Advertisement

ދުވާފަރު ނެރުމަތި ތިލަވެ، ދޯނިފަހަރު ބީހޭތީ މަސްވެރިންނަށް ބޮޑު ދައްޗެއް

11 ސެޕްޓެންބަރު 2024 - 13:20 0


ދުވާފަރު ނެރުމަތި ތިލަވެ، ދޯނިފަހަރު ބީހޭތީ މަސްވެރިންނަށް ބޮޑު ދައްޗެއް

11 ސެޕްޓެންބަރު 2024 - 13:20 0

މަސްވެރިންގެ ބޮޑު އާބާދީއެއް އޮންނަ ރ. ދުވާފަރު ބަނދަރަށް ވަންނަ ނެރުމައްޗަށް ވެލި އެޅި ތިލަވުމުގެ ސަބަބުން ލަފާ ފުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

ދުވާފަރުން "އަދަދު" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެރަށުގެ ނެރުމައްޗަށް ވެލި އަރައި ތިލަވުމުގެ ސަބަބުން، ހިކިދިޔައިގައި ދޯނިތައް ބީހުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެފަދަ ހާދިސާއެއް މިހަފުތާގައި ވެސް ހިނގި އެވެ.

"މިހާރު ވަރަށް ބޮޑަށް ވެލި އެޅި ތިލަވެފައި ނެރުމަތި އޮންނަނީ، މިފަހުން ވެސް ހަތަރު ފަސްދޯނި ބީހިގެން ރައްޔިތުން ނުކުމެ ފުންކުރަން ޖެހުނު،" ދުވާފަރުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

އެނގިފައިވާ ގޮތުގައި ނެރުމަތި ތިލަވެ، ލަފައި ފުރަން ދަތިވުމުގެ ކަންބޮޑުވުން ދުވާފަރު ކައުންސިލުން ވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ވެސް ހުށަހަޅައިފަ އެވެ. އެކަމުގެ ޝަކުވާ އުފުލާތާ މިހާރު ދޮޅުމަހެއްހާ ދުވަސް ވެއްޖެ އެވެ.

"އެ މައްސަލަ ހައްލުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން މައުލޫމާތު ދީފައި އޮތީ،" ދުވާފަރުން މި ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރ. ދުވާފަރަކީ އެ އަތޮޅު ކަނދޮޅުދޫގައި ދިރިއުޅުނު މީހުން ސުނާމީއަށް ފަހު އާބާދުކުރި ރަށެވެ. ކަނދޮޅުދުއަކީ ޒަމާނުއްސުރެ މަސްވެރި އާބާދީއެއް އޮތް ރަށެކެވެ. ދުވާފަރަށް ބަދަލުވި ފަހުން ވެސް އެކަން އޮތީ އެގޮތަށެވެ.

އެގޮތުން ކަނޑުމަސްވެރިކަން ކުރާ ބޮޑެތި ސައިޒުގެ 10 ވަރަކަށް މަސްދޯންޏާއި ހުއިފިލަނޑާ ނެގުމާއި މަސްވެރިކަމުގެ އެހެން މަސައްކަތްތައް ކުރާ އުޅަނދުތައް ހިމެނޭ ގޮތުން ސާޅީހަކަށް ގަނޑެތި އެރަށުގައި އޮވެ އެވެ.

އައިސް ޕްލާންޓެއް ހުންނާތީ އެހެން ރަށްރަށުގެ މަސްދޯނިފަހަރު ވެސް ވަރަށް ގިނައިން އެރަށަށް ދަތުރުކުރެެ އެވެ.