Advertisement

މާލީ ތަނަވަސްކަން ހޯދުމަށް ވިޔަފާރިއެއް ކުރަން އެމްޑީޕީން ނިންމައިފި

2 އޮކްޓޯބަރު 2024 - 22:33 1

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ވިދާޅުވީ ޕާޓީ ހިންގަން ފައިސާ ބޭނުންވި ނަމަވެސް މިހާތަނަށް މާލީ މިނިވަންކަން ލިބިފައިނުވާ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މާލީ ތަނަވަސްކަން ހޯދުމަށް ވިޔަފާރިއެއް ކުރަން އެމްޑީޕީން ނިންމައިފި

2 އޮކްޓޯބަރު 2024 - 22:33 1

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މާލީ ތަނަވަސްކަން އިތުރު ކުރުމަށްޓަކައި ވިޔަފާރިއެއް ފެށުމަށް އެ ޕާޓީން ނިންމައިފި އެވެ.

މިރޭ ކުރިއަށްދާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، ސިޔާސީ ޕާޓީއެއް ހިންގަން "ވަރަށް ބައިވަރު" ފައިސާ ބޭނުންވާ ކަމަށާއި ނަމަވެސް މި ވެއަތުވެދިޔަ 19 އަހަރު މާލީ މިނިވަންކަމާއި ތަނަވަސްކަން އެމްޑީޕީއަށް ހޯދިފައިނުވާ ކަމަށެވެ.

"ޕާޓީ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި ހަގީގަތުގައި ވަރަށް ބައިވަރު ފައިސާ ބޭނުންވޭ. މިވަގުތު އަޅުގަނޑުމެންނަށް މިހާ ހިސާބަށް އާދެވުނުއިރު، 19 އަހަރުވެގެންދިޔައިރު އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި މާލީ މިނިވަންކަމާއި ތަނަވަސްކަން ހޯދިފައެއް ނެތް،" ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ފާސް ކުރީ ވިޔަފާރި ކުރެވޭނެ ގާނޫނީ ނިޒާމެއް ހޯދައި އެގޮތަށް ކުރިއަށް ދިޔުމަށެވެ.

"ސިޔާސީ ޕާޓީތަކުގެ ގާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން ޕާޓީތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމަށްޓަކައި އެބަހުރި ބައެއް ކަހަލަ ވިޔަފާރި ކުރުމުގެ ފުރުސަތު. އަޅުގަނޑުމެންގެ ހުށަހެޅުމަކީ އެފަދަ ވިޔަފާރިއެއް ކުރެވޭނޭ ގާނޫނީ ނިޒާމެއް ހޯދުމަށްފަހު އެގޮތަށް ކުރިއަށް ގެންދިޔުމަށް ހުށަހެޅޭ ގަރާރެއް،" ފައްޔާޒް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައި ވަނީ ވިޔަފާރީގެ މުއާމަލާތްތަކުން ފައިސާ ހޯދުން ޕާޓީތަކަށް ހުއްދަވާނެ ކަމަށެވެ.

އޭގެ އިތުރުން، ތިންކް ޓޭންކްއަކާއި އެކެޑަމީއެއް އުފައްދަން ވެސް އެމްޑީޕީން މިރޭ ވަނީ ނިންމައިފަ އެވެ. ތިންކް ޓޭންކް އުފައްދަނީ ސިޔާސަތުތަކެއް އެކުލަވާލައި، އެ ސިޔާސަތުތައް އުފައްދާނެ މީހުން ބިނާ ކުރުމެވެ. އެކެޑަމީ އުފައްދަނީ ސިޔާސީ މީހުން ތަމްރީނު ކުރުމުގެ ބޭނުމުގަ އެވެ.