Advertisement

ރައީސްގެ ފަރާތުން ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް މިމަހު 75،000 ރުފިޔާ

11 ސެޕްޓެންބަރު 2024 - 15:57 12

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މެންބަރު މުހައްމަދު އަލީ ޕީއެންސީ އޮފީސް ކައިރީ ހަރަކާތްތެރިވަނީ: މީގެ ކުރިން ޕީއެންސީގެ މެންބަރުންނަށް ދީފައި ވަނީ ބައިލައްކަ ރުފިޔާ -- ފޮޓޯ: އަދަދު


ރައީސްގެ ފަރާތުން ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް މިމަހު 75،000 ރުފިޔާ

11 ސެޕްޓެންބަރު 2024 - 15:57 12

ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް "ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން" ކޮންމެ މަހަކު ދެއްވަމުން އަންނަ ބައިލައްކަ ރުފިޔާއަށް މި މަހު 25،000ރ. އިތުރު ކުރުމަށްފަހު ކޮންމެ މެންބަރަކަށް 75،000ރ. ދޫކޮށްފި އެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދީފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ، ޕީއެންސީ އޮފީހުގަ އެވެ. ޕީއެންސީ އޮފީހުން އެރޭ ފައިސާ ދޫކުރިކަން އެ ޕާޓީގެ ބައެއް މެންބަރުން "އަދަދު" އަށް ކަށަވަރު ކޮށްދިނެވެ.

ފައިސާ ދޫކުރި ކަމަށް އެ މެންބަރުން ވިދާޅުވި ވަގުތުގައި އެތައް ބައިވަރު މަޖިލިސް މެންބަރުންނެއް ޕީއެންސީ އޮފީހަށް ވަން މަންޒަރު، އެ ސަރަހައްދުގައި އެރޭ ހަރަކާތްތެރިވި "އަދަދު" ގެ ނޫސްވެރިންނަށް ފެނުނެވެ. އަދި، މި ނޫހުގެ ކެމެރާތަކަށް އެ މަންޒަރުތައް ރިކޯޑު ވެސް ކުރި އެވެ.

ނަމަވެސް އެރޭ ޕީއެންސީ އޮފީހުން ފައިސާ ލިބުނުކަން އެ މެންބަރުން އިންކާރު ކުރެއްވި އެވެ.

މި ނޫހަށް މައުލޫމާތު ދިން ޕީއެންސީ މެންބަރުން ބުނީ އެރޭ ޕާޓީ އޮފީހަށް ހާޒިރު ނުވެވުނު މީހުންނަށް ރައީސްގެ ފަރާތުން ދެއްވި ފައިސާ ޑެލިވަރީ ވެސް ކޮށްދިން ކަމަށެވެ.

"ބައިލައްކަ" ޑޮކިއުމެންޓަރީ


އާދިއްތަ ދުވަހުގެ ރޭ، ރައީސް މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުން ނެރެގެން ގެންދިޔަ ކަޅު ދަބަހެއް ޕީއެންސީ އޮފީހަށް ދުވާފަރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އަލީ ވެއްދި މަންޒަރު ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވި މި ނޫހުގެ ނޫސްވެރިންނަށް ފެނުނެވެ.

އެ ދަބަހުގައި ހުރީ ކޮން އެއްޗެއްތޯ އަދި އެއީ ކޮން ބޭނުމެއްގައި ޕީއެންސީ އޮފީހަށް ގެންދިޔަ ދަބަހެއްތޯ ސުވާލު ކުރަން މުހައްމަދު އަލީއަށް ގުޅައި މެސެޖު ކުރުމުން ވެސް އޭނާ ޖަވާބެއް ނުދެއްވި އެވެ.

ޕީއެންސީ މެންބަރުންނަށް ބެހި ކަމަށް ބުނާ ފައިސާ ހޯދީ ކޮންތަނަކުންތޯ އެ ޕާޓީގެ ލީޑަޝިޕުގެ ބޭފުޅުންނާ ސުވާލު ކުރުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ފައިސާ ދޭން ނިންމިކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ މުލިއާގޭގައި މެއި 22، ގައި ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމަށްފަހު ފާއިތުވި ތިން މަހު ވެސް ޕީއެންސީގެ މަޖިލިސް މެންބަރުންނަށް، 50،000ރ. ގެ މަގުން ފައިސާ ދީފައިވާކަން ޕީއެންސީގެ ބައެއް މެންބަރުން ކަށަވަރު ކޮށްދީފައިވެ އެވެ.

ނަމަވެސް މިމަހު އެ އަދަދު އިތުރު ކުރީ ކީއްވެ ކަމެއް އެ މެންބަރުން ނުބުނެ އެވެ.

ޕީއެންސީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު އެ މެންބަރުންނަށް ބައިލައްކަ ރުފިޔާ ދޭން މަހެއްގެ މައްޗަށް 3.75 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

"ރައީސްގެ ފަރާތުން" ދެއްވާ ފައިސާއާ ނުލައި ވެސް މަޖިލިސް މެންބަރަކަށް ކޮމެޓީ އެލެވެންސްގެ ގޮތުގައި ލިބޭ 20،000ރ. އާއެކު ކޮންމެ މަހަކު މުސާރައިގެ ގޮތުގައި 82،500ރ. ލިބޭނެ އެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދެއްވަން ނިންމަވައި، އެކަން އިއުލާނު ކުރެއްވި ބައްދަލުވުމުގައި، އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ބުނެ އެގޮތަށް އެކަން ނުކުރުމަށް ބައެއް މެންބަރުން އެދުވަހު ރައީސްގެ އަރިހުން އެދުނު ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން މައުލޫމާތު ދިނެވެ.

ނަމަވެސް "އެއީ އެއްވެސް މައްސަލައެއް ނޫން" ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އެކަން އެމަގުން ކުރައްވަމުން ގެންދަވަނީ ކަމަށް އެމީހުން ބުންޏެވެ.

އެ ފައިސާގެ އިތުރުން ޕީއެންސީގެ އެކި މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންނަށާއި ޕީއެންސީ ހިންގުމަށް ވެސް "ރައީސްގެ ފަރާތުން" ފައިސާ ދޭ ކަމަށް ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވަނީ މި ނޫހަށް މައުލޫމާތު ދީފަ އެވެ. އެ ފައިސާގެ ޖުމުލަ އަދަދު ހަ މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް އެ ބޭފުޅުން މި ނޫހަށް ކަށަވަރު ކޮށްދިނެވެ.

"ރައީސް މުއިއްޒުގެ ފަރާތުން" މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ދޭން ފައިސާ ހޯދަނީ ކޮން ގޮތަކަށް ކަމެއް ނޭނގެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަހު މުސާރައަކީ އެންމެ 100،000ރ. އެވެ.