Advertisement

ރައިސް އަށް ރަތެއް، އާސެނަލާއި ބްރައިޓަން ފުއްދާލީ ޕޮއިންޓަކުން

31 އޮގަސްޓު 2024 - 18:57 0


ރައިސް އަށް ރަތެއް، އާސެނަލާއި ބްރައިޓަން ފުއްދާލީ ޕޮއިންޓަކުން

31 އޮގަސްޓު 2024 - 18:57 0

ލަންޑަން (އޮގަސްޓް 31) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޑެކްލަން ރައިސް އަށް ދެ ވަނަ ހާފުގައި ދެއްކި ރަތް ކާޑާ އެކު، އާސެނަލުން ކުޅުންތެރިއަކު މަދުކޮށް ކުޅެ، ބްރައިޓަން ހޯލްވް އެންޑް އަލްބިއަންއާ 1-1 އިން އެއްވަރުވެއްޖެ އެވެ.

އާސެނަލާއި ބްރައިޓަންގެ މި ނަތީޖާއާ އެކު، ދެ ޓީމުން ލީގު ސީޒަން ފެށި ސައްތަ އިން ސައްތަ ރެކޯޑަށް ނިމުން އައީ އެވެ. ދެ ޓީމުން ވެސް މި މެޗަށް އައީ ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވެގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލުން މި މެޗުގައި ލީޑުނެގީ، 38 ވަނަ މިނިޓްގައި ކައި ހަވާޓްޒް ޖެހި ގޯލުންނެވެ. މިއީ، ބްރައިޓަންގެ ކެޕްޓަން، ލެވިން ޑަންކް ހެދި ގޯހެއްގެ ފައިދާނަގައި، އާސެނަލްގެ ބުކާޔޯ ސަކާ ދިން ބޯޅައަކުން ހަވާޓްޒް ޖެހި ގޯލެކެވެ. ބްރައިޓަން ޑިފެންސް ފަހަތުން، ހަވާޓްޒް އަށް ބޯޅަ ލިބުމުން އޭނާ ވަނީ ބްރައިޓަންގެ ކީޕަރުގެ ބާޓް ވާބްރޫގެން ބޯމަތިން ގޯލަށް ފޮނުވާލައިފަ އެވެ.

އާސެނަލުން ދެ ވަނަ ހާފު ފަށަން ޖެހުނީ ބޭނުންވި ގޮތަކަށް ނޫނެވެ. މި ހާފްގެ ކުޅުން ފެށިތާ ހަތަރު މިނިޓް ތެރޭ ރައިސް އަށް ރަތް ކާޑު ދެއްކީ ދެ ވަނަ ރީނދޫ ކާޑާ އެކު އެވެ. ދެ ވަނަ ރީނދޫ ކާޑު ދެއްކީ، ބްރައިޓަންގެ ޖޯލް ވެލްޓްމަން އަވަހަށް ކުޅުން ފަށަން އުޅުނު ވަގުތެއްގައި ހުރަސްއެޅި ކަމަށް ބަލަ އެވެ. މިއީ، ޕްރޮފެޝަނަލް ކެރިއަރުގައި ރަސް އަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.

ބްރައިޓަންގެ ޕެޑްރޯ (ވ) އަތުން ބޯޅަ ހޯދަން އާސެނަލްގެ ސަކާ މަސައްކަތްކުރަނީ.


އާސެނަލްގެ ކުޅުންތެރިއަކު މަދުވިތާ ހަތް ވަރަކަށް މިނިޓް ފަހުން ބްރައިޓަން އިން އެއްވަރުކުރި އެވެ. މެޗުގެ 58 ވަނަ މިނިޓްގައި މި ލަނޑު ޖެހީ، ޖޮއާއޯ ޕެޑްރޯ އެވެ. މިދިޔަ ހަފްތާގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބްރައިޓަން މޮޅުކޮށްދިން ޕެޑްރޯ މި ލަނޑު ޖެހީ، އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ އަތުގައި ޖެހިފައި ނުކުތް ވަގުތު އެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް އާސެނަލުން މޮޅުވެވޭތޯ މަސައްކަތްކޮށް ފުރުސަތުތަކެއް ހޯދި އެވެ. އެ ގޮތުން، އޭރިއާތެެރެއިން ހުސްކޮށް، ލިބުނު ފުރުސަތެއްގައި ހަވާޓްޒް ޖެހި ބޯޅަ ކީޕަރު ވާބްރޫގެން މަތަކުރި އެވެ. އޭގެ ފަހުން، ހަވާޓްޒް ދިން ބޯޅައެއްގައި ސަކާ ޖެހި ޝޮޓް އަމާޒުވީ ކީޕަރު ވާބްރޫގެން އަތަށެވެ.

ޕްރިމިއާ ލީގުގެ ތާރީހުގައި ކޯޗުކޮށްދޭ އެންމެ ހަގު ކޯޗު، 31 އަހަރުގެ ފަބިއަން ހާޒްލާގެ ކޯޗުކަމުގައި ކުޅޭ ބްރައިޓަން އިން މެޗުން މޮޅުވެވޭތޯ ލަނޑެއް ޖަހަން ކުރި މަސައްކަތުގައި އެންމެ ހުސް ފުރުސަތު ލިބުނީ، ޔާސީން އަޔާރީ އަށެވެ. ބްރައިޓަންގެ ކުޅުންތެރިއަކު އޭރިއާބޭރުން ޖެހި ޝޮޓެއް ބްލޮކްވެގެން އޭރިއާތެރެއިން އަޔާރީ އަށް ލިބުނު ބޯޅަ ފޮނުވާލެވުނީ އާސެނަލް ކީޕަރު ރާޔާއާ ދިމާލަށެވެ.

ކުޅުނު ފުރަތަމަ ތިން މެޗުން އާސެނަލާއި ބްރައިޓަން އަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.