1 ސެޕްޓެންބަރު 2024 - 17:27 0
ލީވާން އަލީ ނާސިރު
ކުމުންދޫގައި ހުރި ކޭބަލްތަކެއް ރަށުން ގެންދިޔުމުން ހޫނުވުން
1 ސެޕްޓެންބަރު 2024 - 17:27 0
ހދ. ކުމުންދޫގެ ކަރަންޓް އަޕްގްރޭޑިންއަށް ގެނައި ކޭބަލްތަކެއް ފެނަކަ ކޯޕަރޭޝަނުން އެހެން ރަށަކަށް ގެންދިޔުމުން އެ ރަށުގެ މަސްރަހު ހޫނުވެއްޖެ އެވެ.
ކުމުންދޫ ކައުންސިލް މެންބަރު އަލީ ގާސިމް "އަދަދު" އަށް ވިދާޅުވީ ކަރަންޓް އަޕްގްރޭޑިންއަށް ގެނައި ހަތަރު ކޭބަލް ރޯލު އެހެން ރަށަކަށް ގެންދިޔުމުން އެކަމާ ރައްޔިތުން ހިތްހަމަ ނުޖެހިގެން ހޫނުވި ކަމަށެވެ.
"ނެޓްވޯކް އަޕްގްރޭޑް ކުރަން ވެގެން ގެނައި ކޭބަލްތަކެއް އެއީ. މިދިޔަ ސަރުކާރުން ގެނައި އެއްޗެހިތަކެއް އެއީ. އެ އެއްޗެހި ގެންދިޔަ ވަގުތު ކޮންމެވެސް ވަރަކަށް ހޫނުވެގެން ދިޔައީ. ހަތަރު ރޯލު ގެންދިޔައީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެ ކޭބަލްތައް ގެންދިޔައީ ކަރަންޓް އަޕްގްރޭޑިންގެ މަސައްކަތް ރަށުގައި މުޅިން އެއްކޮށް ނިންމާނުލެވެނީސް ކަމަށާއި އަލަށް އާބާދުވީ ސަރަހައްދުގައި ވެސް މިހާތަނަށް ކަރަންޓު އެޅިފައި ނުވާ ކަމަށެވެ.
އޭގެއިތުރުން ރަށުގައި ބައެއް ސަރަހައްދުތަކުން މިހާރު ވެސް ކަރަންޓު ނުލިބޭ ތަންތަން ހުރިކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ކޭބަލްތައް ގެންދިޔައީ އެ ތަންތަނުގައި މަސައްކަތް ނުކުރެވެނީސް ކަމަށެވެ.
ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު "އަދަދު" އަށް ވިދާޅުވީ ކޭބަލްތައް ގެންދިޔައީ އެ ރަށަށް ވާ ވަރަށް ބެހެއްޓުމަށްފަހު ކަމަށާއި ގެންދިޔައީ ބާކީވެފައި ހުރި ކޭބަލްތަކެއް ކަމަށެވެ.
"ޕްލޭން ކޮށްފައި ހުރި ވަރަށްވުރެ އިތުރަށް ކުމުންދޫގައި ކޭބަލްތައް ހުރީ. އޭގެ އިތުރަށްވާ ބައި އަޅުގަނޑުމެން މި ގެންދަނީ. ހަގީގަތުގައި އެއީ ފެނަކައިގެ މުދާ،" މުއާޒް ވިދާޅުވި އެވެ.
އޯގަސްޓް، 22 ގައި ތ. ދިޔަމިގިލި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ 80 ޕަސަންޓު ނިމިފައި ވަނިކޮށް، ފެނަކައިން އެ މަޝްރޫއަށް ގެނައި ފެން ޕްލާންޓް އެހެން ރަށަކަށް ގެންދިޔުމުން ވެސް ހޫނުވި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ އިތުރުން އެހެނިހެން ތަރައްގީގެ މަޝްރޫއުތައް ވެސް ވަނީ ހުއްޓިފަ އެވެ. މިހެން ދިމާވީ ކުރީ ސަރުކާރުން ބަޖެޓު ފައިސާ ހަމަނުޖައްސާ މަޝްރޫއުތައް ފެށުމުން ކަމަށް އަދުގެ ސަރުކާރުން އަންނަނީ ބުނަމުންނެވެ.
މީގެ ކުރިން ވެސް ރަށްރަށުގައި ހިންގަމުންދިޔަ މަޝްރޫއުތަކަށް ގެނެސްފައި ހުރި ސާމާނު އެހެން ރަށްރަށަށް ގެންދާ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވި އެވެ.
Comment