Advertisement

ކިރްގިސްތާން އަތުން ބަލިވެ ރާއްޖެ އަށް ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ލީގު ބުރުގެ ދެ ވަނަ

9 ސެޕްޓެންބަރު 2024 - 00:52 0

އަތޫފް އާތިފް

އަތޫފް އާތިފް

ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގައި މިރޭ ކިރްގިސްތާނާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު


ކިރްގިސްތާން އަތުން ބަލިވެ ރާއްޖެ އަށް ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ލީގު ބުރުގެ ދެ ވަނަ

9 ސެޕްޓެންބަރު 2024 - 00:52 0

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ލީގު ބުރުގައި ރާއްޖެއިން ކުޅުނު ފަހު މެޗުން ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެ ލީގު ބުރުގެ ދެ ވަނައިގެ ގޮތުގައި ސެމީ ފައިނަލު ކުޅެން ޖެހިއްޖެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗު ކިރްގިސްތާން އިން ކާމިޔާބުކުރީ 3-0 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 31-29, 25-16 އަދި 25-13 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖެއިން ރަނގަޅަށް ކުޅުނު ނަމަވެސް ސެޓުގެ ވަކި ހިސާބަކުން ކިރްގިސްތާން އިން ކުޅުން ރަނގަޅުކޮށް މޮޅު އެޓޭކުތަކެއް ކުރި އެވެ. އެއާއެކު، ރާއްޖޭގެ ކުޅުންތެރިން އަށް ކިރްގިސްތާންގެ އެޓޭކުތައް ރަނގަޅަށް ރިސީވް ނުކުރެވި، ކިރްގިސްތާން އިން ސެޓުގެ މެދުތެރެއިން ފަސް ޕޮއިންޓްގެ ލީޑެއްވެސް ނެގި އެވެ. އެކަމަކު، ރާއްޖެއިން ކުޅުން ރަނގަޅުކޮށް ސެޓުގެ ފަހުކޮޅު މޮޅަށް ކުޅުނެވެ. ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު އެއް ވަގުތަކީ، މި ސެޓުގެ ފަހުކޮޅުގައި، ދިގުދެމިގެންދިޔަ ރެލީއެއްގައި ރާއްޖޭން ޕޮއިންޓް ސްކޯ ކުރުމުންނެވެ.

އެކަމަކު، އެ ފަހުން، ސެޓު ނިންމަން ލިބުނު ފުރުސަތުތަކުގެ ބޭނުން ރާއްޖެ އަށް ނުހިފި 31-29 އިން މި ސެޓު ކިރްގިސްތާން އިން ގެންދިޔަ އެވެ.

ރާއްޖެ ޓީމުގެ ހައްވާ ރާޝިދާ (ކ) މިއަދުގެ މެޗުގެ ތެރެއިން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


މެޗުގެ ދެ ވަނަ ސެޓުގައި ރާއްޖޭގެ ފަރާތުން ފެނިގެންދިޔައީ މި މެޗުގައި ފެނިގެންދިޔަ އެންމެ ދަށް ކުޅުމެވެ. ގިނަ ޕޮއިންޓްތަކެއް ސާވިސް އިން ގެއްލިގެންދިޔަ މި ސެޓު ކިރްގިސްތާން އިން ކާމިޔާބުކުރީ 25-16 އިންނެވެ.

ތިން ވަނަ ސެޓުގައި ވެސް ފެނިގެންދިޔައީ ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެކެވެ. އެއާ އެކު، އެއްވެސް ޓީމަކަށް ބޮޑު ލީޑެއްގައި އޮވެގެން ކުޅެވޭ ގޮތް ނުވިއެވެ.

އެކަމަކު، ސެޓުގެ ފަހު ކޮޅު ރާއްޖޭގެ ޓީމަށް ރަނގަޅަށް ދެ ބޯޅަ އެއް ރިސީވް ނުވުމުގެ ފައިދާ ނަގައި މި ސެޓު ކިރްގިސްތާން އިން ގެންދިޔައީ 25-23 އިންނެވެ. އަދި ފުރިހަމަ ރެކޯޑަކާ އެކު، ހުރިހާ މެޗަކުން މޮޅުވެގެން ލީގު ބުރު ނިންމާލީ އެވެ.

މި ބައްޔާ އެކު، ރާއްޖެއިން ސެމީ ފައިނަލުގައި ނިކުންނާނީ ލީގު ބުރުގެ ތިން ވަނަ ތަޖިކިސްތާންއާ ދެކޮޅަށެވެ. ރާއްޖެއިން ލީގު ބުރުގައި ތަޖިކިސްތާންގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ. ލީގު ބުރުގެ އެއް ވަނަ ކިރްގިސްތާނުން ސެމީގައި ކުޅޭނީ، ލީގު ބުރުގައި ކުޅުނު ތިން މެޗުން ބަލިވި އަފްގާނިސްތާނާ ދެކޮޅަށެވެ.