Advertisement

"ބައިލައްކަ" ޑޮކިއުމެންޓްރީގެ މައްސަލަ: "ކުޑަކުއްޖެއްހެން ޝަކުވާ ނުކުރުމަށް" ޖަމީލު ރައީސަށް ދަންނަވައިފި

15 ސެޕްޓެންބަރު 2024 - 16:49 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ޖަމީލު (ވ)، ކުރީގެ ރައީސް ޔާމީނު އަދި އެމަނިކުފާނުގެ ދަރިކަލުން ޒެއިން (ކ) އާއެކު: ކުޑަކުއްޖެއްހެން ޝަކުވާ ނުކުރުމަށް ޖަމީލު ވަނީ ރައީސަ މުއިއްޒުއަށް ދަންނަވާފަ --- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


"ބައިލައްކަ" ޑޮކިއުމެންޓްރީގެ މައްސަލަ: "ކުޑަކުއްޖެއްހެން ޝަކުވާ ނުކުރުމަށް" ޖަމީލު ރައީސަށް ދަންނަވައިފި

15 ސެޕްޓެންބަރު 2024 - 16:49 2

ކުޑަކުއްޖެއްހެން ޝަކުވާ ނުކުރުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދަންނަވައިފި އެވެ.

އޭނާ މިފަދައިން ވިދާޅުވީ، ރައީސް މުއިއްޒުގެ ފަރާތުން ޕީއެންސީގެ މެންބަރުންނަށް ފައިސާ ދެއްވާ ވާހަކައަށް ބިނާކޮށް މި ނޫހުން ގެނެސްދިން "ބައިލައްކަ" ޑޮކިއުމެންޓަރީ އާއި އެވާހަކަ ގެނެސްދިން ހަބަރުތަކުގެ މައްސަލަ ރައީސް އޮފީހުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހުށަހެޅުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގަ އެވެ.

އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓުގައި ޖަމީލު ވިދާޅުވީ ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ބިރު ދެއްކުމުގެ މިޒާތުގެ އަމަލުތަކަކީ ޑިމޮކްރަސީތަކުގައި ބަލައިނުގަންނަ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށެވެ.

"ޕީއެންސީ ޖަގަހާގައި ޒާތްޒާތުގެ ވާހަކަ ދައްކައި، ބީއެމްލަށް ބަޢާވާތަށް ގޮވޭ ކަމަށް ވަންޏާ، މުއިއްޒުގެ ކޮންމެ އަމަލެއް expose ކުރުމަކީ، ނޫސްވެރިންނާއި ސިޔާސީ ފަރާތްތަކުގެ ހައްގެއް،" މީގެ ކުރިން ޕީއެންސީ ކޯލިޝަނުގައި ވެސް އިސްކޮށް އުޅުއްވި ޖަމީލު ވިދާޅުވި އެވެ.

އަދި، ރައީސުލްޖުމްހުރިއްޔާގެ މަގާމަށް ވަޑައިގަންނަވަނީ ހަންބޯ ބޭފުޅުން ކަމަށާއި ކުޑަކުއްޖެއްހެން ޝަކުވާ ނުކުރުމަށް ރައީސް މުއިއްޒުއަށް ނިސްބަތްކޮށް އެމަނިކުފާނު ޓެގު ކުރައްވާ އޭނާ ލިޔުއްވާފައިވެ އެވެ.

މި ވެރިކަން ފެށުނުއިރުވެސް ޖަމީލު ހުންނެވީ ޕީއެންސީ ކޯލިޝަނުގަ އެވެ. ނަމަވެސް ވެރިކަމުގެ ފުރަތަމަ ހަފުތާ ކޯލިޝަން ދޫކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އޭނާ މިހާރު ހުންނެވީ އަލަށް އުފެއްދި ޕީއެންއެފް ގަ އެވެ. ޔާމީނާއި ޖަމީލު ހިމެނޭހެން އެ ޕާޓީން ގެންދަނީ ކޮންމެ ހަފުތާއަކުހެން ޖަލްސާ ބާއްވާ ސަރުކާރަށް ތަކުރާރުކޮށް ފާޑުކިޔަމުންނެވެ.

ޑޮކިއުމެންޓްރީ އާއި "ރައީސްގެ ފަރާތުން ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް މިމަހު 75،000 ރުފިޔާ" ސުރުހީގައި ޝާއިއުކުރި ހަބަރާ ގުޅިގެން އެމްއެމްސީއަށް މައްސަލަ ހުށަހެޅީ މިއަދު އެވެ.

"އަދަދު ނޫހުން ކަނޑައެޅިގެން ދޮގު މައުލޫމާތު ފެތުރި މައްސަލަ އެމްއެމްސީއަށް ވާނީ ހުށަހާޅާފަ،" ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވި އެވެ.

ކޮންމެ މަހެއްގައި ވެސް މެންބަރުންނަށް ފައިސާ ބަހާ ވާހަކަ މި ނޫހުން ގެނެސްދީފައިވާނެ އެވެ. އެ ހަބަރުތައް ގެނެސްދީފައިވާނީ ފައިސާ ލިބުނު ޕީއެންސީގެ ބައެއް މެންބަރުން ނަން ސިއްރު ކުރުމަށް އެދި މި ނޫހާ ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށެވެ.

"ބައިލައްކަ" ނަމުގައި މިދިޔަ ހަފުތާ ގެނެސްދިން ޑޮކިއުމެންޓްރީ އަށް ޕީއެންސީގެ ލީޑަޝިޕްގެ ބަސް ހޯދަން މަސައްކަތް ކުރި ނަމަވެސް، އެއްވެސް ބޭފުޅަކު ޖަވާބެއް ނުދެއްވި އެވެ. އަދި ކަޅު ދަބަސް އުފުލި ދުވާފަރު މެންބަރު މުހައްމަދު އަލީ ވެސް ޖަވާބެއް ނުދެއްވި އެވެ.