Advertisement

"ރޮނާލްޑޯ އެ ހުރީ ސައުދީގައި، މެންޗެސްޓާ އާ ދުރުގައި"

13 ސެޕްޓެންބަރު 2024 - 09:02 0


"ރޮނާލްޑޯ އެ ހުރީ ސައުދީގައި، މެންޗެސްޓާ އާ ދުރުގައި"

13 ސެޕްޓެންބަރު 2024 - 09:02 0

މެންޗެސްޓާ (ސެޕްޓެމްބަރު 13) - ކްރިސްޓިއާނޯ ރޮނާލްޑޯ މި ވަގުތު އެ ހުރީ މެންޗެސްޓާ ޔުނައިޓެޑާ ދުރުގައި ސައުދީ އަރަބިއްޔާގައި ކަމަށް ޔުނައިޓެޑްގެ ކޯޗު، އެރިކް ޓެން ހާގް ބުނެފި އެވެ.

ރިއޯ ފާޑިނަންޑްގެ ޕޮޑްކާސްޓް ޝޯގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، ޔުނައިޓެޑްގެ ކޯޗެެއްގެ ގޮތުގައި ހުރެ، ޓެން ހާގް ދައްކާ ބައެއް ވާހަކަތައް ބަލައިގަންނަން އުނދަގޫ ކަމަށެވެ. އެ ގޮތުން، ޔުނައިޓެޑަށް އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ފަދަ މުބާރާތްތަކަށް ވާދަނުކުރެވޭނެ ކަމަށް ބުނުން އެއީ ގޯހެއްގެ ގޮތުގައި ރޮނާލްޑޯ ވަނީ ފާހަގަކޮށްފަ އެވެ.

ޔުނައިޓެޑަށް ދެ ފަހަރު ކުޅުނު ރޮނާލްޑޯ، 39، ގެ އެ ވާހަކަތަކާ ގުޅިގެން ޓެން ހާގަށް ވަނީ ސުވާލު ކުރިމަތިވެފަ އެވެ. ޓެން ހާގް ބުނީ، ޔުނައިޓެޑަށް ލީގު ނުލިބޭނެ ވާހަކަ ބުނީ ރޮނާލްޑޯ ކަމަށާއި އެ އާޓިކަލްތައް ކިޔާލުމުން އެކަން ސާފުވެގެންދާނެ ކަމަށެވެ.

"ރޮނާލްޑޯ ދައްކާ ވާހަކަ އެއީ އޭނާގެ ވިސްނުން. ކޮންމެ މީހަކަށް ވެސް އެ މީހެއް ބޭނުން ވާހަކައެއް ދެއްކޭނެ. އޭނަ އެ ހުރީ ވަރަށް ދުރުގައި ސައުދީގައި. މެންޗެސްޓާ (ޔުނައިޓެޑް)އާ ވެސް ވަރަށް ދުރުގައި އެ ހުރީ،" ޓެން ހާގް ބުންޏެވެ.

ރޮނާލްޑޯ، ދެ ފަހަރެއްގެ މަތިން ޔުނައިޓެޑަށް ކުޅުނުއިރު، ދެ ވަނަ ފަހަރަށް އެ ޓީމު ދޫކޮށްލަން ޖެހުނީ، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެއީ، ޓެން ހާގާ މައްސަލަ ޖެހިގެންނެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑުން ލީގު ނިންމާލީ އަށް ވަނައިގަ އެވެ. މިއީ ޕްރިމިއާ ލީގަށް އިނގިރޭސި ފުރަތަމަ ޑިވިޝަން ރީބްރޭންޑް ކުރި ފަހުން، ޔުނައިޓެޑްގެ ލީގުގެ އެންމެ ދަށް ނަތީޖާ އެވެ. މި ފަހަރު ލީގުގައި ޔުނައިޓެޑުން ކުޅުނު ތިން މެޗުގެ ތެެރެއިން ދެ މެޗު ވަނީ ބަދަލުވެފަ އެވެ.

ޔުނައިޓެޑްގެ ސީޒަން ދަށްކޮށް ފަށާފައިވަނިކޮށް، ޓެން ހާގްގެ ކުރީގެ ކްލަބް، ޔޫޓްރެކްޓްގެ އެކްސިބިޝަން މެޗެއްގައި އެ ޓީމަށް އިރުޝާދުދޭން ޓެން ހާގް ދިއުމުން އެ ކަމަށް ވެސް ފާޑުކިޔުން އަމާޒުވި އެވެ. ޓެން ހާގް ބުނީ، އޭނާ ކޮންމެ ކަމެއް ވެސް ޕްރޮފެޝަނަލީ ކުރަނީ ކަމާބެހޭ ފަރާތްތަަކާ މަޝްވަރާކޮށްފައި ކަމަށެެވެ.

ލީގުގައި މާދަމާ ހަވީރު ސައުތެމްޓަން އަތުން ޔުނައިޓެޑް ބަލިވެއްޖެނަމަ، އެ ވެގެންދާނީ، 1986-1987 ވަނަ ސީޒަނަށް ފަހު ލީގުގައި ޔުނައިޓެޑްގެ އެންމެ ދަށް ފަހަރަށެވެ.