Advertisement

އަތުހަރު އަމިއްލައަށް މަރުވާން އުޅުނު ކަމަށް ބުނާ ގޮތެއް ފުލުހުން ހާމައެއް ނުކުރި

2 ސެޕްޓެންބަރު 2024 - 12:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަތުހަރު އައިޖީއެމްއެޗް ހޮސްޕިޓަލުގައި: އަތުހަރު އަމިއްލައަށް މަރުވާން އުޅުނު ގޮތެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރޭ -- ފޮޓޯ: އަދަދު


އަތުހަރު އަމިއްލައަށް މަރުވާން އުޅުނު ކަމަށް ބުނާ ގޮތެއް ފުލުހުން ހާމައެއް ނުކުރި

2 ސެޕްޓެންބަރު 2024 - 12:59 0

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32, ދޫނިދޫގައި ބަންދުކޮށްފައި ހުއްޓައި އިއްޔެ އަމިއްލައަށް މަރުވާން އުޅުނު ކަމަށް ބުނި ނަމަވެސް އެކަމުގެ ތަފުސީލު ހާމަ ކުރަން ފުލުހުން ދެކޮޅު ހަދައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ އަތުހަރު މަރުވާން މަސައްކަތްކުރީ ދަންޖެހިގެން ކަމަށާއި އެކަމާ ގުޅިގެން މިވަގުތު އިތުރު އަޕްޑޭޓެއް ދެވެން ނެތް ކަމަށެވެ. ފުލުހުން ބުނީ އެކަމުގެ ތަފުސީލު ދޭންޖެހޭނީ ހިއުމަން ރައިޓްސް ކޮމިޝަނާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ކަމަށެވެ.

"ދަން ޖެހިގެން މަރުވާން މަސައްކަތްކުރީ. އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން އަންނަނީ. އިތުރު އަޕްޑޭޓެއް ދެވެން ނެތް،" ފުލުހުން ބުންޏެވެ.

އަތުހަރު ދަންޖެހެން މަސައްކަތް ކުރި ގޮތް ހާމަ ކުރަން ދެކޮޅު ހެދުމުގެ އިތުރުން އޭނާ ބަންދުކޮށްފައި ހުރި ގޮޅީގެ ސީސީޓީވީ ފުޓޭޖު ހާމަ ކުރަން ވެސް ފުލުހުން ދެކޮޅު ހެދި އެވެ. ނަމަވެސް މިފަހުން ޖަލުގައި މަރުވި މީހެއްގެ ގޮޅީގެ ވީޑިއޯ ހޯމް މިނިސްޓްރީ އިން އާންމު ކުރި އެވެ.

ސީސީޓީވީ ފުޓޭޖު އާންމު ކުރީ މާފުށި ޖަލުގައި ޖޫން 29، ގައި މަރުވި ށ. ފުނަދޫ، ޒަމާނީ ވިލާ، މުހައްމަދު ޖަމީލް، 45, ގެ މައްސަލައިގަ އެވެ.

ފުލުހުންގެ ބަންދަށް ގެންދާއިރު ނުރައްކާތެރިކޮށް ބޭނުން ކުރެވިދާނެ ތަކެތި ގޮޅި ތެރެއަކަށް ނުވެއްދެ އެވެ. އެގޮތުން އަމިއްލައަށް މަރުވާން ނުވަތަ މީހަކަށް ހަމަލާދޭން ބޭނުން ކުރެވިދާނެ ފަދަ ތަކެތި ފުލުހުން ކޮންފިސްކޭޓު ކުރަންޖެހެ އެވެ.

އަތުހަރުގެ އާއިލާއިން ޑޮކްޓަރުންނާ ހަވާލާދީ "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ އޭނާ ދަން ޖެހުނީ ސޯޓުގެ ވާގަނޑެއް ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް އެކަމާމެދު ވެސް ފުލުހުން އެއްޗެއް ނުބުނެ އެވެ.

"އެތެރެހަށީގެ ޑޮކްޓަރަކާ ވާހަކަ ދެއްކުމުން ބުނީ ދަން ޖެހެން މަސައްކަތްކުރީ ސޯޓުގެ ވާގަނޑެއް ބޭނުން ކޮށްގެން ކަމަށް. ޑޮކްޓަރަށް އެކަން އެނގުނީ ފުލުހުން ބުނުމުން. ފުލުހުން އާއިލާއާ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރޭ. ވަރަށް ސުވާލުކޮށްފިން،" އަތުހަރުގެ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭގެ އިތުރުން އަތުހަރުގެ އާއިލާއިން ބުނީ އޭނާ ބަންދަށް ގެންދިޔައިރު ވެސް ހޮސްޕިޓަލުގައި ފުރިހަމަ ފަރުވާއެއް ލިބުނުތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ޖަލަށް ގެންދިޔައިރު ވެސް އޭނާ ހުރީ އެހީތެރިކަން ބޭނުންވާ ހާލަތުގައި ކަމަށް އާއިލާިއން ބުނެ އެވެ.

އަތުހަރަށް އަނިޔާވީ އޭނާ ރަހީނުކޮށްފައި ހުރި އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން މަސައްކަތް ކުރި ވަގުތެވެ. އަންހެން މީހާ ސަލާމަތް ކުރީ އަތުހަރުގެ ބޮލުގައި މުގުރުން ތެޅުމަށްފަހު އޭނާ ބިންމައްޗަށް ވައްޓާލައިގެނެވެ.