Advertisement

ސައުތު އޭޝިއާ ޖޫނިއާ އެތުލެޓިކްސް މުބާރާުތުގައި ރާއްޖޭގެ ފެށުން ރަނގަޅު

12 ސެޕްޓެންބަރު 2024 - 11:28 0

މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި މިންހާލް ދުވަނީ: މިންހާލް ވަނީ ދެކުނު އޭޝިއާގެ ޖޫނިއާ މުބާރާތުގެ 100 މީޓަރު ރޭހުގައި ދުވެ، ޖުނިއާ ގައުމީ ރެކޯޑްގެ ޓައިމިން އަށް ވުރެ އަވަހަށް ރޭސް ނިންމައިފައި.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު


ސައުތު އޭޝިއާ ޖޫނިއާ އެތުލެޓިކްސް މުބާރާުތުގައި ރާއްޖޭގެ ފެށުން ރަނގަޅު

12 ސެޕްޓެންބަރު 2024 - 11:28 0

އިންޑިއާގެ ޗެންނާއިގައި މިހާރު ކުރިއަށްދާ ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދުވަހުގައި ރާއްޖޭގެ ދުވުންތެރިން ޓައިމިން އަށް ބަލާއިރު ކުރިއެރުންތަކެއް ހޯދައިފި އެވެ.

އިއްޔެ އިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު، ޗެންނާއީގެ ޖަވާހަރުލާލް ނެހްރޫ ސްޓޭޑިއަމްގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ 16 އެތުލީޓުން ވާދަކުރެ އެވެ. އެ ގޮތުން، ސްކޮޑުގައި ހިމެނޭ ފިރިހެން އެތުލީޓުންނަކީ، މުހައްމަދު މިންހާލް ޝާމިން (މިންކޮ)، އިބްރާހިމް ނާހިލް ނިޒާރު، ޒުއިޒް މުހައްމަދު ސުއާދު، ހުސެއިން ޒީކް ސުއާދު، ޔޫސުފް އާއިޝް މުހައްމަދު، އިކްރާމް އަބްދުﷲ، މުހައްމަދު އަޔާން ޝަފީއު އަދި އައިދު އަބްދުﷲ ރިފާއު އެވެ. އަންހެން އެތުލީޓުންނަކީ، މަރިޔަމް ރޫޔާ އަލީ، އަހުނާ ނިޒާރު، ޒިވާ މޫސާ ޝަފީއު، ހައްވާ މުޒްނާ ފާއިޒު، އައިޝަތު ޝައިމް އަޒީޒް، ޒީކް އަޝްރަފް ރަޝީދު، ޝަލް ޝަލް މުބީން ޖަލީލް އަދި އައިޝަތު ޝާޔާ ޝަފީއު އެވެ.

މުބާރާތުގެ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ފައިނަލުގައި ރާއްޖޭގެ މިންހާލް އާއި ނާހިލް ވަނީ ހަތަރު ވަނަ އާއި ފަސް ވަނަ އަށް ގޮސްފަ އެވެ. ހަތަރެއްގައި ނިންމި، މިންހާލްގެ ޓައިިމިން އަކީ، 10.66 ސިކުންތެވެ. މިއީ ޖޫނިއާ ރެކޯޑް ޓައިމިން އެއް ނަމަވެސް، ރެކޯޑެއްގެ ގޮތުގައި ފައިނަލް ކުރާނީ ރެކްޓިފައި ކުރުމަށް ފަހު އެވެ. ފަސް ވަނައިގައި، ނާހިލް ނިންމީ، 10.94 ސިކުންތެެވެ. މި އިވެންޓްގެ ގަދަ ތިނަކަށް ބަލާއިރު، އެއް ވަނަ ހޯދި، ލަންކާގެ ވިޖެސިންގް މެރޯން ރޭސް ނިންމީ، 10.41 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ، ވީރާރަތުނަ ދިނޭތުގެ ޓައިމިން 10.49 ސިކުންތުގައި ހުރިއިރު، ތިން ވަނަ ހޯދި، އިންޑިއާގެ ރުތުޔާމް ޖަޔަރާމްގެ ޓައިމިން އަކީ، 10.56 ސިކުންތެވެ.

އަންހެނުންގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ، މަރިޔަމް ރޫޔާ އަލީ، 12.21 ސިކުންތުން ރޭސް ނިންމިއިރު، ވަނީ ފަސް ވަނަ އަށް ގޮސްފަ އެވެ. އަދި އަހްނާ ނިޒާރު، ހަ ވަނައިގައި ރޭސް ނިންމީ، 12.25 ސިކުންތުންނެވެ. މި އިވެންޓްގެ އެއް ވަނަ ހޯދި، އިންޑިއާގެ އަބިނާޔާ ރާޖަރާޖަންގެ ޓައިމިން އަކީ، 11.77 ސިކުންތެވެ. ދެ ވަނަ ހޯދި، އިންޑިއާގެ ސުދީކްޝާ 11.92 ސިކުންތުން ރޭސް ނިންމިއިރު، ތިން ވަނަ ހޯދި ސްރީލަންކާގެ ވިޖޭތުންގާންގޭގެ ޓައިމިން އަކީ، 12.04 ސިކުންތެވެ. އަދި ހަތަރެއްގައި ނިންމި، ލަންކާގެ ދަނާނީ ރަޝްމާގެ ޓައިމިން އަކީ، 12.12 ސިކުންތެވެ.

އަންހެނުންގެ 800 މީޓަރު އިވެންޓްގައި، ރާއްޖޭގެ ޒީކް ދިޔައީ ފަސް ވަަނަ އެވެ. އެއީ، 2 މިނިޓް، 28.36 ސިކުންތުން ނިންމައިގެންނެވެ. އެ އިވެންޓްގެ އެއް ވަނަ ދިޔަ، ލަންކާގެ އަބިޝޭކާގެ ޓައިމިން އަކީ، 2 މިނިޓް، 10.17 ސިކުންތެެވެ. ފިރިހެނުންގެ 800 މީޓަރު އިވެންޓްގައި، ރާއްޖޭގެ އިކްރާމް، ދިޔައީ ހަތް ދުވުންތެރިންގެ ތެރެއިން ހަ ވަނަ އެވެ. އިކްރާމްގެ ޓައިމިން އަކީ، 2 މިނިޓް، 07.48 ސިކުންތެވެ. މި އިވެންޓްގެ އެއް ވަނަ ހޯދި، ލަންކާގެ ޝަވިންދު އަވިޝްކާގެ ޓައިމިން އަކީ، 1 މިނިޓް، 49.83 ސިކުންތެވެ.

ސައުތު އޭޝިއާގެ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވާފައިވަނީ ލަންކާ ކޮލަމްބޯގައި 2007 ވަނަ އަހަރެވެ. އޭގެ ފަހުން، ދެން މުބާރާތް ބާއްވާފައިވަނީ 2013 ވަނަ އަހަރު އިންޑިއާގެ ރަންޗީގަ އެވެ. އަދި އެންމެ ފަހުން، 2018 ވަނަ އަހަރު އަނެއްކާ ވެސް ކޮލަމްބޯގަ އެވެ. އެ ތިން މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން ވަނީ ފަސް މެޑަލް ހޯދައިފަ އެވެ.