Advertisement

ހާލަންޑަށް ޖެހިޖެހިގެން ދެ ވަނަ ހެޓްރިކް، ސިޓީގެ ރެކޯޑް ކުރިއަށް

1 ސެޕްޓެންބަރު 2024 - 07:19 0


ހާލަންޑަށް ޖެހިޖެހިގެން ދެ ވަނަ ހެޓްރިކް، ސިޓީގެ ރެކޯޑް ކުރިއަށް

1 ސެޕްޓެންބަރު 2024 - 07:19 0

ލަންޑަން (ސެޕްޓެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާލިން ބްރައުޓް ހާލަންޑް ޖެހިޖެހިގެން ދެ ވަަނަ މެޗުގައި ހެދި ހެޓްރިކުން 3-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް، މެންޗެސްޓާ ސިޓީން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައި ތާވަލުގެ ކުރިއަށް ޖެހިލައިފި އެވެ.

މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި އިޕްސްވިޗް ޓައުން ކޮޅަށް ހެޓްރިކް ހެދި ހާލަންޑް ރޭގެ މެޗުގައި ވެސް ހެޓްރިކް ހެދިއިރު، އޭނާ މި ވަނީ މި ފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން ހަތް ލަނޑު ޖަހައިފަ އެވެ.

ލަންޑަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ހާލަންޑް ވަނީ 10 ވަނަ މިނިޓްގައި ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ގޯލު ޖަހައި ސިޓީ އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، އޭގެ ނުވަ މިނިޓް ފަހުން، ވެސްޓް ހޭމް އިން ވަނީ އެއްވަރުކޮށްފަ އެވެ. މިއީ، ވެސްޓް ހޭމްގެ ޖެރޮޑް ބޮވެން ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ސިޓީގެ ރުބެން ޑިއާޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން، މެޗުގެ 30 ވަނަ މިނިޓްގައި ހާލަންޑް ވަނީ އަލުން ސިޓީ އަށް ލީޑުނަގައިދީފަ އެވެ.

ފުރަތަމަ ހާފު ނިމުނުއިރު ސިޓީ ކުރީގައި އޮތްއިރު، ވެސްޓް ހޭމް އިން ދެ ވަނަ ހާފު ފަށައިގެން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތްކުރި އެވެ. އެ ގޮތުން، ކައުންޓަ އެޓޭކުގައި ވެސްޓް ހޭމްގެ މުހައްމަދު ކުޑޫސް ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

ސިޓީ އަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީ، ހާލަންޑްގެ ހެޓްރިކް ފުރިހަމަކުރި ލަނޑު ޖެހީ މެޗުގެ 83 ވަަނަ މިނިޓްގަ އެވެ. މިއީ، ބަދަލަކަށް ކުޅެން އެރި މަތުއެސް ނޫނޭޒް ދިން ބޯޅައަކަށް އަރައި ހާލަންޑް ޖެހި ގޯލެކެވެ.

އެންމެ ފަހުން ހަތަރު ސީޒަނުގައި ވެސް ލީގު ޗެމްޕިއަންކަން ހޯދި ސިޓީ އަކީ މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވި ހަަމައެކަނި ޓީމެވެ. ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ އިތުރުން ލީގުގައި ކުޅުނު ތިން މެޗުން ވެސް ސިޓީ ވަނީ މޮޅުވެފަ އެވެ.

މިއީ ހާލަންޑް، ސިޓީ އަށް ހަދައިދިން 11 ހެޓްރިކް އެވެ. ހާލަންްޑް މި ވަނީ ސިޓީ އަށް ލީގުގައި ކުޅެދިން 69 މެޗުން 70 ލަނޑު ޖަހައިފަ އެވެ. ސިޓީ އަށް ކުޅެދިން 102 މެޗުން ހާލަންޑް މި ވަނީ އެ ޓީމަށް 97 ގޯލު ޖަހައިދީފަ އެވެ.