Advertisement

ހުލާސާކޮށް އިއްޔެ: ފައިސާގެ ވާހަކަ ދައްކާ މެންބަރުން ހޯދަން އުޅުން

17 ސެޕްޓެންބަރު 2024 - 05:58 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ހުލާސާކޮށް އިއްޔެ: ފައިސާގެ ވާހަކަ ދައްކާ މެންބަރުން ހޯދަން އުޅުން

17 ސެޕްޓެންބަރު 2024 - 05:58 0

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން" ވެރިކަން ހިންގާ ޕާޓީ ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ދޭ ވާހަކަ ދައްކާ އެ ޕާޓީގެ މެންބަރުން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރު އަހުމަދު އީސާ ވިދާޅުވި ކަމަށް ރިޕޯޓުކުރި އެވެ.

ރިޝްވަތުގެ ގޮތުގައި ދޭ ފައިސާ ޕީއެންސީގެ ހުރިހާ މެންބަރުން ނުނަގާ ކަމަށާއި ބައެއް މެންބަރުން އެކަމާ ހިތްހަމަނުޖެހޭ ކަމަށް އީސާ ވިދާޅުވީ ރޭ އެމްޑީޕީން ގެނެސްދޭ "ހަވަރުބެރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އީސާ ވިދާޅުވީ އެކަމާ ނުރުހި، އެ ވާހަކަ ދައްކާ މެންބަރުން ހޯދަން މިހާރު ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އެ މައުލޫމާތުތައް ޕީޕީއެމްގެ [ޕީއެންސީގެ] މެންބަރުންގެ ތެރެއިން އަޅުގަނޑުމެންނާ ހިސާބަށް އަންނާތީ ރައީސުލްޖުމްހޫރިއްޔާ ހޯމް މިނިސްޓަރަށް އަންގަވައިގެން މިހާރު އަމިއްލަ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފާރަލާން ފަށައިފި. ޖާސޫސް ކުރަން ފަށައިފި، ބިރު ދައްކަން ފަށައިފި،" އީސާ ވިދާޅުވި އެވެ.

ރައީސްގެ ފަރާތުން ޕީއެންސީގެ މެންބަރުންނަށް ކޮންމެ މަހަކު ފައިސާ ދޭ ވާހަކަ "ސުވާލެއް ނެތް މިންވަރަށް" ސާފު ކަމަށް ވެސް ރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އީސާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ހުރިހާ މެންބަރުން މި ފައިސާއެއް ނުނަންގަވާ. ނުނަންގަވާ އެކަމާ ހިތްހަމަޖެހިވަޑައިނުގަންނަވާ މެންބަރުން އަޅުގަނޑުމެންނަށް މި ވާހަކަ މި ހިއްސާ ކުރަނީ. އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް ސާފު، ސުވާލެއް ވެސް ނެތް މިންވަރަށް ރައީސުލްޖުމްހޫރިއްޔާ އެބަ އެކަން ކުރައްވާ،" އޭނާ ވިދާޅުވި އެވެ.

ވެރިކަން ހިންގާ ޕާޓީއަށް ނިސްބަވްތާ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ކޮންމެ މަހަކު 50،000ރ. ދެއްވާނެ ކަމަށް ރައީސް އިއުލާނު ކުރެއްވީ ހުރިހާ މެންބަރުންނާއެކު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. އޭގެ ފަހުން ގިނަ މެންބަރުންނަށް އެ ފައިސާ ދެއްވާ ކަމަށް، ޕީއެންސީގެ ބައެއް މެންބަރުން ވަނީ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވެފަ އެވެ.

އެންމެ ފަހުން ނިމިދިޔަ މަހުގެ ފައިސާގެ ގޮތުގައި އާންމުކޮށް ދެމުން އަންނަ 50،000ރ. އަށް 25،000ރ އިތުރު ކުރުމަށްފަހު ދީފައި ވަނީ 75،000ރ. ކަމަށް ވެސް ބައެއް މެންބަރުން މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ފަރާތުން މެންބަރުންނަށް ފައިސާ ދޭ ވާހަކަ ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.

މުހިއްމު ބައެއް ހަބަރު