12 ސެޕްޓެންބަރު 2024 - 02:34 0
އަތޫފް އާތިފް
12 ސެޕްޓެންބަރު 2024 - 02:34 0
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމަންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ފައިނަލުގައި ރާއްޖޭގެ މައްޗަށް 3-2 ސެޓުން ކުރިހޯދާ ކިރްގިސްތާނުން ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ، ރާއްޖޭގައި ބޭއްވި ވޮލީ މުބާރާތެއްގެ ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދި ތިން ވަނަ ފަހަރެވެ، މީގެ ކުރިން، މި އަހަރު މާލޭގައި ބޭއްވި ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ތަށި ހޯދީ ކިރްގިސްތާނުންނެވެ. އަދި 2017 ވަަނަ އަހަރު މާލޭގައި ބޭއްވި އޭވީސީ ފިރިހެން ވޮލީ މުބާރާތުގެ ތަށި ހޯދީ ވެސް ކިރްގިސްތާނުންނެވެ.
އަނެއްކޮޅުން، މިއީ، ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމަށް ބައިނަލްއަގުވާމީ ލެވަލްގައި ލިބުނު ތިން ވަަނަ ރިހި މެޑަލް އެވެ. އެންމެ ފުރަތަމަ 2019 ވަަނަ އަހަރު ނޭޕާލްގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުންނެވެ. އޭގެ ފަހުން، މިދިޔަ އަހަރު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕުންނެވެ. އަދި މި ފަހަރު، ކާވާ ޗެލެންޖް ކަޕްގަ އެވެ.
ރާއްޖޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީ މިރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ކާވާ ޗެލެންޖް ކަޕްގެ ފައިނަލް މެޗުގެ ސެޓުތައް ދިޔައީ, 25-17, 24-26, 25-18, 22-25 އަދި 15-09 އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖޭން ހަތަރު ޕޮއިންޓް ކައިރިކައިރީ ސްކޯކުރި ނަމަވެސް ސެޓުގެ ވަކި ހިސާބަކުން ރާއްޖޭގެ ކުޅުންތެރިންނަށް ކިރްގިސްތާންގެ ހަމަލާތައް ރިސީވްކުރުމުގައި ހެދުނު ގޯސްތަކަކުން ގިނަ ޕޮއިންޓްތަކެއް ގެއްލުނެވެ. އެއާއެކު ކިރްގިސްތާނުން ލީޑު ފުޅާކޮށް, ފަސޭހަކަމާއެކު 25-17 އިން މި ސެޓު ކާމިޔާބުކުރީ އެވެ.
ޖެހިގެން އައި ދެވަނަ ސެޓުގެ ކުރީކޮޅު ވެސް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ރިސީވްކުރުމުގައި ގިނަ ބޯޅަތަކެއް ގެއްލުނެވެ. އެކަމަކު, އައިޝަތު މާޖިދާ (މާޖީ) ގެ މޮޅު ސާވިސްތަކަކުން ރާއްޖެއިން ސެޓު ލީޑު ކުރަން ފެށި އެވެ. މީގެ އިތުރުން މި ސެޓުގައި, ޝަހާ ޝާމިންގެ ބާރު އެޓޭކްތަކުން ރާއްޖެއިން ގިނަ ޕޮއިންޓްތަކެއް ސްކޯކުރި އެވެ. މި ސެޓު ރާއްޖެއިން ގެންދިޔައީ 26-24 އިންނެވެ.
އެކަމަކު ތިން ވަނަ ސެޓުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އޭގެ ފައިދާ ނަގާ މި ސެޓު ކިރްގިސްތާން އިން ވަނީ 25-18 އިން ގެންގޮސްފަ އެވެ. ޖެހިގެން އައި ހަތަރުވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިން ހިތްވަރުކޮށް މޮޅަށް ކުޅުނުއިރު, މި ސެޓުގައި ރާއްޖޭގެ ހައްވާ ރާޝިދާ, ޝަހާ ޝާމިން އަދި ފާތިމަތު ޖޫޒާންގެ މޮޅު ކުޅުން ފެނުނެވެ. އެއާއެކު މި ސެޓު ރާއްޖޭން ކާމިޔާބުކުރީ 25-12 އިންނެވެ.
އެކަމަކު ފަހު ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން އާދައިގެ ގޯސްތަކެއް ފެނިގެންދިޔައިރު, މި ސެޓުގައި ރާއްޖެ އަށް ކިރްގިސްތާންގެ މައްޗަށް ކުރިހޯދޭ ގޮތް ނުވި އެވެ. މި ސެޓު ރާއްޖެ އަށް ގެއްލުނީ 15-09 އިންނެވެ.
Comment