8 ސެޕްޓެންބަރު 2024 - 00:17 0
އަތޫފް އާތިފް
ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް
8 ސެޕްޓެންބަރު 2024 - 00:17 0
ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ލީގު ބުރުގައި ކުޅުނު ދެ ވަނަ މެޗުން ތަޖިކިސްތާންގެ މައްޗަށް ރާއްޖެއިން 3-1 ސެޓުން ކުރިހޯދައިފި އެވެ.
މި ނަތީޖާއާ އެކު، ރާއްޖެ އަށް މުބާރާތުގެ ފައިނަލުގެ ފުރުސަތު އޮތީ ބޮޑުކޮށެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ކުރިއަށްދިޔަ މި މެޗުގެ ސެޓުތައް ދިޔައީ, 25-18, 25-12, 21-25 އަދި 25-16 އިންނެވެ.
މިރޭގެ މެޗު ފަށައިގެން ފުރަތަމަ ސެޓުގެ ކުރީކޮޅު ދެ ޓީމަށް ވެސް ބޮޑު ލީޑެއްގައި އޮވެވޭ ގޮތެއް ނުވި އެވެ. އެކަމަކު، ސެޓުގެ މެދުތެރެއިން ރާއްޖޭގެ ސެޓަރު، ޖޫޒާން ޒަރީރް އާއި އެޓޭކަރުުން ކަމަށްވާ ޝަހާ ޝާމިން އާއި އައިޝަތު މާޖިދާ (މާޖީ)ގެ މޮޅު ކުޅުމާ އެކު ރާއްޖެއިން ގިނަ ޕޮއިންޓްތަކެއް ހޯދާ ލީޑު ފުޅާކުރި އެވެ. އެއާ އެކު، މި ސެޓު ރާއްޖެއިން ކާމިޔާބުކުރީ 25-18 އިންނެވެ.
މެޗުގެ ދެ ވަނަ ސެޓުގައި ދިވެހި ޓީމުން ފުރަތަމަ ސެޓުގައި ކުޅުނު ކުޅުން ތަކުރާރުކުރި އެވެ. ތަޖިކިސްތާން ޓީމުން މި ސެޓުގައި ގިނަ ގޯސްތަކެއް ހެދިއިރު، މި ސެޓުގައި ރާއްޖޭގެ ޝަމްހާ ވަނީ ސާވިސްތަކުން ގިނަ ޕޮއިންޓްތަކެއް ހޯދައިފަ އެވެ. މި ސެޓު ރާއްޖެއިން ކާމިޔާބުކުރީ ފަސޭހަކަމާ އެކު 25-12 އިންނެވެ.
ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖެ ޓީމުގެ މާޖިދާ.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް
އެކަމަކު ޖެހިގެން އައި ސެޓުގައި ރާއްޖޭގެ ޓީމުން ގިނަ ބަދަލުތަކެއް ފެނިގެންދިޔަ އެވެ. މި ސެޓުގައި ކޯޗު ސޮފްވާން އަހުމަދު، ވަނީ ޒުވާން ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ވެސް ދީފަ އެވެ. މި ސެޓު ތަޖިކިސްތާން އިން ގެންދިޔައީ 25-21 އިންނެވެ.
ހަތަރު ވަނަ ސެޓުގައި ވެސް ރާއްޖޭގެ ޓީމުން ފެނިގެންދިޔައީ ވަރުގަދަ ކޮށެވެ. އެ ގޮތުން މި ސެޓު ފެށިގެންވެސް ލީޑު ކުރަމުން ގެންދިޔައީ ރާއްޖެ އިންނެވެ. މި ސެޓު ރާއްޖެއިން ކާމިޔާބުކުރީ 25-18 އިންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ވެސް ވަނީ މެޗެއް ކުޅެފަ އެވެ. އަފްގާނިސްތާންގެ މައްޗަށް ކިރްގިސްތާން އިން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-14, 25-12 އަދި 25-14 އިންނެވެ.
މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއިން މާދަމާރޭ ނުކުންނާނީ ކިރްގިސްތާންއާ ދެކޮޅަށެވެ.
Comment