Advertisement

ސައުތު އޭޝިއާ ޖޫނިއާ އެތުލެޓިކްސް މުބާރާުތުން ރާއްޖެ އަށް ދެ ބްރޯންޒް މެޑަލް

13 ސެޕްޓެންބަރު 2024 - 21:37 0


ސައުތު އޭޝިއާ ޖޫނިއާ އެތުލެޓިކްސް މުބާރާުތުން ރާއްޖެ އަށް ދެ ބްރޯންޒް މެޑަލް

13 ސެޕްޓެންބަރު 2024 - 21:37 0

އިންޑިއާގެ ޗެންނާއިގައި މިހާރު ކުރިއަށްދާ ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ، 4 ގުނަ 100 މީޓަރުގެ ރިލޭ އިވެންޓުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.

މިއާ އެކު، ސައުތު އޭޝިއާ ޖޫނިއާ މުބާރާތްތަކުގައި މިހާތަނަށް ރާއްޖޭން ހޯދި މެޑަލްތަކުގެ ޖުމްލަ އަދަދު ހަަތަކަށް އެރީ އެވެ.

ހަަތަރެއް ގުނަ ސަތޭކަ މީޓަރު އިވެންޓުން ލޯ މެޑަލް ހޯދި ރާއްޖޭގެ ފިރިހެން ޓީމުގައި، ހިމެނެނީ، މުހައްމަދު މިންހާލް ޝާމިން (މިންކޮ)، އިބްރާހިމް ނާހިލް ނިޒާރު، ޒުއިޒް މުހައްމަދު ސުއާދު އަދި ހުސެއިން ޒީކް ސުއާދު އެވެ. އިވެންޓް ނިންމި ޓައިމިން އަކީ، 41.98 ސިކުންތެވެ. ރަން މެޑަލް ހޯދި، ލަންކާ ޓީމުން ރޭސް ނިންމީ، 40.28 ސިކުންތުންނެވެ. އަދި ދެ ވަނަ ހޯދި އިންޑިއާ ޓީމުން ރޭސް ނިންމީ، 40.76 ސިކުންތުންނެވެ.

ހަތަރެއް ގުނަ ސަތޭކަ މީޓަރުގެ އަންހެން އިވެންޓުން ލޯ މެޑަލް ހޯދި ރާއްޖޭގެ އަންހެން ޓީމުގައި ހިމެނެނީ، މަރިޔަމް ރޫޔާ އަލީ، އަހުނާ ނިޒާރު، ޒިވާ މޫސާ ޝަފީއު، ހައްވާ މުޒްނާ ފާއިޒު އެވެ. މި ޓީމުގެ ޓައިމިން އަކީ، 48.04 ސިކުންތެވެ. ދެ ވަނަ ހޯދި ލަންކާ ޓީމުގެ ޓައިމިން އަކީ، 46.48 ސިކުންތެވެ. އަދި އެއް ވަނަ ހޯދި އިންޑިއާ ޓީމުން ރޭސް ނިންމީ، 45.08 ސިކުންތެވެ.

ރާއްޖޭގެ ރިލޭ ޓީމުތަކުން ވަނީ 4 ގުނަ 400 މީޓަރު އިވެންޓްގައި ވެސް ވާދަކޮށްފަ އެވެ. އެ ގޮތުން، ފިރިހެން ޓީމުގައި ހިމެނެނީ، ޒީކް އާއި ޒުއިޒުގެ އިތުރުން، މުހައްމަދު އަޔާން ޝަފީއު އަދި އިކްރާމް އަބްދުﷲ އެވެ. ދިޔައީ ފަސް ވަނަ އެވެ. ޓައިމިން އަކީ، 3 މިނިޓް، 25.47 ސިކުންތެވެ. އެއް ވަނަ ހޯދި، ލަންކާ ޓީމު ނިންމީ، 3 މިނިޓް، 09.27 ސިކުންތެެވެ.

އަންހެނުންގެ، 4 ގުނަ 400 މީޓަރު އިވެންޓްގައި ވާދަކުރީ، މުޒްނާ، ޒިވާ، އަހުނާ އަދި ޒީކް ރަޝީދު އެވެ. މި ޓީމު ދިޔައީ ރޭހުގެ ހަތަރު ވަނަ އެވެ. އެއީ، 4 މިނިޓް، 08.07 ސިކުންތުންނެވެ. އެއް ވަނަ ހޯދި، އިންޑިއާ އިން ނިންމީ 3 މިނިޓް، 44.35 ސިކުންތެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ދުވުންތެރިން ވަނީ ޖޫނިއާ ގައުމީ ރެކޯޑަށް ވުރެ އަވަސް ޓައިމިން އެއްގައި ބައެއް އިވެންޓްތައް ނިންމައިފަ އެވެ. އެ ރެކޯޑްތައް ރަސްމީ ވެގެންދާނީ، އެތުލެޓިކްސް އެސޯސިއޭޝަނުން ރެކްޓިފައި ކުރުމުންނެވެ.