Advertisement

ތަޖިކިސްތާން ބަލިކޮށް ރާއްޖެ ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ފައިނަލަށް

10 ސެޕްޓެންބަރު 2024 - 23:40 0

އަތޫފް އާތިފް

އަތޫފް އާތިފް


ތަޖިކިސްތާން ބަލިކޮށް ރާއްޖެ ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ފައިނަލަށް

10 ސެޕްޓެންބަރު 2024 - 23:40 0

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕުގެ ސެމީ ފައިނަލުގައި 3-1 ސެޓުން ތަޖިކިސްތާން ބަލިކޮށް ރާއްޖެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލުގައި ވެސް ރާއްޖެއިން ކުޅެފައިވެ އެވެ. އެކަމަކު، އެ ފަހަރު ފައިނަލުން ރާއްޖެ ބަލިވީ އެވެ.

ރާއްޖޭގައި ކުޅުނު އިންޓަނޭޝަނަލް މުބާރާތްތަކަށް ބަލާއިރު، މިދިޔަ އަހަރު މާލޭގައި ކުޅުނު ފޯ ނޭޝަންސް ކަޕުގަައި ވެސް ރާއްޖޭގެ އަންހެން ޓީމަށް ލިބުނީ ދެ ވަނަ އެވެ. އަދި 2017 ވަނަ އަހަރު މާލޭގައި ކުޅުނު އެފްއައިވީބީ ކޮލިފިއިންގައި ރާއްޖޭން ވަނީ ތިން ވަނަ ހޯދައިފަ އެވެ.

ގިނަ އަދަދެއްގެ ރާއްޖޭގެ ސަޕޯޓަރުން ކުރިމަތީ މިރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މި މެޗުގެ ސެޓުތައް ދިޔައީ, 25-17, 22-25, 25-12 އަދި 25-17 އިންނެވެ. ލީގު ބުރުގައި ވެސް ރާއްޖޭން ތަޖިކިސްތާން ބަލިކުރީ 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖެއިން ވަނީ ސެޓު ފެށުނީއްސުރެ ލީޑުކޮށްގެން ކުޅެފަ އެވެ. އެ ގޮތުން، ރާއްޖޭގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)، ޖޫޒާން ޒަރީރް، އައިޝަތު މާޖިދާ (މާޖި) އަދި ޝަހާ ޝާމިންގެ މޮޅު ކުޅުން ފެނިގެންދިޔަ އެވެ. އެއާ އެކު މި ސެޓު ރާއްޖެއިން ގެންދިޔައީ ފަސޭހަކަމާ އެކު، 25-17 އިންނެވެ.

ދެ ވަނަ ސެޓުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ގިނަ ބަދަލުތަކެއް ފެނިގެންދިޔައިރު, މި ސެޓުގެ މެދުތެރެއިން ތަޖިކިސްތާން އިން ވަނީ ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު، މަޑުމަޑުން ރާއްޖެއިން ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަކުރި އެވެ. އެކަމަކު، ސެޓުގެ ފަހު ކޮޅު އަނެއްކާވެސް ގޯސްތަކެއް ހެދި ސެޓު 25-22 އިން ގެއްލުނީ އެވެ.

ތިން ވަނަ ސެޓު އަދި ހަތަރު ވަނަ ސެޓުގައި ވެސް ރާއްޖެއިން ފެނިގެންދިޔައީ ތަފާތު މޮޅަށް ކުޅެ ފޯމު ހިފެހެއްޓި މަންޒަރެވެ. އެއާއެކު، މި ދެ ސެޓު ވެސް ރާއްޖެއިން ހޯދީ ފަސޭހަކަމާ އެކު 25-12 އާއި 25-17 އިންނެވެ.

ފައިނަލުގައި ރާއްޖޭން މާދަމާރޭ ކުޅޭނީ ކިރްގިސްތާނާ އެވެ. ރާއްޖެ ވަނީ ލީގު ބުރުގައި ކިރްގިސްތާން އަތުން 3-0 އިން ބަލިވެފަ އެވެ. މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި، ކުޅޭނީ އަފްގާނިސްތާން އާއި ތަޖިކިސްތާން އެވެ.