Advertisement

ފަސޫހާ އަނެއްކާ ވެސް 1500 މީޓަރުގެ ގައުމީ ރެކޯޑް މުގުރާލައިފި

6 ސެޕްޓެންބަރު 2024 - 18:43 0

މި ފަހަރުގެ ގައުމީ މުބާރާތުގެ އިވެންޓެއްގައި ފަސޫހާ ދުވަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ފަސޫހާ އަނެއްކާ ވެސް 1500 މީޓަރުގެ ގައުމީ ރެކޯޑް މުގުރާލައިފި

6 ސެޕްޓެންބަރު 2024 - 18:43 0

މިހާރު ކުރިއަށްދާ ގައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެނުންގެ 1500 މީޓަރު ދުވުމުގައި ވާދަކޮށް، ފަސޫހާ އަހުމަދު ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

ދިވެހި ސިފައިންގެ ކްލަބުން ވާދަކުރާ ފަސޫހާ، އަންހެނުންގެ 1500 މީޓަރުގެ ރޭސް ކާމިޔާބުކުރީ، 5 މިނިޓް، 03.51 ސިކުންތުންނެވެ. މިއީ ފަސޫހާ އެންމެ ފަހުން، މި އިވެންޓްގެ ގައުމީ ރެކޯޑް ހެދި ޓައިމިން އަށް ވުރެ އަވަސް ވަގުތެކެވެ.

ފަސޫހާ، އެންމެ ފަހުން 1500 މީޓަރު އިވެންޓްގެ ގައުމީ ރެކޯޑް ހެދީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ނެޝަނަލް ގްރޯން ޕްރީގެ އެ އިވެންޓްގައި، އެ ފަހަރު ގައުމީ ރެކޯޑް ހެދީ، 5 މިނިޓް، 04.02 އިންނެވެ. މި ރެކޯޑް، އޭގެ ކުރިން އޮތީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ޖާއިޝާ ޖުނީޒް އަތުގަ އެވެ. ނެޝަނަލް ގްރޯން ޕްރީ، 2021 ގައި ޖާއިޝާ ރެކޯޑް ހެދީ، 5 މިނިޓް، 05.36 އިން ރޭސް ނިންމައިގެންނެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގެ އަންހެނުންގެ 1500 މީޓަރު އިވެންޓްގެ ދެ ވަނަ އަށް ދިޔައީ، އައިލެންޑް ރަނާސް މޯލްޑިވްސް އިން ދުވުނު ޝަމްހާ އަހުމަދު އެވެ. ޝަމްހާގެ ޓައިމިން އަކީ، 5 މިިނިޓް، 21.30 ސިކުންތެވެ. އަދި ތިން ވަނަ އަށް ދިޔަ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒީކް އަޝްރަފް ރަޝީދުގެ ޓައިމިން އަކީ، 5 މިނިޓް، 26.28 ސިކުންތުންނެވެ.

ފަސޫހާ ވަނީ މި ފަހަރުގެ މުބާރާތުގެ 800 މީޓަރު އިވެންޓުން އެއް ވަނަ ހޯދައިފަ އެވެ. އެއީ، 2 މިނިޓް، 15.96 ސިކުންތުންނެވެ. މި އިވެންޓްގެ ދެ ވަނަ ޒީކް ހޯދީ 2 މިނިޓް، 30.58 ސިކުންތުންނެވެ. ތިން ވަނަ ހޯދި ޝަމްހާގެ ޓައިމިން އަކީ، ދެ މިނިޓް، 33.27 ސިކުންތެވެ.

ފިރިހެނުންގެ 1500 މީޓަރު އިވެންޓްގެ އެއް ވަނަ ހޯދީ ސިފައިންގެ ކްލަބްގެ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އެވެ. ފަޒީލްގެ ޓައިމިން އަކީ، 4 މިނިޓް، 18.38 ސިކުންތެވެ. ދެ ވަނަ ހޯދި ސިފައިންގެ މުހައްމަދު ރަޝީދު (މޯޑު) ރޭސް ނިންމީ 4 މިނިޓް، 19.83 ސިކުންތެވެ. ތިން ވަނަ ހޯދީ އެލީޓް ރަނާސް މޯލްޑިވްސްގެ ޗިނައްޕަން ވިލިއަމް އެވެ. އޭނާގެ ޓައިމިން އަކީ، 4 މިނިޓް، 32.01 ސިކުންތެވެ.

ފިރިހެނުންގެ 800 މީޓަރު ރޭސް ވެސް ކާމިޔާބުކުރީ ފަޒީލް އެވެ. އެއީ، 2 މިނިޓް، 02.32 ސިކުންތުން ނިންމައިގެންނެވެ. ދެ ވަނަ ހޯދި ސާއިދު ސްޕޯޓްސްގެ އަހުމަދު ވިސާމް 2 މިނިޓް، 03.40 ސިކުންތުން ރޭސް ނިންމިއިރު، ތިން ވަނަ ހޯދި ސިފައިންގެ އަބްދުﷲ އިކްރާމްގެ ޓައިމިން އަކީ، 2 މިނިޓް، 09.03 ސިކުންތެވެ.