ފިލްމެއް އެފެއްދިދާނެ ގޮތެއް އޮތްތޯ ބެއްލެވި ކަމަށެވެ. އެކަން ކުރަން މަސައްކަތް ކުރެއްވީ ރާއްޖޭގެ މޫސުމާއި ރާއްޖޭގައި އިންވެސްޓު ކުރަން މީހުން ޝައުގުވެރިވާނެ ގޮތަކަށް ކަމަށް އެނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސިޓީއެއް ފޮނުވިން ފައިންޑިން ނީމޯ މޫވީ ހެދި، ސްޓޯރީ ލިޔުނު ފަރާތަށް، ދެން އެ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންނަށް ހޮލީވުޑުގެ ސްޓާޓްއަޕް ކޮޕްމެނީއަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން އެ ބޭފުޅުން ރާއްޖެއަށް އައިސް ވަރަށް ގިނަ ފަރާތްތަކާ ބައްދަލު ވެސް ކޮށްފައި މިހާރު ވަނީ، ދެން އަޅުގަނޑުމެން އުއްމީދު މި ކުރަނީ އެ މަސައްކަތް ކޮންމެވެސް ކޮޅެއްގައި ޖެހޭނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.

އެ މަސައްކަތް ކުރަމުން ދަނީ ކްރިއޭޓިވް އިކޮނޮމީ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ސަރީދު ވިދާޅުވި އެވެ. އަދި، މި ސަރުކާރުގެ ކްރިއޭޓިވް އިކޮނޮމީ ޕްލޭން މިރޭ އިފްތިތާހު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ފިލްމީ އިންޑަސްޓްރީއަކީ ސަރުކާރުތަކުން މާބޮޑު އަހަންމިއްޔަތު ކަމެއް ދޭ އިންޑަސްޓްރީއެއް ނޫން ނަމަވެސް ރާއްޖެ ޕްރޮމޯޓު ކުރަން ހޮލީވުޑް ފިލްމެއް އުފައްދަން ސަރުކާރުން މަސައްކަތް ކުރަނީ ރައީސް އެ އިންޑަސްޓްރީ ބަލައިގަނެފައިވާތީ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް މިހާރު މިކުރަނީ ހައިބޫ ކިޔާ ކުންފުންޏަކާ އެކުގައި އެ ކުންފުނި ދިވެހިރާއްޖެއަށް އެއްފަހަރު އައިސް ދިރާސާތަކެއް ކޮށްފައި އަދި މިހާރު އެ ބޭފުޅުން ދެވަނަ ވިޒިޓެއް ރާއްޖެއަށް ކުރާނެ، ހަމަ އެގޮތަށް ދުނިޔޭގެ، ބޭރުގެ އިންވެސްޓަރުންނަށް މި އިންޑަސްޓްރީގައި އިންވެސްޓު ކުރަން ވެސް މިހާރު މިނިސްޓަރީން ސިޔާސަތެއް ކަނޑައެޅި މިހާރު ވަނީ އިއުލާނު ކޮށްފައި،" ސައީދު ވިދާޅުވި އެވެ.

ރާއްޖެ ޕްރޮމޯޓު ކުރަން ހޮލީވުޑް ފިލްމެއް މިހާތަނަށް އުފައްދާފައި ނުވި ނަމަވެސް ރާއްޖޭގައި ހޮލީވުޑް ފިލްމުތަކުގެ މަންޒަރުތައް ނަގާފައިވެ އެވެ. އެންމެ ފާހަގަކޮށްލެވެނީ ޑިސެމްބަރު, 2016 ގައި ރިލީޒް ކުރި "ރޯގް ވަން: އަ ސްޓާ ވޯޒް ސްޓޯރީ" އެވެ. ހޮލީވުޑްގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޑިޒްނީއިން އުފެއްދި އެ ފިލްމުގެ ބައެއް މަންޒަރުތައް 2015, ގައި ނެގީ ލ. އަތޮޅުގަ އެވެ.

ބޭރު ފަތުރުވެރިންނަށް އަމާޒުކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުގައި ފިލްމާއި ކާޓޫނު އުފައްދަ އެވެ. އެގޮތުން މަޑަކަސްކަރަ ޕްރޮމޯޓު ކުރަން އުފެއްދި ކާޓޫން ސީރީޒް އާއި އޮސްޓްރޭލިއާގެ ސިޑްނީ ޕްރޮމޯޓު ކުރަން އުފެއްދި ފައިންޑިން ނީމޯ ފާހަގަކޮށްލެވެ އެވެ.