Advertisement

އަތުހަރު އަމިއްލައަށް މަރުވުމުގައި ފުލުހުންގެ އިހުމާލު އެބައޮތް: އެމްޑީޕީ

4 ސެޕްޓެންބަރު 2024 - 09:15 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާދަމް އަތުހަރު: އަތުހަރު އަމިއްލައަށް މަރުވުމުގައި ފުލުހުންގެ އިހުމާލު އެބައޮތް ކަމަށް އެމްޑީޕީން ވަނީ ގޮވާލާފައި -- ފޮޓޯ: އަދަދު


އަތުހަރު އަމިއްލައަށް މަރުވުމުގައި ފުލުހުންގެ އިހުމާލު އެބައޮތް: އެމްޑީޕީ

4 ސެޕްޓެންބަރު 2024 - 09:15 1

ލޯބިވެރިޔާ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32, ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވުމުގައި، ފުލުހުންގެ އިިހުމާލު އޮތް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އަތުހަރު ހައްޔަރުކުރީ އޯގަސްޓު 29 ގަ އެވެ. އެއަށް ފަހު ދެ ފަހަރެއްގެ މަތިން ހޮސްޕިޓަލްގައި އެޑްމިޓުކުރި އެވެ. އެންމެ ފަހުން އައިޖީއެމްއެޗް ހޮސްޕިޓަލަށް އޭނާ ގެންދިޔައީ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ އިރައިކޮޅު، ދޫނިދޫ ގޮޅީގައި އަމިއްލަ އަށް މަރުވާން އުޅެނިކޮށެވެ. ސެޕްޓެމްބަރު 2 ވަނަ ދުވަހު އޭނާ މަރުވީ އައިޖީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

މި މައްސަލައިގައި އެމްޑީޕީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަތުހަރު މަރުވުމުގައި އިހުމާލެއް އޮތް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށެވެ. އެހެންވެ، އެކަމުގެ ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެ ޕާޓީން ގޮވާލާފައިވެ އެވެ.

"ފުލުހުންގެ ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ފުލުހުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވާއިރު އަތުހަރު ފަދަ ބޮޑު އަނިޔާއެއް ލިބިފައި ހުރި މީހަކު ގޮޅީގައި ހަރަކާތްތެރިވަމުންދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް މި މައުލޫމާތުތަކަށް ބަލައި މި ޕާޓީން ގަބޫލު ކުރަން،" އެމްޑީޕީން ބުންޏެވެ.

އަތުހަރު ހައްޔަރުކުރި ހާދިސާގައި ފުލުހުން އަމަލުކޮށްފައި ވަނީ އެފަދަ ހާލަތެއްގައި ފުލުހުންގެ ތެރޭގައި ކަނޑައެޅިފައިވާ ހަމަތަކާ ހިލާފަށް ކަމަށް ސުވާލު އުފައްދައި އެމްޑީޕީން ބުނީ އެފަދަ ކަންކަން ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަން ތަހުގީގު ނުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމަށް އަސަރުކުރާ ކަމެއް ކަމަށެވެ.

އެއީ ގާނޫނީ އިމުގެ ބޭރުން މަސައްކަތް ކުރުމަށް ފުލުހުންނަށް ދެވޭ ހިތްވަރެއް ކަމުގައި ދެކޭ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.

ބާރުގެ ބޭނުންކުރުމުގެ ތެރޭގައި އަތުހަރަށް ލިބުނު ޖިސްމާނީ އަނިޔާއަށް ފަރުވާ ފުރިހަމަވުމުގެ ކުރިން އޭނާ އަލުން އަނބުރާ ފުލުހުންގެ ބަންދަށް ގެންގޮސް ދޫނިދޫގައި ބަންދުކުރީ ހަދަން ޖެހޭ އެސެސްމަންޓުތައް ފުރިހަމަކޮށްފައިތޯ ތަހުގީގުން ކަށަވަރު ކުރުމަށް ވެސް އެމްޑީޕީން ގޮވާލާފައިވެ އެވެ.

އަތުހަރު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް އަތުހަރު ގެނައުމަށް ފަހު ވެސް އޭނާގެ އާއިލާއަށް ދޭން ޖެހޭ އެންމެ ފުރިހަމަ މައުލޫމާތު ދީފައި ނުވުމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިފަދަ ބޮޑު ކަމެއް ހިނގައިދިޔުމުން ބަންދުގައި ހުރި މީހާއާ ގުޅޭ މައުލޫމާތު އާއިލާއާ ހިއްސާކުރަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"މި ހާދިސާގެ މައުލޫމާތު ހިއްސާކުރަން ޖެހޭނީ ފުލުހުންގެ ހިދުމަތުން ކަމަށްވާއިރު މިކަމުގައި މިހާތަނަށް ވެސް އެ އިދާރާއިން ކަންވީ ގޮތް ހިއްސާކޮށްފައި ނުވުމަކީ މި ޕާޓީ ނުހަނު ކަންބޮޑުވާ ކަމެއް. ފުލުހުންގެ ހިދުމަތުގެ ބަދަލުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު މި ހާދިސާގެ މައުލޫމާތު ހިއްސާކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމަކީ ފުލުހުން ގާނޫނު މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ކަމެއް ކަމުގައި މި ޕާޓީން ދެކެން. ވީމާ މި މައްސަލައިގެ ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް ފުލުހުންގެ އިދާރާއިން ނޫސްވެރިންގެ ބައްދަލުވުމެއް ވީ އެންމެ އަވަހަށް ބޭއްވުމަށް މި ޕާޓީން ގޮވާލަން،" އެމްޑީޕީން ބުންޏެވެ.

ފުލުހުންގެ ގާނޫނުގައި އެ ހިދުމަތް ހިންގާނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާއިރު އެ ގާނޫނަށް ބެލުމެއް ނެތި މިނިސްޓަރު އިހުސާން ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަމަށް ވެސް އެމްޑީޕީން ތުހުމަތުކުރެ އެވެ.

އެމްޑީޕީން ބުނީ ފުލުހުންގެ މައްޗަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުގެ އަމަލު ކުރުމަކީ ގާނޫނަށްވުރެ މަތީގައި ފުލުހުން ހަރަކާތްތެރިވުމުގެ ސަގާފަތެއް އިއާދަކުރެވުމުގެ ފުރުސަތު ފަހިވާ ކަމެއް ކަމަށެވެ. އެގޮތަށް އަމަލުކުރުމުގެ ބަދަލުގައި ފުލުހުންގެ ހިދުމަތް އިތުރަށް ޒަމާނީ އަދި ޕްރޮފެޝަނަލް ފުލުހުންގެ ހިދުމަތެއް ގާއިމުކުރުމަށް ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް އެ ޕާޓީން ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފަ އެވެ.