Advertisement

ފުލުހުންގެ ބަންދުގައި ހުއްޓައި އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން އެޗްއާރްސީއެމްގެ ކަންބޮޑުވުން

2 ސެޕްޓެންބަރު 2024 - 12:00 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހިއުމަން ރައިޓް ކޮމިޝަންގެ މެންބަރުން: އަތުހަރު ގޮޅީގައި ދަން ޖެހުމުން އެޗްއާރްސީއެމްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: މަޖިލިސް


ފުލުހުންގެ ބަންދުގައި ހުއްޓައި އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން އެޗްއާރްސީއެމްގެ ކަންބޮޑުވުން

2 ސެޕްޓެންބަރު 2024 - 12:00 1

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32, ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކޮށް ވެންޓިލޭޓަރުގައި ފަރުވާދެމުން ދާތީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެޗްއާރްސީއެމްގެ މެންބަރު މޫމިނާ ވަހީދު "އަދަދު" އަށް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް މީހަކު އެގޮތަށް އަމިއްލައަށް މަރުވާން މަސައްކަތް ކުރުމަކީ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ދައުލަތުގެ ބެލުމުގެ ދަށުގައި މީހަކު ހުރެގެން، އެމީހާގެ އަމިއްލަ ނަފްސަށް ގެއްލުންދީ މަރުވާން، އެކަހަލަ އެއްވެސް ކަމެއް ހިނގާ ދިޔުމަކީ އެއީ ކޮމިޝަންގެ ކަންބޮޑުވުމެއް،" މޫމިނާ ވިދާޅުވި އެވެ.

އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކުރި މައްސަލަ ފުލުހުންގެ ފަރާތުން މައުލޫމާތު ލިބުމާއެކު ވަގުތުން އެޓެންޑުވިކަން ފާހަގަކުރައްވާ މޫމިނާ ވިދާޅުވީ އެކަންތައް ހިނގައި ދިޔަ ގޮތް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އޭގެއިތުރުން އަތުހަރުއަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހިސާބުން ފެށިގެން އެ ހާދިސާ ހިނގުމާ ހަމައަށް ވެސް އަމަލު ކުރި ގޮތް ބަލަމުންދާ ކަމަށް ވެސް މޫމިނާ ވިދާޅުވި އެވެ.

އަތުހަރަށް ބޮޑަށް އަނިޔާވީ ރަހީނު ކޮށްފައި ހުރި އަންހެން މީހާ ސަލާމަތް ކުރުމުގެ ތެރޭގައި ފުލުހުން ގޮސް އޭނާގެ ބޮލުގައި މުގުރަކުން ޖެހުމުންނެވެ. އަތުހަރަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމަ ނުކުރި ނަމަވެސް އޭނާގެ ބޮލުން ވަރަށް ބައިވަރު ލޭ އެ ސަރަހައްދު މަގުމައްޗަށް އޮހޮރިފައި ހުއްޓެވެ.

މޫމިނާ ވިދާޅުވީ އަތުހަރު ބޮލުގައި ފުލުހުން މުގުރުން ޖެހި މައްސަލަ ޓޯޗާގެ މައްސަލައެއް ގޮތުގައި ތަހުގީގު ކުރުމާ މެދު ގޮތެއް ނިންމަން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިނގި ރަހީނު ކުރުމުގެ ހާދިސާއާ ގުޅިގެން އަތުހަރު ހުކުރު ދުވަހު ހެނދުނު އަތުހަރު އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ކަސްޓޯޑިއަލްއަށް ގެންދިޔަ އެވެ. ނަމަވެސް, އޭނާގެ ހާލު ސީރިއަސް ވެގެން އަނބުރާ އައިޖީއެމްއެޗްގައި އެޑުމިޓުކުރީ ހަމަ އެ ދުވަހު ހަވީރު އެވެ.

އެއަށްފަހު އަތުހަރުއަށް އިތުރު ފަރުވާ ދިނުމަށްފަހު އަނބުރާ ކަސްޓޯޑިއަލްއަށް ގެންދިޔައީ އާދީއްތަ ދުވަހު އެވެ. އަދި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކޮށް، ދޫނިދޫއަށް ގެންގޮސްފައި ވަނީ ވެސް އާދީއްތަ ދުވަހު އެވެ.

އަތުހަރުގެ އާއިލާއިން އޭނާގެ ހާލު ރަނގަޅަށް ކިޔައި ނުދީ، މުޅިން ރަނގަޅު ނުވަނީސް ކަސްޓޯޑިއަލްއަށް ގެންދިޔުމުން ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.