10 ސެޕްޓެންބަރު 2024 - 19:26 0
މޫސާ ނާޝިއު
ހިރިމަރަދޫ ކައުންސިލުގެ މެންބަރުންނާއެކީ ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ބައްދަލުކުރެއްވުން---ފޮޓޯ: ލޯކަލް ގަވަމެންޓު މިނިސްޓްރީ
10 ސެޕްޓެންބަރު 2024 - 19:26 0
ހދ.ހިރިމަރަދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ސަރުކާރުގައި އެދިއްޖެ އެވެ.
ހިރިމަރަދޫ ކައުންސިލް މެންބަރުންނާއި ބައްދަލުކުރެއްވުމަށްފަހު "އެކްސް" ގައި އާދަމް ޝަރީފް އުމަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިރިމަރަދޫން އެހެން ރަށަކަށް ބަދަލުވާން ރައްޔިތުން އެދިފައިވާ ކަމަށް ކައުންސިލަރުން ވިދާޅުވި ކަމަށެވެ.
"ހދ.ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް ރައްޔިތުން ނިންމާފައިވާ ކަމަށް މިއަދުގެ ބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން ވިދާޅުވި. އަދި ރައްޔިތުން ބޭނުންވަނީ ކ.ތުލުސްދޫއަށް ކަން ފާހަގަކުރެއްވި" އެކްސްގައި އާދަމް ޝަރީފު ވިދާޅުވި އެވެ.
އެހެން ނަމަވެސް ހިރިމަރަދޫ ކައުންސިލުގެ މެންބަރު މުހައްމަދު އަރުޒަން "އަދަދު" އަށް ވިދާޅުވީ ކަމާ ބެހޭ އިދާރާތަކުގެ އިތުރުން ދެ ރަށެއްގެ ކައުންސިލާ ވެސް ރަށުން ރައްޔިތުން ބަދަލުވުމުގެ ވާހަކަދައްކާފައިވާ ކަމަށާ އަދި އެއްވެސް ގޮތަކަށް މިކަން ނުނިމޭ ކަމަށެވެ.
" ރައީސް އާ ވެސް އަޅުގަނޑުމެން ވާނީ މި ވާހަކަ ދައްކާފަ. އަދި ކަމާ ގުޅޭ އިދާރާތަކާ ވެސް ވާހަކަދައްކަމުން މިދަނީ" އަރުޒަން ވިދާޅުވި އެވެ.
ރަށުގެ ގިނަ ރައްޔިތުން ބޭނުންވަނީ ރަށް ނޫން އެހެން ރަށަކަށް ބަދަލުވާންކަން ފާހަގަކުރައްވައި އަރުޒަން އިތުރަށް ވިދާޅުވީ މިގޮތަށް ރައްޔިތުން ބޭނުންވާ ސަބަބަކީ ރަށުގެ ސިއްހީ ނިޒާމާއި، ތައުލީމު ކުރިއަރާފައި ނުވވާތީ ކަމަށެވެ. އަދި ރަނގަޅު ކުރިއެރުމަކާއި ޒުވާނުންގެ ކުރިމަގު ވެސް ރަނގަޅުވެގެން ދާނީ މިކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެރަށު ކައުންސިލުން ވަނީ ހަނިމާދޫ ކައުންސިލާއި ތުލުސްދޫ ކައުންސިލަށް ވެސް ރަށުގެ ރައްޔިތުން ބަދަލުވާން ބޭނުންވާ ކަމަށް އެދި ސިޓީއެއް ފޮނުވާފަ އެވެ. އަދި ހަނިމާދޫ ކައުންސިލުގެ ޖަވާބަކީ އެކަން އެގޮތަށް ވާން އެރަށު ރައްޔިތުން ނޭދޭ ކަމަށެވެ. ނަމަވެސް ތުލުސްދޫ ކައުންސިލުން އެކަމާއި ދެކޮޅު ނަހަދާކަން ފާހަގަކޮށް އަރުޒަން ވިދާޅުވީ މިހާރު އެރަށު ކައުންސިލާ ވެސް ބައްދަލުކޮށްފައި ވާނެ ކަމަށެވެ.
ބޯހިމެނުން 2022 އިން ދައްކާގޮތުގައި ހިރިމަރަދޫގައި ދިރިއުޅެނީ 260 މީހުންނެވެ. ތައުލީމީ ގޮތުން ގުރޭޑު 10 އާއި ހަމައަށް އެރަށުގައި ކިޔަވާދޭއިރު، ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވެސް އެރަށުން އަންނަނީ ވާދަކުރަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment