Advertisement

ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ސޮފްވާން ޒިންމާތަކުން އެކަހެރިކޮށްފައި

12 އޮކްޓޯބަރު 2025 - 20:21 0

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ހުރި ސޮފްވާން: މައްސަލަތަކެއް ބަލަމުން އަންނާތީވެ، ޒިންމާތަކުންވަނީ އެކަހެރިކޮށްފައި،--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ސޮފްވާން ޒިންމާތަކުން އެކަހެރިކޮށްފައި

12 އޮކްޓޯބަރު 2025 - 20:21 0

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު ސޮފްވާން އަހުމަދުގެ މައްސަލައެއް ބަލަމުން އަންނާތީވެ، މަގާމުގެ ޒިންމާތަކުން އެކަހެރިކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

މިދިޔަ އަހަރުގެ މެއި މަހު ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ސޮފްވާންއާ ގުޅޭ މައްސަލައެއް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބަލަމުން އަންނައިރު، އޭނާ މަގާމުގެ ޒިންމާތަކުން އެކަހެރިކޮށް، މި ވަގުުތު ގައުމީ އަންހެން ޓީމުގެ ޓްރެއިނިން ކުރިއަށްގެންދަނީ، ކޯޗު، މުހައްމަދު ނަދީމް (ނަދީމްބެ)ގެ އިރުޝާދުގެ ދަށުންނެވެ.

މީގެ ކުރިން ވެސް ސޮފްވާންގެ މައްޗަށް އެކި ތުހުމަތުތަކެއްގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ވެސް ދައުރުވިއިރު، ބައެއް ކުޅުންތެރިން ވެސް ސޮފްވާންގެ ޝަކުވާ އެސޯސިއޭޝަނާ ހިއްސާކޮށްފައިވާ ކަމުގެ މައުލޫމާތުވަނީ ލިބިފަ އެވެ. އެކަމަކު، އެސޯސިއޭޝަނުން އެ ފަހަރުތަކުގައި ސޮފްވާންގެ މައްސަލައިގައި ފިޔަވަޅެއް ނޭޅި ކަމުގައި ވިޔަސް، މި ފަހަރު މި ދިމާވި މައްސަލައިގައި މި ވަނީ އެސޯސިއޭޝަނުން ނިންމަން ޖެހޭ ކަންކަން އަވަހަށް ކުރިއަށްގެންގޮސްފަ އެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް، ވީއޭއެމްގެ މީޑިއާ ވަޓްސަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ބުނެފައިވަނީ، އެސޯސިއޭޝަނުގެ ފަރާތެއްގެ މަސްލަހަތު ރައްކާކުރަން ފޮރުވަންޖެހޭ ކަމެއް ނެތް ކަމަށެވެ.

"މީހެއްގެ ނަން ބޭނުންކޮށްގެން ޖަވާބެއް ދޭން ޖެހޭނީ ކަންކަން ބެލުމަށް ފަހު، އަންހެން ކުދިންނަށް އަދި ފިރިހެން ކުދިންނަށް ވެސް ބިރެއް ނެތި ނެޝަނަލް ޓީމު، އަދި އެސޯސިއޭޝަންގެ އެހެން ހަރަކާތްތަކުގައި އުޅެވޭނެ މާހައުލެއް އޮންނާނެ. ކަމެއް ދިމާވެއްޖިއްޔާ އެކަމެއް ބެލުމަށް ފަހު، އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ދެން،" ވީއޭއެމްގެ މީޑިއާ ވަޓްސަޕް ގްރޫޕުގައި، އެސޯސިއޭޝަންގެ ރައީސް، ލަތީފް ލިޔުއްވާފައިވެ އެވެ.

ގައުމީ އަންހެން ޓީމުގެ ކޯޗުގެ މަގާމުގެ އިތުރުން، ސޮފްވާން އަކީ ވީއޭއެމްގެ ހިންގާ ކޮމިޓީގެ ވެސް މެމްބަރެކެވެ.