Advertisement

ދިވެހިރާއްޖެ މެދުވެރިކޮށް އިޒްރޭލު މީހަކު ރަޝިޔާއަށް މަތިންދާބޯޓުގެ ބައިތަކެއް އެތެރެކޮށްފި

14 ސެޕްޓެންބަރު 2024 - 13:31 1

ސައިބީރިއާ އެއާލައިންސްގެ މަތިންދާބޯޓެއް: ހައިމޮވިޗް، 49، މުދާ ފޯރުކޮށްދީފައި ވަނީ އެ އެއާލައިނުން ބޭނުންވެގެން -- ފޮޓޯ: ކޮންސްޓަންޓިން ވޮން ވީޑަލްސްޓެޑް


ދިވެހިރާއްޖެ މެދުވެރިކޮށް އިޒްރޭލު މީހަކު ރަޝިޔާއަށް މަތިންދާބޯޓުގެ ބައިތަކެއް އެތެރެކޮށްފި

14 ސެޕްޓެންބަރު 2024 - 13:31 1

ދިވެހިރާއްޖެ މެދުވެރިކޮށް އިޒްރޭލު މީހަކު ރަޝިޔާއަށް މަތިންދާބޯޓުގެ ބައިތަކެއް އެތެރެ ކުރިކަން އެމެރިކާގެ ކޯޓެއްގައި އެއްބަސްވެއްޖެ އެވެ.

އިޒްރޭލުގެ ގާލް ހައިމޮވިޗް، 49، ރަޝިޔާއަށް އެތެރެ ކުރީ އެމެރިކާގައި އުފައްދާފައިވާ މަތިންދާބޯޓުގެ ބައިތަކާއި މަތިންދާބޯޓުގައި ބޭނުން ކުރާ ބައެއް އިލެކްޓްރޯނިކް ވަސީލަތްތަކެވެ. އޭނާ ރަޝިޔާއަށް މުދާ އެތެރެ ކުރީ ދިވެހިރާއްޖެ އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސްއަށް ފުރަތަމަ މުދާ އެތެރެ ކުރުމަށްފަހެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް އެރި މައްސަލައިގައި އެމެރިކާއިން ވަނީ ރަޝިޔާގެ އެއާލައިންތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. ހައިމޮވިޗް އެމެރިކާއިން ބައެއް މުދާ ގަތީ، އެއީ ރާއްޖެއިން ބޭނުންވެގެން އެތެރެ ކުރާ ސާމާނުތަކެއް ކަމަށް ބުނެ އެވެ.

އޭޕްރީލް، 2022 އިން ފެށިގެން އޭޕްރީލް، 2023، އާ ދެމެދު އެމެރިކާއިން ޖުމުލަ 160 ޝިޕްމަންޓެއް ރާއްޖެ އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސްއަށް ޝިޕް ކުރި ކަމަށް ހައިމޮވިޗް ވަނީ އިއުތިރާފުވެފަ އެވެ. އެ ތަކެތި ރަޝިޔާގެ ބައެއް އެއާލައިނުތަކަށް ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓް ހައިމޮވިޗްއާ ހަވާލު ކުރީ ސައިބީރިއާ އެއާލައިންސް އިންނެވެ.

އޯގަސްޓު، 2022، ގައި ވެސް ހައިމޮވިޗް ވަނީ ރަޝިޔާއަށް މަތިންދާބޯޓެއްގެ ބައެއް އެތެރެކޮށްފަ އެވެ. އެފަހަރު އެތެރެ ކުރީ ނެވިގޭޝަނަށް ބޭނުން ކުރާ އެއާ ޑޭޓާ މޮޑިއުލް ސިސްޓަމެކެވެ. އެމެރިކާގެ ސަޕްލަޔަރު ކައިރީ ހައިމޮވިޗް ބުނެފައި ވަނީ އެއީ ރާއްޖެއަށް އެތެރެ ކުރާ އެއްޗެއް ކަމަށެވެ.

ރަޝިޔާގެ އެއާލައިންތަކަށް މުދާ ފޯރުކޮށްދިނުމަށް މާޗް، 2022، އާއި މާޗް، 2023، އާ ދެމެދު ދެ މިލިއަން ޑޮލަރު ބިލުކޮށްފައިވާ ކަމަށް ވެސް ހައިމޮވިޗް ވަނީ އިއުތިރާފުވެފަ އެވެ. އޭނާ ކުށަށް އިއުތިރާފުވެ ދެ މިލިއަނަށްވުރެ ގިނަ ޑޮލަރު އެމެރިކާ ސަރުކާރަށް ދިނުމަށް މިހާރު ވަނީ އެއްބަސްވެފަ އެވެ.

ކުށަށް އިއުތިރާފުވުމުން ހައިމޮވިޗްގެ މައްޗަށް އަންނަ ނޮވެމްބަރު މަހު ހުކުމް ކުރަން މިހާރު ކޯޓުން ވަނީ ނިންމައިފަ އެވެ.