Advertisement

މިނިވަން ނޫސްވެރިކަން ނައްތާލަން ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ: ފައްޔާޒް

11 ސެޕްޓެންބަރު 2024 - 21:07 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: މިނިވަން ނޫސްވެރިކަން ނައްތާލަން ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


މިނިވަން ނޫސްވެރިކަން ނައްތާލަން ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ: ފައްޔާޒް

11 ސެޕްޓެންބަރު 2024 - 21:07 0

މި ސަރުކާރުން މިނިވަން ނޫސްވެރިކަން ނައްތާލަން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައުލޫމާތު ހާމަކުރުމާއި ނޫސްވެރިކަމަށް ފުރުސަތު ދިނުމަކީ ހުދުމުހުތާރު ވެރިން ބޭނުންވާ ކަމެއް ނޫން ކަމަށާއި މިނިވަން ނޫސްވެރިކަން ސަރުކާރަށް ނައްތައެއް ނުލެވޭނެ ކަމަށެވެ.

"ކޮންމެ ކަމެއްގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދިނުން ފިޔަވައި އިތުރު ކަމެއް މި ސަރުކާރަށް ނުކުރެވޭ. ނޫސްވެރިންނަށް ބިރު ދައްކައި ނޫސްވެރިކަމަށް ހުރަސް އެޅުން ކުށްވެރިކުރަން،" ފައްޔާޒް ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ހަގީގަތާ ހިލާފު އެތަކެއް ވާހަކަތަކުގެ މައްޗަށް ބިނާވި ފިތުނަވެރި ދޮގު ކެމްޕެއިނަކުންކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަން ފޮރުވަން ދޮގު މައްޗަށް ދޮގު ހެދި ނަމަވެސް ކަންކަމުގެ ހަގީގަތް ހާމަވާނެ ކަމަށެވެ.

ފައްޔާޒް މި ވާހަކަތައް ދެއްކެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ޕީއެންސީގެ މެންބަރުންނަށް ފައިސާ ބަހާ ވާހަކަ އަދަދު ނޫހުން ގެނެސްދިނުމުން، އެކަން ދޮގުކޮށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަރުކާރުން ދިނުމާ ގުޅިގެން ދެއްވި ރައްދެއްގަ އެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ހަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިދަނީ ކުރަމުން" އެކްސްގައި ހީނާ ލިޔުއްވާފައިވެ އެވެ.

އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީ އާއި "ރައީސްގެ ފަރާތުން ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް މިމަހު 75،000 ރުފިޔާ" ސުރުހީގައި ޝާއިއުކުރި ހަބަރަށް ލީޑާޝިޕުން ކޮމެންޓެއް ހޯދަން މަސައްކަތް ކުރުމުން އެއްވެސް ބޭފުޅަކު ކޮމެންޓެއް ދީފައެއް ނުވެ އެވެ.