1 ސެޕްޓެންބަރު 2024 - 19:41 0
ސާއިފް ޝިޔާދު
ޗައިނާގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. މި ސަރުކާރުން ވަނީ ކޯޕަރޭޓް ރެޒިޑެންސީ ވިސާ ޕްރޮގްރާމް ފުޅާކުރަން ނިންމާފައި
1 ސެޕްޓެންބަރު 2024 - 19:41 0
ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ ދަށުން މިހާރު ވެސް ދެމުން އަންނަ ކޯޕަރޭޓް ރެޒިޑެންސީ ވިސާ އިތުރަށް ފުޅާކޮށް އިންވެސްޓާ ރެޒިޑެންސީ ވިސާ ޕްރޮގްރާމެއް ގޮތުގައި ފެށުމަށް ނިންމާފައިވާކަން ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.
ކެބިނެޓުގެ ނިންމުންތައް ހާމަކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް ދުނިޔޭގެ އެހެން ގައުމުތަކުގައި ހިންގާ އުސޫލުން އަންނަ އަހަރު ފަށާނެކަން ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ. އަދި, އެކަން ކުރަނީ ތަޖުރިބާ ހުރި ބޭރުގެ ކުންފުންޏަކާ ގުޅިގެން ކަން ވެސް އިއުލާނު ކުރި އެވެ.
"ކޯޕަރޭޓް ރެޒިޑެންސީ ޕްރޮގްރާމެއް ކުރީގައި ރާއްޖެގައި ހިންގަމުން އައި 2013 ވަނަ އަހަރުން ފެށިގެން އިމިގްރޭޝަންގެ ތެރެއިން. ނަމަވެސް މިހާރު އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމަކީ އެއަށްވުރެ އެކްސްޓެންޑެޑް ޕޯޓްފޯލިއޯއެއްގެ (ފުޅާކޮށް) ތެރެއިން ހިންގުމަށް ގަސްތުކުރާ ޕްރޮގްރާމެއް. އަޅުގަނޑުމެން މި ބަލަނީ ދުބާއީ މެލޭޝިއާ ފަދަ ގޮތަކަށް އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމްތައް ތަންކޮޅެއް ލާޖު ސްކޭލްގައި ހިންގާފައި ހުރި ގައުމުތަކުގެ މޮޑެލް ބޭނުންކޮށްގެން ރާއްޖެއަށް މި އިކޮނޮމީ ޑައިވާސިފިކޭޝަނަށް (ސިންދަފާތު ކުރުމަށް) އިންވެސްޓްމަންޓު ގެނެވޭނެ ގޮތެއް ހަދަން ވެގެން," މިއަދު ރައީސް އޮފީހުގައި ހުންނަވައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީ ވެރިކަމުގައި އޮތްއިރު އެ ގާނޫނަށް ބަދަލު ގެންނަން މަޖިލީހަށް ހުށަހެޅީ ފެބްރުއަރީ 10, 2020 ގަ އެވެ. ގެނައި ބަދަލުތައް ތަސްދީގުކޮށް ރެޒިޑެންސީ ވިސާ އިމިގްރޭޝަންގެ ގާނޫނުގައި ހިމެނީ ނޮވެމްބަރު 25, 2020 ގަ އެވެ.
އޭގެ ކުރިން އެ ވިސާ ދެމުންދިޔައީ ރާއްޖޭގައި މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސްޓު ކުރާ މީހުންނަށެވެ. އެ ބަދަލާއެކު އެ އަދަދު 250,000 ޑޮލަރަށް ތިރިކުރި އެވެ.
އޭގެ އިތުރުން, ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250,000 ޑޮލަރު ފަސް އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ވެސް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ދެވޭނެ ގޮތަށް އޮތީ ބަދަލު ގެނެސްފަ އެވެ.
މި ސަރުކާރުން އެ އަދަދު ބަހައްޓާނެ ވަރެއް ހާމަކޮށްފައި ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment