Advertisement

ޔުނައިޓެޑްގެ ކޯޗު ޓެން ހާގްގެ ވިސްނުމަށް ރޮނާލްޑޯ ފާޑުކިޔައިފި

12 ސެޕްޓެންބަރު 2024 - 09:17 0


ޔުނައިޓެޑްގެ ކޯޗު ޓެން ހާގްގެ ވިސްނުމަށް ރޮނާލްޑޯ ފާޑުކިޔައިފި

12 ސެޕްޓެންބަރު 2024 - 09:17 0

މެންޗެސްޓާ (ސެޕްޓެމްބަރު 12) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގްގެ ވިސްނުމަށް އެ ޓީމަށް ކުރިން ކުޅުނު މަޝްހޫރު ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ފާޑުކިޔައިފި އެވެ.

ރޮނާލްޑޯ، 39، ދެ ފަހަރެއްގެ މަތިން ޔުނައިޓެޑަށް ކުޅުނުއިރު، ދެ ވަނަ ފަހަރަށް އެ ޓީމު ދޫކޮށްލަން ޖެހުނީ، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެއީ، ޓެން ހާގާ މައްސަލަ ޖެހިގެންނެވެ.

ރިއޯ ފާޑިނަންޑްގެ ޕޮޑްކާސްޓް ޝޯގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، ޔުނައިޓެޑްގެ ކޯޗެެއްގެ ގޮތުގައި ހުރެ، ޓެން ހާގް ދައްކާ ބައެއް ވާހަކަތައް ބަލައިގަންނަން އުނދަގޫ ކަމަށެވެ. އެ ގޮތުން، ޔުނައިޓެޑަށް އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ފަދަ މުބާރާތްތަކަށް ވާދަނުކުރެވޭނެ ކަމަށް ބުނުން އެއީ ގޯހެއްގެ ގޮތުގައި ރޮނާލްޑޯ ވަނީ ފާހަގަކޮށްފަ އެވެ.

"ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގަށް ވާދަނުކުރެވޭނެއޭ ބުނުން ގޯސް، ދެން، ޓީމުގައި އެ ފެންވަރު ނެތުމަކީ އަދި އެހެން ކަމެއް، އެހެން ބުނަމަކީ، ޔުނައިޓެޑާ ގުޅޭ އެންމެންގެ ހިތްވަރު އެލޭނެ ކަމެއް. ޔުނައިޓެޑަކީ ވާދަކުރާ ކޮންމެ މުބާރާތެއްގައި ތަށްޓަށް ވާދަކުރަން ޖެހޭ ފެންވަރުގެ ޓީމެއް. އެ ނޫން ގޮތަކަށް އެ ކްލަބްގެ މެންޓަލިޓީ އޮވެގެން ނުވާނެ،" ރޮނާލްޑޯ ބުންޏެވެ.

"އަހަރެން އަބަދުވެސް ޔުނައިޓެޑަށް އިހުތިރާމްކުރަން، އަބަދުވެސް އެދެނީ އެ ޓީމަށް އެންމެ ބޮޑެތި ކާމިޔާބީ ލިބުން،"

މިދިޔަ ސީޒަނުގައި ޔުނައިޓެޑުން ލީގު ނިންމާލީ އަށް ވަނައިގަ އެވެ. މިއީ ޕްރިމިއާ ލީގަށް އިނގިރޭސި ފުރަތަމަ ޑިވިޝަން ރީބްރޭންޑް ކުރި ފަހުން، ޔުނައިޓެޑްގެ ލީގުގެ އެންމެ ދަށް ނަތީޖާ އެވެ. މި ފަހަރު ލީގުގައި ޔުނައިޓެޑުން ކުޅުނު ތިން މެޗުގެ ތެެރެއިން ދެ މެޗު ވަނީ ބަދަލުވެފަ އެވެ.

ރޮނާލްޑޯ ބުނީ، ޔުނައިޓެޑަކީ އަދިވެސް ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށާއި އެކަމަކު، މިހާރު އޮތް ހާލަތުން އެ ޓީމު އަަރައިގަންނަނަމަ، ހުރިހާ ކަމެއް ހެން ބަދަލުވާން އެބަޖެހޭ ކަމަށެވެ.