7 ސެޕްޓެންބަރު 2024 - 00:31 0
މުހައްމަދު ޝަހްޒާން
ރޭސް އެސޯސިއޭޝަނުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އިވެންޓެއްގެ ތެރެއިން -- ފޮޓޯ: ރޭސިން އެސޯސިއޭޝަން
7 ސެޕްޓެންބަރު 2024 - 00:31 0
ރޭސިންއަށާއި ޑްރިފްޓިންއަށް ހުޅުމާލެއިން ދޫކޮށްފައި އޮންނަ ސަރަހައްދު އަތުލައި، ގަވާއިދާ ހިލާފަށް އުޅަނދު ދުއްވާ މީހުންގެ ލައިސެންސުން ޕޮއިންޓު ކަނޑަން ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެކްސްގައި ރައީސް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ނިންމުންތައް ނިންމެވީ ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމުގެ މަގުސަދުގައި ކަމަށެވެ. އެގޮތުން ނިންމި ނިންމެވުންތައް ކަމާގުޅޭ މުއައްސަސާތަކަށް މިހާރު އަންގަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާ މީހުންގެ ލައިސެންސުން ޕޮއިންޓު ކަނޑަން ފެށުމަށް ނިންމަވާފައި ވަނީ ގުރެޖުއޭޓިން ލައިސެންސް ސިސްޓަމެއް ގާއިމު ކޮށްގެންނެވެ.
މިދިޔަ ސަރުކާރުން ރޭސިންއަށާއި ޑުރިފްޓިންއަށް ހުޅުމާލެއިން ހަމަޖައްސައިދިން ބިން އަތުލުމުގެ އިތުރުން ރައީސް ނިންމެވި ނިންމެވުންތަކުގެ ތެރޭގައި ވަކި ސީސީއަކަށް ވުރެ މަތީގެ އުޅަނދުފަހަރު އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުމާއި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ހުއްޓުވައި ދުއްވި މީހާގެ ލައިސެންސާއި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ވަގުތުން ގެންދެވޭ ގޮތަށް އުސޫލު ބަދަލު ކުރުން ހިމެނެ އެވެ.
އަދި، ސައިލެންސަރުގެ އަޑުގަދަ ކުރަން ބޭނުން ކުރާ ސާމާނު ރާއްޖެ އެތެރެ ކުރުން މަނާ ކުރުމާއި ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑު ބުރޭކަރާއި ސްޕީޑް ދެނެގަތުމަށް ބޭނުން ކުރާ ކެމެރާ ހަރުކުރަން ވެސް ރައީސް އެމަނިކުފާނު ނިންމެވި އެވެ.
ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވީ ރޭ ހިނގި ނުރައްކާތެރި ހާދިސާގައި 23 އަހަރުގެ ޒުވާނަކު ނިޔާވުމާ ގުޅިގެން މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.
ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި މަރުވީ މޯލްޑިވްސް ޕްރިޒަންސްގެ ކޯޕްރަލް ހަސަން ސަމާހު، އެވެ.
އޭނާ ގައިގައި ޖެހުނު ކާރު ދުއްވަން އިން ވިސާމް ސިދުގީ 26އ، ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ މިރޭ އަމުރުކޮށްފަ އެވެ. ވިސާމްއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް މީހެއް ނޫން ކަމަށް ވެސް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ.
Comment