Advertisement

ދޮގު ހެދުމުގެ ނުބައިކަމުގެ ވާހަކަ ރައީސް ދެއްކެވުމުން ޑރ. ޖަމީލް ހަނދާންކޮށްދެއްވީ އެމަނިކުފާނުގެ "ދޮގުތައް"

about 4 hours 0

ޑރ. ޖަމީލް: ވިދާޅުވީ ރައީސް މުއިއްޒުގެ ސަބަބުން ދޮގު ހެދުމަކީ މުޖްތަމައުގެ ރުކުނަކަށްވެއްޖެ ކަމަށް -- ފޮޓޯ: އަދަދު ފައިލް


ދޮގު ހެދުމުގެ ނުބައިކަމުގެ ވާހަކަ ރައީސް ދެއްކެވުމުން ޑރ. ޖަމީލް ހަނދާންކޮށްދެއްވީ އެމަނިކުފާނުގެ "ދޮގުތައް"

about 4 hours 0

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރަން މިއަދު ބޭއްވި ޖަލްސާގައި ދޮގު ހެދުމުގެ ނުބައިކަމުގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވުމުން، އެމަނިކުފާނު ހެއްދެވި ބައެއް "ދޮގުތައް" އިދިކޮޅު ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަނދާންކޮށްދެއްވައިފި އެވެ.

ކުރީގެ ރައީސް ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންމެ ގިނައިން ދޮގު ހައްދަވާ އެއް ބޭފުޅަކީ ރައީސް މުއިއްޒު ކަމަށާއި އެމަނިކުފާނުގެ ސަބަބުން ދޮގު ހެދުމަކީ ގައުމުގެ ރުކުނަކަށްވެއްޖެ ކަމަށެވެ.

"މަނިކުފާނުގެ ސަބަބުން ދޮގާ މަކަރު ހެދުން އެއީ މިއަދު ގައުމީ ރުކުނަކަށް ވެއްޖެ! މަނިކުފާނުގެ ރޯލް މޮޑެލްއަކީ [މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ] އަދުރޭ! ވައްކަން، ހުތުރު އެއްޗެހި ކިއުން އެއީ ތިޔަ ސަގާފަތުގެ ސުންނަތް!،" ޖަމީލް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ހެއްދެވި ކަމަށް ބުނާ ދޮގުތަކުގެ ތެރޭގައި ޖަމީލް ފާހަގަ ކުރެއްވީ އިންޑިއާގެ ސިފައިންނާ ގުޅިގެން ދެއްކެވި ވާހަކަތަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވި ވާހަކަތަކާއި ފޯޅަވަހި ކަނޑު ހޯއްދަވާނެ ކަމަށް ވިދާޅުވި ވާހަކަ އާއި މާލޭ މީހުންނަށް ދިން ފްލެޓްތަކާއި ބިންތައް އަތުނުލައްވާނެ ކަމަށް ވިދާޅުވި ވާހަކަ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދޮގާއި ދޮގު ހަބަރު ފެތުރުމަކީ ދިވެހި މުޖްތަމައުގައި މޫލާފައި އޮތް ބޮޑު ހަލާކެއް ކަމަށެވެ.

"މިބާވަތުގެ ޖަރީމާތަކުގެ ތެރެއިން ހަމައެކަނި ދޮގު ހެދުމާއި ދޮގު ހަބަރު ފެތުރުމަށް ބަލައިލިޔަސް އެ ދެއްކެނީ އަދުގެ ދިވެހި މުޖްތަމައުގައި މޫލާފައި އޮތް ބޮޑު ހަލާކެއްގެ ވާހަކަ. ދޮގާއި އާދަ ފުރައްސާރަ އާއި ނެތި ނުބައި ކިޔުމުގެ ބާޒާރުގައި އެތައް ބަޔަކު އަވަދިނެތި އެބަ އުޅޭ. ލިބޭ ވަގުތީ، ދުނިޔެވީ މަންފާއަށްޓަކައި. ކުޑަ ލާރިކޮޅަކަށް،" ރައީސް ވިދާޅުވި އެވެ.

"ބައެއް ފަހަރު ފަތުރާލާ ދޮގު ހަބަރުގެ ސަބަބުން މުޅި ދިވެހި ދައުލަތަށް އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަހުރި."

ދޮގާއި ދޮގު ހަބަރު ފަތުރަން ތިމާއަށް ﷲ ދެއްވާފައިވާ މުއްސަނދިކަން ހޭދަ ނުކުރަން ވެސް ރައީސް މުއިއްޒު އިލްތިމާސް ކުރެއްވި އެވެ.

"ތިޔައިން ކޮންމެ ބޭފުޅަކު ވެސް މިވަގުތު، މިތާނގައި އަމިއްލަ ނަފްސުގެ މައްޗަށް ވައުދުވެވަޑައިގަތުން ދޮގު ހެދުމާއި ދޮގު ހަބަރު ހެދުމާއި އާޑަފުރައްސާރަތަކުގައި ބައިވެރިނުވާން އަޒުމް ކަނޑައެޅުން. އަޅުގަނޑުމެންނަށް ﷲ ދެއްވާފައިވާ ރިޒުގާއި މުއްސަނދިކަން މިފަދަ ހަލާކުތަކަށް ހޭދަ ނުކުރެއްވުން،" ރައީސް ވިދާޅުވި އެވެ.