Advertisement

ހޭންޑްބޯޅަ ކޯޗު އަޒްހަމަށް ޖަރުމަނުގެ ޔުނިވާސިޓީން ރަނުގެ ފުރުސަތެއް

5 ސެޕްޓެންބަރު 2024 - 08:02 0


ހޭންޑްބޯޅަ ކޯޗު އަޒްހަމަށް ޖަރުމަނުގެ ޔުނިވާސިޓީން ރަނުގެ ފުރުސަތެއް

5 ސެޕްޓެންބަރު 2024 - 08:02 0

ގައުމީ ހޭންޑްބޯޅަ ކޯޗު ހުސެއިން އަޒްހަމް އަށް ޖަރުމަނުގެ ލައިޕްޒިގު ޔުނިވާސިޓީން ކޯޗިން ކޯހަކާ އެކު ބޮޑު ފުރުސަތެއް ލިބިއްޖެ އެވެ.

މި ވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ހޭންޑްްބޯޅަ ކޯޗު، އަޒްހަމް އަންނަނީ މީގެ ފަސް އަހަރު ކުރިން، 2019 ވަނަ އަހަރުން ފެށިގެން އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑަރޭޝަން (އައިއެޗްއެފް)ގެ ސަޓިފައިޑް ބީ ލައިސަންސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

އެންމެ ފުރަތަމަ، 2017 ވަނަ އަހަރު ޖޫނިއާ ގައުމީ ޓީމުގައި މަސައްކަތްކުރި އަޒްހަމް ވަނީ މިދިޔަ އަހަރު އައިއެޗްއެފް މުބާރާތުގައި، ރާއްޖޭގެ 17 އާއި 19 އަހަރުން ދަށުގެ ޓީމުން ލޯ މެޑަލް ހާސިލްކުރިއިރު، އެ ޓީމުގައި އިސް ރޯލެއް ކުޅެފަ އެވެ.

ޖަރުމަނުގެ ލައިޕްޒިގު ޔުނިވާސިޓީގެ މި ކޯސް އަޒްހަމް އަށް ލިބިގެންދިޔައީ، މި ކޯހަށް ކުރިމަތިލުމަށް ލިބުނު ފުރުސަތުގައި އެޕްލިކޭޝަން ހުށަހެޅި ހަތަރު ކޯޗުންގެ ތެރެއިން އެންމެ ގާބިލު ފަރާތެއްގެ ގޮތުގައި ހުރީ އަޒްހަމް ކަމަށްވާތީ އެވެ.

އަހްޒަމް އާއި ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް މުޖުތަބާ.


ލައިޕްޒިގު ޔުނިވާސިޓީން ކަނޑައެޅި ކްރައިޓީރިއާ ތެރެއިން ޝަރުތު ހަމަވެ، އަޒްހަމް އަންނަނީ އެ ކޯސް ފުރިހަަމަ ކުރުމުގެ އެކި ކަންކަން ކުރަމުންނެވެ.

އެ ގޮތުން، މި ކޯހުގެ ފުރަތަމަ ފޭސް، މިދިޔަ މަހު 12 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ވަނީ އޮންލައިންކޮށް ކުރިއަށްގެންގޮސްފަ އެެވެ.

އަޒްހަމް، މިދިޔަ އާދިއްތަ ދުވަހު ޖަރުމަނަށް ފުރީ، ދެ ވަނަ ފޭސް އަށެވެ. އެއީ ސެޕްޓެމްބަރު ތިނަކުން ފެށިގެން ޑިސެމްބަރު 20 ވަނަ ދުވަހަށް ލައިޕްޒިގުގައި ކުރިއަށްދާ ފޭސް ކަމަށްވާ އޮންސައިޓް ލެކްޗާ އެވެ. އެ އަށް ފަހު، އެނބުރި މާލެ އައިސް، އޮންލައިންކޮށް، ފައިނަލް ފޭސް ކުރިއަށްގެންދާނީ، ޑިސެމްބަރު 23 އިން ޖެނުއަރީގެ ނިޔަލަށެވެ.

ރާއްޖޭގެ އެންމެ އެކްޓިވް އެއް ހޭންޑްބޯޅަ ކޯޗު، އަޒްހަމް އަށް މި ލިބިގެންދިޔަ ފުރުސަތަކީ، ރާއްޖޭގެ ހޭންޑްބޯޅަ ކުރިއެރުވުމަށް ފަހިވި އިތުރު ފުރުސަތެއްގެ ގޮތުގައި ހޭންޑްބޯލް މޯލްޑިވްސް އިން ގަބޫލުކުރެ އެވެ.

މީގެ ކުރިން، ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓެ) ވެސް ވަނީ ލައިޕްޒިގުން ކޯޗިން ކޯހެއް ފުރިހަމަކޮށްފަ އެވެ.