Advertisement

ގައުމީ މުބާރާތުގެ 100 މީޓަރު ރޭހުން ސާއިދު ބަލިކޮށް އިބާދުﷲ އެއް ވަނަ އަށް

5 ސެޕްޓެންބަރު 2024 - 19:32 0

ރޭހުން އެއް ވަނަ ހޯދުމަށް ފަހު އިބާދުﷲ އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް


ގައުމީ މުބާރާތުގެ 100 މީޓަރު ރޭހުން ސާއިދު ބަލިކޮށް އިބާދުﷲ އެއް ވަނަ އަށް

5 ސެޕްޓެންބަރު 2024 - 19:32 0

ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރުގެ ރޭސް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ބަލިކޮށް، އިބާދުﷲ އާދަމް ކާމިޔާބުކޮށްފި އެވެ.

މިއީ، 2013 ވަނަ އަހަރުގެ ފަހުން، ގައުމީ މުބާރާތުގެ 100 މީޓަރުގެ ރޭސް ސާއިދު ނޫން ދުވުންތެރިއަކު ހޯދި ފުރަތަމަ ފަހަރެވެ. އެ ގޮތުން، ސާއިދުގެ މައްޗަށް މިއަދުގެ، 100 މީޓަރު ރޭހުގެ ފައިނަލުގައި، ރައުހަތު ސްޕޯޓްސްގެ އިބާދުﷲ ކުރިހޯދީ، 10.59 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ސާއިދު ރޭސް ނިންމީ، 10.67 ސިކުންތުންނެވެ. ތިން ވަނަ ހޯދި، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ މުހައްމަދު މިންހާލް ޝާމިން ރޭސް ނިންމީ، 10.74 ސިކުންތުންނެވެ.

ޖެމެއިކާގައި ޓްރެއިނިން ހަދަމުން އައި، އިބާދުﷲ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ވާދަނުކުރެ އެވެ. އަނިޔާގެ ސަބަބުން މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އޭޝިއަން ގޭމްސް ވެސް އިބާދުﷲ އަށް ގެއްލުނެވެ. އެކަމަކު، އެނބުރި އައިސް އިބާދުﷲ ދެއްކި، ހިތްވަރުން ޓައިމް ޓްރަޔަލުން ކުރިހޯދައި، އިބާދުﷲ ވަނީ، މި ފަހަރު ޕެރިހުގައި ބޭއްވި އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ހޯދައިފަ އެވެ.

ފިރިހެނުންގެ 100 މީޓަރު ރޭހުން އެއް ވަނަ ހޯދި އިބާދުﷲ (މ) އާއި ތިން ވަނަ ހޯދި މިންހާލް އަދި ދެ ވަނަ އަށް ދިޔަ ސާއިދު،--- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް


މި ވަގުުތު ވެސް ރާއްޖޭގެ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ރެކޯޑް ހޯލްޑަރަކީ ސާއިދު އެވެ. ސާއިދު، ރެކޯޑް ހެދީ، 2016 ވަނަ އަހަރު 10.33 ސިކުންތުން ދުވެގެންނެވެ.

އަންހެނުންގެ 100 މީޓަރުގެ ރޭސް މި ފަހަރު ވެސް ކާމިޔާބުކުރީ ޝަރީފް ސްޕޯޓްސްގެ އަހުނާ ނިޒާރު އެވެ. އޭނާ ރޭސް ނިންމީ، 12.33 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ، ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ އައިޝަތު ޝަބާ ސަލީމްގެ ޓައިމިން އަކީ، 12.40 ސިކުންތެެވެ. ކުރިން، މި އިވެންޓް ކާމިޔާބުކުރި، އައިޝަތު ހިމްނާ ހަސަން ވަނީ 12.58 ސިކުންތުން ރޭސް ނިންމައިފަ އެވެ.

ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ރެކޯޑް އޮތީ މަރިޔަމް ރޫޔާ އަލީ އަތުގަ އެވެ. ރޫޔާ، ދާދި ފަހުން، ދުނިޔޭގެ 20 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރަނިކޮށް ލިބުނު އަނިޔާއަކާ ހެދި މި ފަހަރުގެ 100 މީޓަރު ރޭހުގައި ވާދަނުކުރެ އެވެ. މީގެ ހަަތަރު މަސް ކުރިން، ޖެމެއިކާގެ ޖޭއޭއޭއޭ އޯލް ކަމާސް މީޓްގައި ވާދަކޮށް، ރޫޔާ، ވަނީ 100 މީޓަރު ރޭސް، 12.02 ސިކުންތުން ނިންމައި، ގައުމީ ރެކޯޑް ހަދައިފަ އެވެ.