Advertisement

އޭޝިއާގެ ވޮލީބޯޅަ ޖަމިއްޔާގެ ނައިބަކަށް ވީއޭއެމްގެ ރައީސް ލަތީފް

31 އޮގަސްޓު 2024 - 03:23 0


އޭޝިއާގެ ވޮލީބޯޅަ ޖަމިއްޔާގެ ނައިބަކަށް ވީއޭއެމްގެ ރައީސް ލަތީފް

31 އޮގަސްޓު 2024 - 03:23 0

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)ގެ އެގްޒެކްޓިވް ނައިބު ރައީސަކަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސް، މުހައްމަދު ލަތީފް އިންތިހާބުވެވަޑައިގެންފި އެވެ.

ލަތީފް ވަނީ މި އަހަރުގެ ޖެނުއަރީ މަހު، އޭވީސީން އޮންލައިންކޮށް ބޭއްވި އެ އިދާރާގައި އާންމު ބައްދަލުވުމުގައި އޭވީސީގެ އެގްޒެކެޓިވް ޒޯނަލްގެ ނައިބު ރައީސަކަށް އިންތިހާބުކޮށްފަ އެވެ. ލަތީފް، އެ ފަހަރު، މި މަގާމަށް ހަމަޖެއްސީ ކުރިން މި މަގާމުގައި ހުރި ފަރާތުގެ މަގާމު ގެއްލުމާއެކުގަ އެވެ.

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މިދިޔަ ދެ ދުވަހު، ކުރިއަށްދިޔަ އޭވީސީގެ އިލެކްޓޯރަލް ކޮންގްރެސްގައި، އެ ފެޑެރޭޝަންގެ ރައީސަކަށް އިންތިހާބުވެވަޑައިގެންނެވީ، ފިލިޕީންސްގެ ވޮލީބޯލް ފެޑެރޭޝަންގެ ރައީސް، ރަމޯން ސުޒާރާ އެވެ. އޭނާ އޭވީސީގެ އިންތިހާބު ކާމިޔާބުކުރެއްވީ، 48 ވޯޓު ހޯއްދަވައިގެންނެވެ. ދެން، އިންތިހާބުގައި ވާދަކުރެއްވި ގަތަރުގެ، އަލީ ގާނިމް އަލް ހުވާރީ އަށް ލިބިވަޑައިގެންނެވީ، 15 ވޯޓެވެ.

ސުޒާރާ އަކީ، އޭވީސީގެ ރައީސްގެ މަގާމު ފުރުއްވާ ފިިލިޕީންސް އަށް އުފަން ދެ ވަނަ ފަރާތެވެ. މީގެ ކުރިން، އެ މަގާމު ފުރުއްވި ފިލިޕީންސްގެ ފަރާތަކީ، 1976-1979 އަށް އޭވީސީގެ ރައީސްކަން ކުރެއްވި ފިލިޕީންސްގެ ނެމެސީއޯ ޔަބޫޓް އެވެ.

ބެންކޮކްގައި މި މަހު 29 އާއި 30 ވަނަ ދުވަހު ކުރިއަށްދިޔަ 25 ވަނަ އޭވީސީގެ ޖެނެރަލް އެސެމްބްލީގެ ތެރެއިން.-- ފޮޓޯ: އޭވީސީ


މި އަހަރުން ފެށިގެން 2028 އަށް، އޭވީސީގެ ލީޑަޝިޕްގައި، ސުޒާރާއާ އެކު މަސައްކަތްކުރައްވަން އިންތިހާބުވީ، ސީނިއާ އެކްޒެކްޓިވް ނައިބު ރައީސަކަށް އޮސްޓްރޭލިއާގެ ކްރެއިގް ކެރަޗާ، އެގްޒެކްޓިވް ނައިބަކަށް ރާއްޖޭގެ ލަތީފް، ސެކްރެޓަރީ ޖެނެރަލަކަށް ކުކް އައިލެންޑްސްގެ ހިއު ގްރަހަމް، ޓްރެޝަރަކަށް ހޮންގްކޮންގް މަރީނާ ޓްސުއީ އަދި އިންޓާނަލް އޮޑިޓަރަކަށް، ބަހުރޭންގެ ހަސަން އަލްފްރާންސިނީ އެވެ.

އޭވީސީ ބޯޑުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލަތީފަށް ލިބިވަޑައިގެންނެވިއިރު، އޭނާ އަންނަނީ ކާވާގެ ރައީސްގެ މަގާމު ދެ ވަނަ ދައުރަކަށް ފުރުއްވަމުންނެވެ. މިއީ ރާއްޖޭގެ ފަރާތެއް އޭވީސީ އެގްޒެކެޓިވް ކޮމިޓީގައި ހުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ވޮލީ އެސޯސިއޭޝަންގެ ރައީސް ކަމަށް ލަތީފް އިންތިހާބުވީ 2016 ވަނަ އަހަރު އެވެ. ވިއޭއެމްގައި ލަތީފްގެ ލީޑަޝިޕްގެ ކަންކަން ދަނީ، ގަވާއިދުތަކާ އެއްގޮތަށް ނޫން ކަމަށް ބުނެ، މިދިޔަ ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް ވަނީ، ވީއޭއެމް ހިންގުން، ނޯމައިލިން ކޮމިޓީއެއްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ފަހުން، ވޮލީ އެސޯސިއޭޝަންގެ ހިންގުން ހުސްކަމެއްގެ ތެރެއަށް ދިޔައިރު، 2021 ވަނަ އަހަރު އިންތިހާބެއް ބާއްވައި، ރައީސް ކަމަށް އައީ، ލަތީފްގެ ހިންގާ ކޮމިޓީގައި ނައިބު ރައީސަކަށް މަސައްކަތް ކުރެއްވި މުހައްމަދު ރަނޭޝް (ރަނޭ) އެވެ.

އެކަމަކު، ރަނޭޝް އިސްތިއުފާ ދެއްވުމާ އެކު، މި އަހަރުގެ މާޗް ފަހުކޮޅު، ލަތީފް ވަނީ، ރަނޭޝްގެ ދައުރުގެ ބާކީ އޮތް އަހަރުގައި ރައީސްގެ މަގާމު އަދާކުރާނެ ފަރާތެއް ކަނޑައެޅުމަށް ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިފަ އެވެ.