Advertisement

އެމްޑީޕީ ހިންގަން ގޮންޖެހުން ހުރި ކަމަށާއި އޭނާގެ ލީޑާޝިޕްގެ ދަށުން ޕާޓީ ހިންގަން ބައެއް މީހުން ބޭނުންނުވެދާނެ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ

2 އޮކްޓޯބަރު 2024 - 22:37 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މިރޭގެ ޖަލްސާގެ ތެރެއިން: ފައްޔާޒް ވިދާޅުވީ އެމްޑީޕީ ހިންގުމަށް އެކި ދިމަދިމާލުން ގޮންޖެހުން ކުރިމަތިވާ ކަމަށް -- ފޮޓޯ: އެމްޑީޕީ


އެމްޑީޕީ ހިންގަން ގޮންޖެހުން ހުރި ކަމަށާއި އޭނާގެ ލީޑާޝިޕްގެ ދަށުން ޕާޓީ ހިންގަން ބައެއް މީހުން ބޭނުންނުވެދާނެ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ

2 އޮކްޓޯބަރު 2024 - 22:37 0

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ހިންގަން ގޮންޖެހުން ކުރިމަތިވާ ކަމަށާއި ލީޑާޝިޕްގައި އޭނާ ހުންނެވުމުން، ޕާޓީ ހިންގަން ބައެއް މީހުން ފަހަރެއްގައި ބޭނުން ނުވެދާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ ކުރިއަށްގެންދާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދަށް ބައެއް ބަދަލުތައް ގެންނަން ހުށަހެޅުމުން ބައެއް މެންބަރުން ވަނީ، ޕާޓީގެ ކޮންގްރެސްއެއްގައި އެ އިސްލާހުތައް ފާސް ކުރަން ގޮވާލައިފަ އެވެ. އެ ވާހަކަތަަކަށް ރައްދު ދެއްވަަމުން ފައްޔާޒް ވިދާޅުވީ އެއީ ޕާޓީ ހިންގުމަށް ކޮންމެހެން ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށެވެ. އެކަމަކު، އޭނާގެ ލީޑާޝިޕްގައި ޕާޓީ ހިންގަން ބައެއް މީހުން ބޭނުން ނުވެދާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކޮންގްރެސްއެއް އެހާ އަވަހަށް މިވަގުތުން ވަގުތަށް ބޭއްވޭނެ ގޮތެއް އަދިއެއް ނެތް ފެންނާކަށް. އެކަމަކު އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެން ރޯޑްމެޕުގައި މި ވާހަކަ ދައްކަމުން މި ދަނީ މި އަންނަ އަހަރުގެ ކުރީކޮޅު ނޫނީ މެދު ތެރޭގައި އަޅުގަނޑުމެން ކޮންގްރެސްއެއް ބާއްވަން. އަޅުގަނޑުމެންނަށް މި ބަދަލުތައް މި އަންނަ އަހަރުގެ މެދު ތެރޭގައި ބާއްވައިގެން ކުރިއަށް ގެންދަންވީމާ ޕާޓީ ހިންގުމަށް ލަސްވެދާނެ،" ފައްޔާޒް ވިދާޅުވި އެވެ.

"ފަހަރެއްގައި ބައެއް ބޭފުޅުން ބޭނުންފުޅުވެދާނެ ޕާޓީ ނުހިނގައި މިވަގުތު އޮންނަން އަޅުގަނޑުގެ ލީޑާޝިޕްގެ ދަށުގައި. އެހެން ނަމަވެސް އަޅުގަނޑުމެން އެބަޖެހޭ މިކަންކަން ބަދަލު ކުރަން."

އޭގެ އިތުރުން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ޕާޓީ ހިންގުމަށް އޭނާއަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ.

"މުޅި ރާއްޖޭގެ ޓުވިޓަރުގަޔާ ހުރިހާ އެއްޗެއްގައި އަޅުގަނޑަށް އޮތް ގޮންޖެހުންތަކެއް އެބަ އޮތް މި ޕާޓީ ހިންގުމުގައި. އަދި އެކަމަށް ދަރު އަޅާނެ މީހުން ވެސް ހަމަ ގައިމު ވެސް ހުރިހާ ދިމާލެއްގައި ވެސް ތިބޭނެ. އެކަންކަން ކުރެވެމުންދާއިރުގައި ވެސް އަޅުގަނޑު އެކަމާ މާ ބޮޑު ކަންބޮޑުވުމެއް ނެތް،" ފައްޔާޒް ވިދާޅުވި އެވެ.

އަސާސީ ގަވާއިދަށް ގެންނަން މިރޭ ހުށަހެޅި ބަދަލުތަކުގެ ތެރޭގައި، ދާއިރާގެ ހިންގާ ކޮމެޓީގެ އިތުރުން ރަށު ހިންގާ ކޮމެޓީއެއް އުފެއްދުން ހިމެނެ އެވެ. އަދި ޕާޓީއަށް ކުރިން ހިދުމަތް ކުރައްވާފައިވާ ބޭފުޅުން ހިމެނޭ ގޮތަށް ގައުމީ މަޖިލީހުން އައްޔަން ކުރާ މަޝްވަރާ މަޖިލީހެއް އުފެއްދުން ވެސް ހިމެނެ އެވެ. އެ އިސްލާހުތައް ގައިމީ މަޖިލީހުގެ ޖަލްސާއެއްގައި ފާސް ކުރަން ދެކޮޅު ހެދި ބޭފުޅުންގެ ތެރޭގައި ކެލާ ދާއިރާގެ ރައީސް އިބްރާހިމް ޝަރީފް އަދި ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުލްރަހްމާން ހިމެނެ އެވެ.

"ގައުމީ މަޖިލީހަކީ 121 މެންބަރުން ތިބޭ މަޖިލީހެއް. އެކަމަކު ކޯރަމަކީ 30 ކަމަށް ދެންމެ ތި އިއުލާނު ކުރެއްވިއިރު ހަގީގަތުގައި ކޯރަމް ހަމަވެ މާ ގިނަ ބޭފުޅުންނެއް މިތާކު ނެތް. އެހެންވީމާ މިފަދަ ޖަލްސާއެއްގައި މިފަދަ އިސްލާހެއް ގެންނަން އަޅުގަނޑުމެން ވޯޓު ދީފި ނަމަ އަސާސީ ގަވާއިދު ވަރަށް ބޮޑަށް އެއްކައިރި ކޮށްލެވެނީ އެއިރުން،" ގައުމީ މަޖިލީހުގެ ޖަލްސާގައި އިސްލާހުތައް ފާސްކުރުމާ ދެކޮޅަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ބުނީ އެ މަޖިލީހުގެ ޖަލްސާއެއްގައި އަސާސީ އިސްލާހު ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އޭގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހިމެނެ އެވެ. މާރިޔާ ވިދާޅުވީ ކުރިން ވެސް ގައުމީ މަޖިލީހުން އަސާސީ އިސްލާހުކޮށްފައިވާ ކަމަށާއި އެހެންކަމުން އެއީ ކުރިން ކަނޑައެޅިފައިވާ ޕްރެސީޑެންޓެއް ކަމަށެވެ.

ރަށު ހިންގާ ކޮމެޓީ އުފެއްދުމަށް އަދި މަޝްވަރާ މަޖިލީހެއް އުފައްދަން މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

ރަށު ހިންގާ ކޮމެޓީއަކާއި މަޝްވަރާ މަޖިލީހެއް އުފެއްދުމުގެ އިތުރުން ތިންކް ޓޭންކަކާއި ޕާޓީގެ މާލީ ތަނަވަސްކަން އިތުރު ކުރަން ގާނޫނު ހުއްދަ ކުރާ ކޮންމެވެސް ވިޔަފާރިއެއް ކުރަން ވެސް މިއަދު އެމްޑީޕީން ފާސް ކުރި އެވެ.