Advertisement

ރައީސް މުއިއްޒުއަށް މަރުހަބާ ކިޔަން ދިއްލީ ޒީނަތްތެރިކޮށްފި

ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވާތީ ރާއްޖޭގެ ގައުމީ ދިދަ އެ ގައުމުގެ ވެރިރަށް ދިއްލީގައި ނަގާފައި: ރައީސް އިންޑިއާއަށް ވަޑައިގަންނަވާނީ މާދަމާ -- ފޮޓޯ: އެކްސް


ރައީސް މުއިއްޒުއަށް މަރުހަބާ ކިޔަން ދިއްލީ ޒީނަތްތެރިކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރެއްގައި މާދަމާ އިންޑިއާއަށް ވަޑައިގަންނަވާތީ، އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެ ގައުމުގެ ވެރިރަށް ނިއު ދިއްލީ ޒީނަތްތެރި ކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސް މުއިއްޒު ވަޑައިގަންނަވާތީ ދިއްލީގެ މަގުތަކުގައި ރާއްޖޭގެ ދިދަތައް ޖަހާފައިވެ އެވެ.

ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމަނިކުފާނު އިންޑިއާއަށް ވަޑައިގަންނަވަނީ މާދަމާ ރޭގަނޑެވެ.

ރައީސްގެ މި ދަތުރުގައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްދާނެ އެވެ. އިންޑިއާ ދަތުރުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ ވަފުދެއް ބައިވެރިވާނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކާއި އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދަތުރުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރަނީ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ކާރިސާއިން އަރައިގަތުމަށް ފައިސާގެ އެހީ ހޯދުމާ ގުޅޭގޮތުންނެވެ. މިހެން ނަމަވެސް ދެ ގައުމުގެ ސަރުކާރުގެ ރަސްމީ މަސްދަރަކުން މިހެން ބުނެފައި ނުވެ އެވެ.

ރައީސް މުއިއްޒު އިންޑިއާ ދަތުރު ނިންމަވާލެއްވުމަށް ފަހު އަނބުރާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ގައުމަށް ރައީސް ކުރައްވާ ފުރަތަމަ ދަތުރެވެ.

ރައީސް މުއިއްޒު އިންޑިއާއަށް މި ވަޑައިގަންނަވަނީ ދެ ގައުމުގެ ގުޅުން ރަނގަޅުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. މި ގުޅުން ގޯސްވީ އިދިކޮޅުގައި ތިބެގެން އަދުގެ ސަރުކާރުން ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނާއި މި ސަރުކާރުގެ ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލްމީޑިއާއަށް ދޫކޮށްލި ޕޯސްޓުތަކަކާ ގުޅިގެންނެވެ.

ހަމަ އެހެންމެ، ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުގައި ޗައިނާއަށް ވަޑައިގަތުމަށް ފަހު އެނބުރި މާލެ ވަޑައިގެން އެމަނިކުފާނު ނުސީދާކޮށް އިންޑިއާ ދޫކޮށްލި ބަހުގެ ހަމަލާތަކާ ގުޅިގެން ވެސް ދެ ގައުމުގެ ގުޅުމަށް އަސަރުކުރި އެވެ.