Advertisement

ޕޯސްޓްމޯޓަމް ހެދުމަށް އަތުހަރުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި

5 ސެޕްޓެންބަރު 2024 - 12:53 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާދަމް އަތުހަރު: މަރުވި ސަބަބު ދެނެގަތުމަށް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިއަދު އިންޑިއާއަށް ވަނީ ގެންގޮސްފައި


ޕޯސްޓްމޯޓަމް ހެދުމަށް އަތުހަރުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި

5 ސެޕްޓެންބަރު 2024 - 12:53 1

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހޯމަ ދުވަހު މަރުވި އާދަމް އަތުހަރު، 32 މަރުވި ސަބަބު ދެނެގަތުމަށް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިއަދު އިންޑިއާއަށް ފޮނުވައިފި އެވެ.

އަތުހަރުގެ ބޭބެ މުހައްމަދު ތަސްމީން ފުލުހުންނާ ހަވާލާދީ "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި މާދަމާ ޕޯސްޓްމޯޓަމް ހަދާނެ ކަމަށެވެ. އެކަން ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

"ރޭ މޯޗަރީގައި ހަށިގަނޑު ޕެކްކޮށް، ފަތިހު އެމްބިއުލާންސަށް ލައިގެން ގެންދިޔައީ. މިއަދު ހެނދުނު ހަށިގަނޑު އިންޑިއާއަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނޭ،" ތަސްމީން ބުންޏެވެ.

އަތުހަރުގެ ހަށިގަނޑު އަނބުރާ އަންނަ ހަފްތާގައި ރާއްޖެ ގެނެވޭނެ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާކަން ފާހަގަކޮށް ތަސްމީން ބުނީ ގެނެވޭހާ އަވަހަށް ވަޅުލާނެ ކަމަށެވެ.

އަތުހަރުގެ ޕޯސްޓްމޯޓަމް ފުލުހުން ހަދަން ނިންމީ އާއިލާއިން އެކަން ނުކުރަން އެދިފައި ވަނިކޮށެވެ. ފުލުހުން ޕޯސްޓްމޯޓަމް ހަދަން ނިންމީ ޖަލުގައި ހިނގާ ކަމަކުން މަރުވާ ކޮންމެ މީހެއްގެ ޕޯސްޓްމޯޓަމް ހަދަން އޮންނަ އުސޫލުގެ ތެރެއިންނެވެ.

އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޯގަސްޓް، 29 ގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ ރަހީނުކުރި މައްސަލައާ ގުޅިގެންނެވެ. ހައްޔަރުކުރުމުގެ ތެރޭގައި އަތުހަރުގެ ބޮލަށް ބޮޑު އަނިޔާއެއްވި އެވެ.

އެ އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު ކަސްޓޯޑިއަލްއަށް އަތުހަރު ފުރަތަމަ ގެންދިޔައީ މިދިޔަ ހުކުރު ދުވަހު އެވެ. ނަމަވެސް, އޭނާގެ ހާލު ސީރިއަސް ވެގެން އަނބުރާ އައިޖީއެމްއެޗްގައި އެޑުމިޓު ކުރީ ހަމަ އެ ދުވަހު ހަވީރު އެވެ.

އެއަށްފަހު އަތުހަރުއަށް އިތުރު ފަރުވާ ދިނުމަށްފަހު އަނބުރާ ޖަލަށް ގެންދިޔައީ ހޮނިހިރު ދުވަހު އެވެ. އަދި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކޮށް، ދޫނިދޫއަށް ގެންގޮސްފައި ވަނީ ވެސް އާދީއްތަ ދުވަހު އެވެ.

ބަންދުކޮށްފައި ހުރި ގޮޅީގައި އަތުހަރު، އަމިއްލައަށް މަރުވާން މަސައްކަތް ކުރީ އާދީއްތަ ދުވަހު އެވެ. އެއާއެކު އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި، ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ހޯމަ ދުވަހު އެވެ.

އަތުހަރުގެ މަރުގެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން މިވަގުތު ދަނީ ތަހުގީގުކުރަމުންނެވެ.