Advertisement

ވިނީޝިއުސް އާއި އެމްބާޕޭގެ ޕެނަލްޓީތަކުން ރެއާލް މޮޅުވެއްޖެ

15 ސެޕްޓެންބަރު 2024 - 07:47 0


ވިނީޝިއުސް އާއި އެމްބާޕޭގެ ޕެނަލްޓީތަކުން ރެއާލް މޮޅުވެއްޖެ

15 ސެޕްޓެންބަރު 2024 - 07:47 0

މެޑްރިޑް (ސެޕްޓެމްބަރު 15) - ސްޕެނިޝް ލީގުގައި ރޭ ވިނީޝިއުސް އާއި ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ޕެނަލްޓީތަކުން، ރެއާލް މެޑްރިޑުން 2-0 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށްފި އެވެ.

ރޭގެ މެޗުގައި ސޮސިއެޑާޑުން ވަނީ ފުރަތަމަ ހާފުގައި ރެއާލްގެ އެޓޭކްތައް ހުއްޓުވުމުގައި ކާމިޔާބު ހޯދައިފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ރެއާލުން ކާމިޔާބު ހޯދީ ޕެނަލްޓީތަކުންނެވެ.

ރެއާލަށް ފުރަތަމަ ޕެނަލްޓީ ލިބުނީ، 58 ވަަނަ މިނިޓްގަ އެވެ. މިއީ، ރެއާލްގެ އާޑާ ގުލެއާ ޖެހި ބޯޅައެއް، ސޮސިއެޑާޑްގެ ސާޖިއޯ ގޯމޭޒް އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ވިނީޝިއުސް އެވެ. މިއީ މި ފަހަރު ލީގުގައި އޭނާގެ ދެ ވަނަ ގޯލެވެ.

ލީޑުފުޅާކުރަން ރެއާލުން މަސައްކަތްކުރިއިރު، އެކަން ކާމިޔާބުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 15 މިނިޓަށް ވެފައި ހުއްޓަ އެވެ. މި ފަހަރު ލިބުނު ޕެނަލްޓީން ގޯލު ޖެހީ، އެމްބާޕޭ އެެވެ. ރެއާލާ އެކު، ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން ލަނޑު ނުޖެހުނު ނަމަވެސް ދެން ކުޅުނު ދެ މެޗުގައި އެމްބާޕޭ މި ވަނީ ލަނޑު ޖަހައިފަ އެވެ. ރޭގެ މެޗުގައި ލަނޑު ޖެހި ޕެނަލްޓީ ލިބުނީ، ސޮސިއެޑާޑްގެ އަރަންބޫރޫ އޭރިއާތެރެއިން ވިނީިޝިއުސް އަށް ފައުލުކުރުމުންނެވެ.

ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ރެއާލްގެ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އަދިވެސް ހުރީ ކުޅުުމާ ދުުރުގަ އެވެ. އެހެން ނަމަވެސް، ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ބެލިންހަމް ވަރަށް އަވަހަށް ކުޅުމުގެ ތެރެއަށް އަންނާނެ ކަމަށާއި ޕްރެކްޓިހުގައި ބައިވެރިވަމުން އަންނަ ކަމަށް ބުނެފަ އެވެ.