Advertisement

ސޮފްވާން އަށް ފައިނަލުގައި ކިރްގިސްތާން ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް

11 ސެޕްޓެންބަރު 2024 - 09:06 0

އަތޫފް އާތިފް

އަތޫފް އާތިފް


ސޮފްވާން އަށް ފައިނަލުގައި ކިރްގިސްތާން ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް

11 ސެޕްޓެންބަރު 2024 - 09:06 0

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމަންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ފައިނަލުގައި މިރޭ ކިރްގިސްތާންއާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗުގައި، އެ ޓީމު ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގައުމީ ވޮލީބޯލް ޓީމުގެ ކޯޗު، ސޮފްވާން އަހުމަދު ބުނެފި އެވެ.

މި މުބާރާތުގެ ލީގު ބުރުގައި ކިރްގިސްތާން އިން ވަނީ ރާއްޖެ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. އެކަމަކު، އެ މެޗުގެ ސެޓުތަކުގައި ރާއްޖެއިން ވަނީ ކިރްގިސްތާން އަށް ވަރުގަދަ ވާދައެއް ދީފަ އެވެ. އެ މެޗުގައި ރާއްޖެ މަދުވީ ސެޓު ނިންމަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމެވެ.

ރޭ ކުޅުނު ސެމީ ފައިނަލް މެޗަށް ފަހު "އަދަދު ސްޕޯޓްސް" އަށް ދިން ހާއްސަ އިންޓަވިއުގައި ސޮފްވާން ބުނީ، ލީގު ބުރު މެޗުގައި ރާއްޖެ ޓީމުން ފެނިގެންދިޔަ ކުޅުމަކީ އުންމީދީ ކުޅުމެއް ކަމަށެވެ. އަދި ކިރްގިސްތާން އަކީ ބަލިނުކުރެވޭނެ ވަރުގެ ޓީމެއް ނޫން ކަމަށް ސޮފްވާން ބުންޏެވެ.

"އަޅުގަނޑުމެން އެ މެޗުގެ ހޯމްވޯކް ހަދައިފިން. ކިރްގިސްތާން އަކީ ބަލިނުކުރެވޭނެ ވަރުގެ ޓީމެއް ނޫން. ރާއްޖެ އަށް އެ މެޗު ގެއްލުނީ ހެދުނު ކުދިކުދި ގޯސްތަކުގެ ސަބަބުން" ސޮފްވާން ބުންޏެވެ.

ސޮފްވާން ބުނީ, ފައިނަލަށް ދިޔުމަކީ ރާއްޖޭން މި މުބާރާތައް ކަނޑައެޅި ފުރަތަމަ ޓާގެޓް ކަމަށެވެ. އަދި އެކަންތައް ހާސިލްވެއްޖެ ކަމަށާއި، މިހާރު އަޒުމަކީ މި ތަށި ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި އުފުލާލުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަށް ފައިނަލުގައި ކިރްގިސްތާން ބަލިކުރެވޭނެ. އެކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް" ސޮފްވާން ބުންޏެވެ.

ލީގު ބުރުގައި ރާއްޖެ ބަލިވި ހަމައެކަނި މެޗަކީ ކިރްގިސްތާން އަތުންނެވެ. އެ މެޗުން ރާއްޖެ ބަލިވީ، 3-0 ސެޓުންނެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލުގައި ވެސް ރާއްޖެއިން ކުޅެފައިވެ އެވެ. އެކަމަކު، އެ ފަހަރު ފައިނަލުން ރާއްޖެ ބަލިވީ އެވެ.

ރާއްޖޭގައި ކުޅުނު އިންޓަނޭޝަނަލް މުބާރާތްތަކަށް ބަލާއިރު، މިދިޔަ އަހަރު މާލޭގައި ކުޅުނު ފޯ ނޭޝަންސް ކަޕުގަައި ވެސް ރާއްޖޭގެ އަންހެން ޓީމަށް ލިބުނީ ދެ ވަނަ އެވެ. އަދި 2017 ވަނަ އަހަރު މާލޭގައި ކުޅުނު އެފްއައިވީބީ ކޮލިފިއިންގައި ރާއްޖޭން ވަނީ ތިން ވަނަ ހޯދައިފަ އެވެ.