Advertisement

ކޮރަޕްޝަން އަދި ހިޔާނާތުގެ ވާހަކަ ނުދައްކަވައި ރައީސް ދިގުކޮށް ދެއްކެވީ ދޮގު ހަބަރުގެ ވާހަކަ

ރައީސް މުއިއްޒު މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: އިލްތިމާސް ކުރެއްވީ ދޮގު ހަބަރު ފަތުރަން ހަރަދު ނުކުރެއްވުމަށް -- ފޮޓޯ: ރައީސް އޮފީސް


ކޮރަޕްޝަން އަދި ހިޔާނާތުގެ ވާހަކަ ނުދައްކަވައި ރައީސް ދިގުކޮށް ދެއްކެވީ ދޮގު ހަބަރުގެ ވާހަކަ

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މުޖްތަމައުގައި ހުރި މައްސަލަތަކުގެ ވާހަކަތައް ދައްކަވަމުން، ކޮރަޕްޝަނާއި ހިޔާނާތުގެ ވާހަކަތައް ނުދައްކަވައި، ދޮގު ހަބަރު ފެތުރުމުގެ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ދިގުކޮށް ދައްކަވައިފި އެވެ.

ރާއްޖެ އިސްލާމްވިތާ 898 ވަނަ އަހަރު ފުރުން ފާހަގަ ކުރަން މިއަދު ބޭއްވި ޖަލްސާގައި ރައީސް ވަނީ 27 މިނެޓުގެ ތަގުރީރެއް ކުރައްވައިފަ އެވެ. ރައީސްގެ ވާހަކައިގައި "ހިޔާނާތް" މި ބަސް ބޭނުން ކުރެއްވީ އެންމެ ދެ ފަހަރަކު އެވެ. އޭގެ ތެރެެއިން އެއް ފަހަރު އެ ބަސް ބޭނުން ކުރަނީ ދޮގު ހެދުމަކީ ހިޔާނާތެއް ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް "ދޮގު" މި ބަސް 11 ފަހަރަކު ބޭނުން ކުރެއްވި އެވެ. "ދޮގު ހަބަރު" މި ބަސް ތިން ފަހަރަކު ބޭނުން ކުރެއްވި އެވެ.

ރައީސްގެ ތަގުރީރުގައި ފާހަގަ ކުރެއްވީ ދޮގާއި ދޮގު ހަބަރު ފެތުރުމަކީ މުޖްތަމައުގައި މޫލާފައި އޮތް އެންމެ ބޮޑު އެއް ހަލާކުގެ ގޮތުގަ އެވެ. އަދި ދޮގު ހެދުމުގެ ނުބައިކަމާމެދު ވަރަށް ދިގުކޮށް އެމަނިކުފާނު ވާހަކަ ދެއްކެވި އެވެ. އެންމެ ދިގުކޮށް ރައީސް ދެއްކެވީ ވެސް ދޮގާއި ދޮގު ހަބަރުގެ ވާހަކަތަކެވެ.

ރައީސްގެ ވާހަކައިގައި، އިސްލާމް ދީނަށް އަމަލު ކުރުމާ ގުޅޭ ގޮތުން ވެސް ތަފުސީލުކޮށް ވާހަކަ ދެއްކެވި އެވެ. ނަމާދު ކުރުމާއި ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރިހަމައަށް ތަބާވުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ. އަދި ޒުވާނުންނަށް ރަނގަޅު މަގު ދައްކައިދިނުމާ ގުޅޭ ގޮތުން ވެސް އެމަނިކުފާނު ވާހަކަ ދެއްކެވި އެވެ.

އެކަމަކު، މުޖްތަމައުގެ ތެރޭގައި މިވަގުތު އޮތް މައްސަލަތަކުގެ ތެރޭގައި ރައީސް ހަމައެކަނި ވަކިން ފާހަގަ ކުރައްވައި ދެއްކެވި ކަމަކީ ދޮގާއި ދޮގު ހަބަރު ފެތުރުމުގެ ވާހަކަ އެވެ. ހިޔާނާތުގެ ވާހަކަ ދެއްކެވީ، ދީނަށް އަމަލު ކުރުމުން "ގައުމަށް ހިޔާނާތް" ވުމުގެ މައްސަލަ ހައްލުވާނެ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ޖުމްލަކޮށް ބައެއް މައްސަލަތަކުގެ ވާހަކަ ދެއްކެވި އެވެ.

ދޮގާއި ދޮގު ހަބަރު ފެތުރުމާ ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަތައް

"... މި ބާވަތުގެ ޖަރީމާތަކުގެ ތެރެއިން ހަމައެކަނި ދޮގުހެދުމާއި، ދޮގު ހަބަރުފެތުރުމަށް ބަލައިލިޔަސް، އެ ދެއްކެނީ އަދުގެ ދިވެހި މުޖުތަމައުގައި މޫލައިފައި އޮތް ބޮޑު ހަލާކެއްގެ ވާހަކަ. ދޮގާއި، އާޑަފުރައްސާރަޔާއި، ނެތިނުބައިކިޔުމުގެ ބާޒާރުގައި، އެތައް ބަޔަކު އަވަދިނެތި އެބައުޅޭ. ލިބޭ ވަގުތީ ދުނިޔެވީ މަންފާއަކަށް."

"ދޮގު ވާހަކަތަކުގެ ސަބަބުން ލޮޅުންއެރީ ކިތައް އާއިލީ ގުޅުމަށްތޯ؟ ހުތުރު ފުރައްސާރަތަކުގެ ސަބަބުން މާޔޫސްވީ ކިތައް ހިދުމަތްތެރީންތޯ؟ ދެބައޮޑުވުމާއި، ނެތިނުބައިކިޔުމުގެ ސަބަބުން، ރޫޅި ކުދިކުދިވީ ކިތައް އެކުވެރި ރަހުމަތްތެރިކަންތޯ؟ މިފަދަ ކޮންމެ ކަމަކުން އުފެދޭ ވޭނާއި ކެކުޅުން، އެތައް ޒަމާނަކަށް، އެތައް ޖީލަކަށް ދެމިގެންދޭ. ވަކިވަކި މީހުންނަށް ގެއްލުން ލިބޭ ފަދައިން، ވަކިވަކި އާއިލާތަކަށް ގެއްލުން ލިބޭ. އަދި ކީއްތޯ؟ ބައެއްފަހަރަށް ފަތުރާލާ ދޮގު ޚަބަރުތަކުގެ ސަބަބުން، މުޅި ދިވެހި ދައުލަތަށް، އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަހުރި."

"އެހެންވީއިރު، ދޮގާއި ފުރައްސާރަ ފެތުރުމުގެ ބާޒާރަކީ، އިސްލާމީ ސަގާފަތުން ޖާގަ ލިބިދޭނެ ބާޒާރެއް ނޫން. ނަމަވެސް، އިސްލާމްދީން ފެށިގަތް ދުވަސްވަރު ވެސް، މި ހުތުރު އާދަ ބަޔަކު ފަތުރަމުންދިޔަ. ކީރިތި ގުރްއާނާއި، މާތް ރަސޫލާގެ ސުންނަތް ވަނީ މުސްލިމުންގެ ސަމާލުކަމަށް އެކަން ގެނެސްދީފައި. އެ ގޮތުން، ދޮގާއި، ޣީބަޔާއި، ފުރައްސާރަ އުފުލާ ފާސިގުން ގެންނަ ވާހަކަތައް ގަބޫލުކުރުމުގެ ކުރިން، އޭގެ ދޮގުތެދު ބެލުމަށް ކީރިތި ގުރްއާން އިރުޝާދު ދޭ."

"ތިޔައިން ކޮންމެ ބޭފުޅަކު ވެސް މި ވަގުތު މިތާނގައި އަމިއްލަ ނަފުސުގެ މައްޗަށް ވައުދުވެވަޑައިގަތުން. ދޮގުހެދުމާއި، ދޮގު ހަބަރު ފެތުރުމާއި، އާޑަ ފުރައްސާރައިގެ ފިތުނަވެރި އަމަލުތަކުގައި ބައިވެރިނުވާން އަޒުމު ކަނޑައެޅުއްވުން. އަޅުގަނޑުމެންނަށް ﷲ ދެއްވާ ރިޒުގާއި، މުއްސަނދިކަން މިފަދަ ހަލާކުތަކަށް ހޭދަނުކުރެއްވުން."