Advertisement

އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުން މުއިއްޒު ހުއްޓުވައިފިނަމަ އިސްތިއުފާ ދިނުމުގެ ގަޓު އިހުސާންގެ ހުންނާނެ: ޔާމީން

17 ސެޕްޓެންބަރު 2024 - 11:02 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޔާމީން އަދި އިހުސާން. މި ސަރުކާރުގެ ސުޕާ މިނިސްޓަރަކީ އިހުސާން ކަމަށާއި އެ ލިސްޓު ހާމަކުރަން އޭނާއަށް ކެރެން ވާނެ ކަމަށް ޔާމީން ވިދާޅުވި --- ފޮޓޯ: އިމްދާދު/އަދަދު


އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުން މުއިއްޒު ހުއްޓުވައިފިނަމަ އިސްތިއުފާ ދިނުމުގެ ގަޓު އިހުސާންގެ ހުންނާނެ: ޔާމީން

17 ސެޕްޓެންބަރު 2024 - 11:02 2

މިފަހުގެ ތާރީހުގައި ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުން ފައިސާ ލިބުނު މީހުންގެ ސައްހަ ލިސްޓު އޮތީ ފުލުހުންގެ އަތުގައި ކަމަށާއި އެ މައްސަލަ ތަހުގީގު ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިނަމަ އިސްތިއުފާ ދިނުމުގެ ގަޓު މިހާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކިބައިގައި ހުންނާނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުން ގެއްލުނު ހުރިހާ ފައިސާއެއް ހޯދައި، އެ ވައްކަމުގައި ކޮންމެ މީހަކު ބައިވެރިވެފައި އޮތަސް އެމީހަކަށް އަދަބު ދެއްވާނެ ކަމަށް ރައީސް މުއިއްޒު އޮތީ ވިދާޅުވެފަ އެވެ.

ރޭ ޔާމީންގެ ޕީއެންއެފްއިން ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މައުލޫމާތު ރައްޔިތުން އެނގެން ބޭނުންވާ ކަމަށާއި އެ ފައިސާ ލިބުނު މީހުންގެ ލިސްޓު ހާމަނުކުރަނީ ކީއްވެގެންތޯ އައްސަވާފަ އެވެ.

"އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ އިހުސާންގެ ކެރެކްޓާ [ޝަހުސިއްޔަތު]. އޭނައަށް ކްރެޑިޓު ދޭން ޖެހޭ ކަންތައްތަކުގައި އޭނާއަށް ކްރެޑިޓު ދޭން ޖެހޭނެ. އޭނައަކީ މި ކަހަލަ ކަމެއްގައި އޭނަގެ ކެރެކްޓާގައި ކޮމްޕްރޮމައިޒްވާނެ މީހެއް ނޫން. އޭނަ އެކަން ބަލަން ބޭނުމިއްޔާ މުއިއްޒުއަކަށް ނުހުއްޓުވޭނެ. ހުއްޓުވައިފި ކަމަށް ވަންޏާ އޭނާގެ ގަޓްސް [ކެރުންތެރިކަން] ހުންނާނެ އިސްތިއުފާ ދީފަ ދުރަށް ދާން. އޭނާގެ ގަޓްސް ހުންނާނެ," އިހުސާނަށް ތައުރީފް ކުރައްވައި ޔާމީން ވިދާޅުވި އެވެ.

އެ ހިޔާނާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ތުހުމަތުވާ އެއްވެސް މައްސަލައެއް ނަގައިގެން ނުވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެ މައްސަލަތައް ކުރިއަށް ގެންގޮސްފިނަމަ އިންސާފުވެރި ޝަރީއަތެއްގެ ތެރެއިން އެމަނިކުފާނުގެ ކުށެއް ނެތްކަން ސާބިތުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް, އެ ތުހުމަތު އޮތް އެހެން މީހުންގެ މައްސަލަ ނުބަލާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިހާރު މިހިރަ ހޯމް މިނިސްޓަރު, ފުލުހުންގެ މައްޗަށް އަމުރު ކުރައްވާ, މެގަ މިނިސްޓަރެއްގެ ގޮތުގައި ފެންނަނީ. ވަރަށް ގަޓްސީ މާޗޯ [ކެރޭ, ޖެހިލުންކުޑަ] ބޭފުޅެއްގެ ގޮތުގައި ދައްކަވަން ބޭނުންފުޅުވަނީ. ބިދޭސީން ގެންގުޅޭ މީހުން ފީ ނުދައްކާ ކަމަށްވަންޏާ ނަންތައް އެބަ އިއުލާން ކުރައްވާ. ފިލައިން އުޅޭ މީހުންގެ [ލިސްޓު] އިއުލާން ކުރައްވާ," ޔާމީން ވިދާޅުވި އެވެ.

"މި ވާހަކަތައް ހުރިހާ މަރުހަލާއެއްގައި ދެއްކޭއިރު ކީއްވެގެންތޯ ހޯމް މިނިސްޓްރީން އެ އެމްއެމްޕީއާރުސީން ނުވަތަ [ކުރީގެ ނައިބު ރައީސް އަހުމަދު] އަދީބު އަތުން ލާރި ނެގި މީހުންގެ ލިސްޓު އިއުލާން ކޮށްލަން ނުކެރިގެން މި އުޅެނީ."

ޔާމީން ވަނީ އެ ލިސްޓު ހާމަނުކުރަނީ ކޮން ސިއްރެއް އޭގައި އެކުލެވޭތީތޯ އައްސަވާފަ އެވެ. ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތީތޯ ވެސް އެމަނިކުފާނު އެއްސެވި އެވެ.

"ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވަނީ މިހާރު ރައީސްކަން ކުރައްވާ މުއިއްޒުގެ ނަމާއި މަޖިލިސް ރައީސް އަބްދުއްރަހީމްގެ ނަން އޮވެދާނެތީ ގައުމީ ސަލާމަތަށް ނުރައްކަލަކަށްވީތޯ," ޔާމީން ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ވެސް ޔާމީން ވަނީ އެ މައްސަލަ ބަލަން ރައީސަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ޖަލު ހުކުމް އިއްވީ ޔާމީނާއި އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އެކަންޏެވެ.

އަދީބަށް މިދިޔަ ސަރުކާރުގެ ފަހު ދުވަސްވަރު މައާފުދިނުމުން އޭނާ ވަޑައިގަތީ ރާއްޖެއިން ބޭރަށެވެ. އޭގެ ފަހުން ޔާމީނަށް އިއްވި ހުކުމް ހައި ކޯޓުން ބާތިލްކޮށް ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބެލުމަށް ހުކުމްކުރި އެވެ.