Advertisement

ބަންކަރިން ހިދުމަތް ބުރާސްފަތި ދުވަހު ފަށަނީ، ފުރަތަމަ ހިދުމަތް ދެނީ އެމްއެސްއެސްގެ ބޯޓަކަށް

16 ސެޕްޓެންބަރު 2024 - 21:30 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ބަންކަރިން ހިދުމަތް ފަށަން އެސްޓީއޯ އާއި ވިޓޯލްއިން އެއްބަސްވުމުގައި ސޮއިކުރި ދުވަހު: ސަރުކާރުން ބުނަމުން އަންނަނީ މި ހިދުމަތް ފަށާ އަހަރުގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް -- ފޮޓޯ: އެސްޓީއޯ


ބަންކަރިން ހިދުމަތް ބުރާސްފަތި ދުވަހު ފަށަނީ، ފުރަތަމަ ހިދުމަތް ދެނީ އެމްއެސްއެސްގެ ބޯޓަކަށް

16 ސެޕްޓެންބަރު 2024 - 21:30 0

މި ހަފުތާގެ ބުރާސްފަތި ދުވަހު ބަންކަރިންގެ ހިދުމަތް ފަށަން ތައްޔާރުވެފައިވާ ކަމަށާއި އެންމެ ފުރަތަމަ ހިދުމަތް ފޯރުކޮށްދޭން ނިންމާފައި ވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިން އިން އޮޕަރޭޓު ކުރާ ވައިސީ ބެރިއާއަށް ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބަންކަރިންގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ބަންކަރިންގެ ހިދުމަތް ދޭން ނިންމާފައި ވަނީ އެމްއެސްއެސް އިން އޮޕަރޭޓު ކުރާ ވައިސީ ބެރިއާއަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބޯޓު ރާއްޖޭގައި ބަންކަރު ކުރަނީ ތާވަލު ކޮށްގެން ކަމަށް އެސްޓީއޯއިން ބުންޏެވެ. ވައިސީ ބެރިއާ ބޯޓުގެ ދަތުރު ތާވަލާ އެއްގޮތަށް މީގެ ކުރިން ބަންކަރިންގެ ހިދުމަތް ހޯދަމުން އައީ ކޮލަމްބޯއިން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ވައިސީ ބެރިއާ އަކީ ކޮލަމްބޯ އާއި މާލެއާ ދެމެދު ދަތުރު ކުރާ އުޅަނދެކެވެ. 1100 ކޮންޓޭނަރު އުފުލުމުގެ ގާބިލުކަން ހުންނަ އެ ބޯޓުން މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުން ކުރާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އާންމުކޮށް މި ސަރަހައްދުގައި ބަންކަރިންގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ އިންޑިއާގެ ބަނދަރުތަކާއި ކޮލަމްބޯއިންނެވެ. ނަމަވެސް ރާއްޖެއިން މި ހިދުމަތް ދޭން ފެށުމުން އަހަރެއްގެ މައްޗަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ރާއްޖެއަށް ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.

އެސްޓީއޯއިން ބުނީ ބަންކަރިންގެ ހިދުމަތް ހޯދުމަށް އެދި މިހާރު ވެސް ބުކިންތައް ލިބެމުންދާ ކަމަށާއި ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ފުޅާކޮށް މާކެޓު އިތުރަށް ވަރުގަދަވެގެން ދާނެ ކަމުގެ ޔަގީންކަން އެ ކުންފުންޏަށް މިހާރު ވެސް އެބަ އޮތް ކަމަށެވެ.

ބަންކަރިންގެ ހިދުމަތް އެންމެ ފުރަތަމަ ފަށާނެ ކަމަށް ސަރުކާރުން ބުނީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއަށް ފަހު ބުނީ ޖުލައި މަހުގައި ބަންކަރިން ފެށޭނެ ކަމަށެވެ. އެ ތާރީހަށް ވެސް ބަންކަރިން ނުފަށައި، ދެން ބުނީ މިދިޔަ އޯގަސްޓު 22، ގައި އެ ހިދުމަތް ފެށޭނެ ކަމަށެވެ.

އެ ތާރީހަށް އެ ހިދުމަތް ނުފެށުނީ ބަންކަރިން ބޯޓުތައް ނައިސްގެންނެވެ. އޭރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ ހިދުމަތް ފެށުން ލަސްވީ މޫސުން ގޯސްވުމާ ގުޅިގެން އެކަމަށް ގެންނަ ބޯޓުތައް ރާއްޖެ ނުގެނެވިގެން ކަމަށެވެ. އެއަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ބަންކަރިންގެ ހިދުމަތް ފަށާނެ ކަމަށް ބުންޏެވެ.

ބަންކަރިން ވިޔަފާރި ކުރަނީ އެސްޓީއޯއިން ނަމަވެސް އެ ހިދުމަތް ފެށުމުގެ ކުރިން ކޮންމެހެން ބޭނުންވާ އެހެން މަސައްކަތްތަކުގެ ބޮޑު ބަޔެއް ކުރަނީ އެމްޕީއެލްއިންނެވެ. އެ ކުންފުނިން މި މަސައްކަތްތައް ކުރަމުން އަންނަނީ ހއ. އުލިގަމުގަ އެވެ.

އުލިގަމުގައި ކުރިއަށްދާ އެންމެ މުހިންމު މަސައްކަތަކީ އެ ތަނުގައި ސިފައިންނާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ އިތުރުން ޕޯޓު ހެލްތުގެ މުވައްޒަފުން ތިބޭނެ ތަންތަން އިމާރާތްކުރުމެވެ. އެކަންކަން މިދިޔަ މަހުގެ ތެރޭގައި ނިމިފައިވާ ކަމަށް އެމްޕީއެލްއިން ކުރިން ބުނެފައިވެ އެވެ.

ބަންކަރިން ވިޔަފާރީގައި އެސްޓީއޯއާ ބައިވެރިވަނީ މި ދާއިރާގައި އެންމެ ބިޔަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވިޓޯލް އެވެ. ބަންކަރިންގެ ވިޔަފާރީގައި ވިޓޯލްގެ ދައުރަކީ އެސްޓީއޯގެ ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ބަންކަރުތައް އިޝްތިހާރުކުރުމެވެ.

އެސްޓީއޯއާ ހަވާލާދީ ހަބަރުތަކުގައިވާ ގޮތުގައި އެސްޓީއޯއިން މި ހިދުމަތް ފަށަނީ 4000 މެޓްރިކް ޓަނުގެ ދެ ބަންކަރުންނެވެ.