3 ސެޕްޓެންބަރު 2024 - 12:12 2
ލީވާން އަލީ ނާސިރު
އާދަމް އަތުހަރު: އޭނާ ބުނީ ފުލުހުން އޭނާ ޑިސްޗާޖުކުރަން އަވަސް އަރުވާލި ކަމަށް -- ފޮޓޯ: އަދަދު
3 ސެޕްޓެންބަރު 2024 - 12:12 2
އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32, ހޮސްޕިޓަލުގައި އޮތް އިރު ފުލުހުން ބޭނުންވީ އޭނާ ވީހާ ވެސް އަވަހަކަށް ޑިސްޗާޖުކޮށް ހޮސްޕިޓަލުން ނެރެން ކަމަށް ބުނާ އޯޑިއޯއެއް މި ނޫހަށް ލިބިއްޖެ އެވެ.
"އަދަދު" އަށް ލިބިފައިވާ އޯޑިއޯއެއްގައި އަތުހަރު ބުނަނީ ޒަހަމްތަކާއެކު ގޮޅީގައި އޮންނަން އޮންނަން އޭނާއަށް އުނދަގޫ ކަމަށާއި އެވަރުން ވެސް ހޮސްޕިޓަލުން ދޫކޮށްލަން ފުލުހުން ތަކުރާރުކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ޑޮކްޓަރު ބުނީ ވަރަށް ބޮޑަށް ބްލީޑް ވެފައި އެބަހުއްޓޯ [ބޮލުގެ] އެތެރެއަށް. ރިޕޯޓް ނުލިބިގެން، ޑިސްޗާޖު ނުކުރެވިގެން އެމީހުން އެއުޅެނީ. ވަރަށް ވަރަށް މަސައްކަތް އެބަ ކުރޭ ޑިސްޗާޖު ނުކުރެވިގެން،" އަތުހަރު ބުނާ އަޑު އެ އޯޑިއޯއިން އިވެ އެވެ.
އަތުހަރު ބުނީ އޭނާ ޖަލުގައި ބާއްވާފައި އޮތީ ކުނަލަކާއި ބާލީހެއް ދީފައި ކަމަށާއި ލިބިފައި ހުރި ޒަހަމްތަކާއެކު އެތަނުގައި އޮންނަން އުނދަގޫވާ ކަމަށެވެ. އަތުހަރަށް އަނިޔާވީ އޭނާ ރަހީނުކޮށްގެން ހުރި އަންހެން މީހާ ސަލާމަތް ކުރަން މަސައްކަތް ކުރިއިރު، ފުލުހުން އޭނާގެ ބޮލުގައި މުގުރުން ތެޅުމުންނެވެ.
"އެތާގައި [ޖަލުގައި] ކުނަލަކާއި ބާލީހެއް ދީފައި، ކިހިނެއް އެހާލުގައި އުޅޭނީ. ބުނޭ ދުއްވާލަންޔާ ދުއްވާލަދޭށޭ. ދުއްވާލީމަ ނިމުނިއްޔޭ،" އަތުހަރު ބުންޏެވެ.
އަތުހަރު އެންމެ ފަހުން ވެސް ބުނަމުންދިޔައީ އޭނާއާ މެދު ފުލުހުން އަމަލުކުރި ގޮތް ވަރަށް ރަނގަޅަށް ތަހުގީގުކުރަން އެދޭ ކަމަށެވެ.
އަތުހަރުއަށް ލިބުނު އަނިޔާތަކަށް އޭޑީކޭގައި އެ ރޭ ފަރުވާ ދިނުމަށްފަހު އައިޖީއެމްއެޗްއަށް ފަތިހު ބަދަލުކުރި އެވެ. އަދި ހުކުރު ދުވަހު ހެނދުނު ކަސްޓޯޑިއަލްއަށް ގެންދިޔުމަށްފަހު ހާލު ދެރަވެގެން އަނބުރާ އައިޖީއެމްއެޗަށް ގެންދިޔައީ އެ ދުވަހު ހަވީރެވެ.
އަތުހަރު ހޮސްޕިޓަލުން ދެވަނަ ފަހަރަށް ދޫކޮށްލައިގެން ދޫނިދޫއަށް ގެންދިޔައީ ހޮނިހިރު ދުވަހު ހެނދުނެވެ. އެއަށްފަހު އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލަށް ގެނައީ އާދީއްތަ ދުވަހެވެ. އަދި މަރުވީ ހަވީރުގެ ވަގުތެއްގަ އެވެ.
އަތުހަރަށް ލިބެން ޖެހޭ ފަރުވާ އެކަށީގެންވާ ވަރަށް ލިބުނުކަމާ މެދު އޭނާގެ އާއިލާއިން ސުވާލު އުފައްދައި، ފުލުހުންގެ ބަންދަށް ގެންދިޔުމުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެވެ.
އަތުހަރުގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)، ނެޝަނަލް އިންޓަގިރިޓީ ކޮމިޝަން ދަނީ ބަލަމުންނެވެ.
Comment