Advertisement

މުސާރަ ކުޑަކޮށްފައި ލެވަންޑޯސްކީ ބާސެލޯނާގެ ކޮންޓްރެކްޓް އާކުރަނީ

5 ސެޕްޓެންބަރު 2024 - 08:03 0


މުސާރަ ކުޑަކޮށްފައި ލެވަންޑޯސްކީ ބާސެލޯނާގެ ކޮންޓްރެކްޓް އާކުރަނީ

5 ސެޕްޓެންބަރު 2024 - 08:03 0

ބާސެލޯނާ (ސެޕްޓެމްބަރު 5) - ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީގެ މުސާރަ ކުޑަކުރުމަށް ފަހު ކޮންޓްރެކްޓް އާ ކުރަން މަޝްވަރާތައް ފަށައިފި އެވެ.

ލެވަންޑޯސްކީ، 36، މި ވަގުތު ބާސެލޯނާގައި ހުރި ކޮންޓްރެކްޓްގެ މުއްދަތު އޮތީ، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެެވެ. އެކަަމަކު، އެ ކޮންޓްރެކްޓްގައިވާ ގޮތުން، ކޮންމެ ސީޒަނެއް ނިމުމަށް ފަހު ވެސް ވަކި ކަންތައްތަކެއް ހާސިލްނުވެ އޮތްނަމަ ކޮންޓްރެކްޓް އުވާލުމުގެ ފުރުސަތު އެބައޮތެވެ.

ބަޔާން މިއުނިކަށް 2014 އިން 2022 އަށް ކުޅުނު ލެވަންޑޯސްކީ އަށް ސީޒަނަކު 20 މިލިއަން ޑޮލަރުގެ މުސާރައެއް އޭރު ލިބުނެވެ. އެކަމަކު، އޭނާ ބާސެލޯނާ އަށް ބަދަލުވީ ސީޒަނަކު 9-12 މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ލެވަންޑޯސްކީ ވަނީ މުސާރަ ކުޑަކޮށްފައި ބާސެލޯނާގެ އެއްބަސްވުން އާ ކުރަން ހުށަހަޅައިފަ އެވެ. އެއީ، އަހަރަކު، 5-7 މިލިއަން ޑޮލަރު ލިބޭ ގޮތަށް 2027 ވަނަ އަހަރުގެ ނިޔަލަށެވެ.

ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވެސް ވަނީ ލެވަންޑޯސްކީގެ މުސާރައާ ގުޅޭ މަޝްވަރާތަކެއް ދާ ކަމަށް ވިދާޅުވެފަ އެވެ. އެ ގޮތުން، ލަޕޯޓާ ވަނީ ކްލަބްގެ ހާލަތަށް ބަލާފައި ލެވަންޑޯސްކީގެ އިސްނެގުމަށް މަރުހަބާ ކިޔައިފަ އެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ބާސެލޯނާ އަށް ސޮއިކުރި ޖަރުމަނުގެ މިޑްފީލްޑަރު، އިލްކާއި ގުންޑޮގާން ވަނީ އެއް އަހަރަށް ފަހު ބާސެލޯނާގެ ކޮންޓްރެކްޓް އުވާލައި، ކުރީގެ ކްލަބް، މެންޗެސްޓާ ސިޓީއާ އަލުން ގުޅިފަ އެވެ. ގުންޑޮގާން ވަނީ، ކޮންޓްރެކްޓްގެ ބާކީ މުއްދަތަށް ލިބެން ޖެހޭ މުސާރަ ވެސް މާފުކޮށްދީފަ އެވެ. އަދި ދިން އިންޓަވިއުއެއްގައި ގުންޑޮގާން ބުނީ، ބާސެލޯނާ ދޫކޮށްލަން އޭނަ ނިންމި ނިންމުމަކީ އެ ކްލަބް ކުރިއަށްދާން މާލީ ގޮތުން ލުޔެއް ލިބޭ ކަމަކަށް ވުމަކީ ވެސް ހިތްހަމަޖެހޭ ކަމެއް ކަމަށް ބުނެފަ އެވެ.