31 އޮގަސްޓު 2024 - 13:55 2
ލީވާން އަލީ ނާސިރު
އަލީ އިހުސާން: ޕްރެސްއެއް ބާއްވާއިރު "އިއްތިފާގުތައް" ހުރިއްޔާ ޝައްކު އުފެދޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: ހޯމް މިނިސްޓްރީ
31 އޮގަސްޓު 2024 - 13:55 2
ޕްރެސް ކޮންފަރެންސްއެއް ބާއްވާއިރު ވެސް ބައިވަރު އެހެން "އިއްތިފާގުތަކެއް" ދިމާވާނަމަ ޝައްކު އުފެދޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައި އިހުސާން ވިދާޅުވީ ޕްރެސްއެއް ބޭއްވުން ގާނޫނާ ގަވާއިދާ ހިލާފު ކަމަށް އެއްވެސް މުއައްސަސާއަކުން ނާންގާނެ ކަމަށެވެ.
"ޕްރެސް ކޮންފަރެންސްއެއް ބޭއްވުމަކީ ގާނޫނާއި ގަވާއިދާ ހިލާފް ކަމެއް ނޫން. އެގޮތަށް އެއްވެސް މުއައްސަސާއަކުން ނާންގާނެ. އެކަމަކު ޕްރެސް ބާއްވާ ގަޑީ ބައިވަރު އެހެން އިއްތިފާގުތައް ދިމާވިއްޔާ ޝައްކު،" އިހުސާން ވިދާޅުވި އެވެ.
އަމީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އަންނަ ހަފްތާގައި އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ ފަރާތުން ޕްރެސްއެއް ބޭއްވުމަށް ވިސްނަމުންދާ ކަމަށެވެ. ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ނުވާ ގޮތަށް އެކަން ކުރަން އެންމެ ދުވަހަކާއި ވަގުތަކީ ކޮބައިތޯ އިހުސާން އާއި ޕޮލިސް އަދި ހޯމް މިނިސްޓްރީ ޓެގު ކުރައްވައި އަމީރު ވިދާޅުވެފައިވެ އެވެ.
"މި ފެށޭ ހަފްތާގައި އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ ފަރާތުން ޕްރެސް ކޮންފަރެންސެއް ބާއްވަން އެބަ ވިސްނާ. ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ނުވާނެ ގޮތަކަށް މިކަން ކުރަން އެންމެ ރަނގަޅު ދުވަހަކީ، ވަގުތަކީ ކޮބައިތޯ؟ އަންނަ ހަފުތާގެ އެއްވެސް ދުވަހަކު ދައުލަތުގެ އެއްވެސް އިދާރާއަކުން ބޮޑު ނިންމުމެއް ނިންމައި އިއުލާނު ކުރުމަށް ހަމަޖެހިފައިވޭތޯ"،" އަމީރު ވިދާޅުވެފައިވެ އެވެ.
ބީއެމްއެލް އާއި އެމްޑީޕީ ގުޅިގެން އޯގަސްޓު 25, ގައި ބަގާވާތަކުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކުރާކަން ފުލުހުން ހާމަކުރީ އޯގަސްޓު 26, ގެ ރޭ ގަ އެވެ.
"ތަހުގީގުގައި، ހޯދަން ޖެހޭ އެންމެހައި މައުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުން. މީގެ އިތުރުން، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާ ނަމަ އެކަން ދެނެގަތުމާއެކު، ތަހުގީގު މަރުހަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ދަނީ ކުރަމުން," ފުލުހުން އޭރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment